21 ޖުލައި 2025 - 17:08 1
ސާއިފް ޝިޔާދު
ޖޭއެސްސީން ކުރިއަށްގެންދިޔަ ޣައިރު ގާނޫނީ ތަހުގީގަށް ބަޔާން ދިނުމަށް މަހާޒް ވަޑައިގަންނަވަނީ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމާ ގުޅިގެން އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރި --- ފޮޓޯ: އަދަދު
21 ޖުލައި 2025 - 17:08 1
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ބަންޑާރަ ނައިބުގެ މަގާމު އަދާކުރައްވަމުން ގެންދަވާ އަހުމަދު އުޝާމްއަކީ 2008 ގެ ފަހުން ފަނޑިޔާރުންނަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވި ބަންޑާރަ ނައިބުގެ ގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަނުން ހިންގި ކުއްލި ގައިރު ގާނޫނީ ތަހުގީގަކަށް ފަހު ވަކިކުރި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ސިފަކުރައްވައިފި އެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމުން މުއުތަސިމް އަދުނާން ރިޓަޔާ ކުރެއްވުމުން މަރުހަބާ ވިދާޅުވެ އުޝާމް ކުރެއްވި ޕޯސްޓެއް ކޯޓް ކުރައްވައި އެކްސްގައި މަހާޒް ވަނީ ޗެޓް ލޮގެއްގެ ފޮޓޯ ހިއްސާކުރައްވާފަ އެވެ. އެއީ ވަކީލެއް މެދުވެރިކޮށް އުޝާމް ގުޅުއްވި ގުޅުއްވުމެއްގެ ޗެޓްލޮގެކެވެ.
"މި އަށް މިނެޓްގެ ފޯނު ކޯލަކީ 10 ފެބްރުއަރީ 2025 ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލައެއް ދައުލަތުގެ އިދާރާއަކުން ބަލަން ނޫޅޭ ކަމަށާއި 25 އޮކްޓޯބަރ 2022 ގައި ހިނގާ އޮތް ހާދިސާއެއްގެ މައްސަލަ ވެސް ޖޭއެސްސީން ނުބަލާނެ ކަމުގައި ވަކީލެއް މެދުވެރިކޮށް އޭޖީ ގުޅުވި ގުޅުވުމެއް،" މާހާޒް ލިޔުއްވި އެވެ.
އެ ވަކީލުގެ އަރިހުގައި އޭޖީގެ މެސެޖު ސާފުވި ކަމަށް ދެންނެވި ކަމަށް މަހާޒު ލިޔުއްވާފައި ވެ އެވެ.
"2022 ގެ ވާހަކަ މިހާރު ދައްކާނީ ކީއްވެގެންކަން އެނގޭ ކަމުގަ އެ ވަކީލު ގާތުގަ ބުނިން. 2008 ގެ ފަހުން ފަނޑިޔާރުންނަށް މި ވަރަށް ނުފޫޒު ފޯރުވި އޭޖީއެއް ނުދެކެން،" އޭނާ ލިޔުއްވި އެވެ.
ދަށު ކޯޓަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތެއް އުފައްދައި، ގައިރު ގާނޫނީ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ފަނޑިޔާރުކަމުގެ މަގާމުން މަހާޒް ވަކިކުރީ މެއި 14، ގަ އެވެ. އޭނާގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ވެސް މަގާމުން އެ ދުވަހު ވަކިކުރި އެވެ.
އަޒްމިރާލްދާއަށް މީހަކު މެދުވެރިކޮށް ނުފޫޒު ފޯރުވި ކަމަށް އުޝާމަށް ތުހުމަތު ކުރެވެ އެވެ. އެ ވިދާޅުވާ ވާހަކައަކީ މި އަހަރުގެ ފެބްރުއަރީ މަހު ރައްޓެއްސަކާ ދެއްކެވި ވާހަކައެއް ކަމަށް އުޝާމް ވަނީ ލައިވް ޓީވީގައި ވެސް އިއުތިރާފްވެފަ އެވެ.
ފަނޑިޔާރުންގެ މައްޗަށް ހިންގި ތަހުގީގުގައި، ގާނޫނުގައި ބުނާ އިޖުރާއަތްތައް ފުރިހަމަކޮށްފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވަނީ ވިދާޅުވެފަ އެވެ. ޖޭއެސްސީގެ ތަހުގީގު ރިޕޯޓު ފާސް ކުރުމުން ފިލްޒާ ދެއްވި ލަފާގައި، ތަހުގީގުގައި ހުރި ގައިރު ގާނޫނީ ކަންކަން ވަނީ ފާހަގަ ކުރައްވައިފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment