Advertisement

މޯދީގެ ދަތުރާ ދިމާކޮށް އިންޑިއާއިން އެޅި ފްލެޓުތަކަށް މީހުން ވައްދަން އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި

21 ޖުލައި 2025 - 16:00 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފްލެޓް ލިބޭ މީހުންނާއެކު އެފްޑީސީން އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ: އެފްޑީސީ


މޯދީގެ ދަތުރާ ދިމާކޮށް އިންޑިއާއިން އެޅި ފްލެޓުތަކަށް މީހުން ވައްދަން އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި

21 ޖުލައި 2025 - 16:00 0

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުކުރު ދުވަހު ރާއްޖެއަށް ކުރައްވާ ދަތުރާ ދިމާކޮށް އިންޑިއާއިން އެޅި ގެދޮރުވެރިޔާ މަޝްރޫއުގެ 4،000 ފްލެޓް ލިބޭ މީހުންނާއެކު ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އެކުލަވާލި އެއްބަސްވުމުގައި ސޮއިކުރަން މިއަދު ފަށައިފި އެވެ.

އެފްޑީސީގެ އެމްޑީ ހަމްދާން ޝަކީލް އަދަދު އަށް ވިދާޅުވީ މިނިސްޓްރީން އެފްޑީސީއާ ހިއްސާކުރަމުންދާ ލިސްޓާ އެއްގޮތަށް ފްލެޓް ލިބުނު މީހުންނާއެކު މިއަދުން ފެށިގެން އެއްބަސްވުމުގައި ސޮއިކޮށް، މި މަސް ނިމެންވާއިރަށް އެއްބަސްވުންތަކުގައި ސޮއިކޮށް ނިމޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

"އެއްބަސްވުންތަކުގައި ސޮއިކުރުން ކުރިއަށް އެބަދޭ. ލިސްޓް އެކުލަވާލަނީ މިނިސްޓްރީން. އެކޮޅުން ފޮނުވަމުންދާ ވަރަކަށް އަޅުގަނޑުމެން ސޮއިކުރަމުންދާނީ. ޓަވާ ބައި ޓަވާ ފޮނުވަމުން އެދަނީ. އުންމީދު މިކުރަނީ މި މަސް ނިމެންވާއިރަށް އެއްބަސްވުންތަކުގައި ސޮއިކޮށް ނިމޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

މިހާތަނަށް އަށް ޓަވަރަކުން ފްލެޓް ލިބޭ މީހުންގެ ލިސްޓު މިނިސްޓްރީން ފޮނުވާފައިވާ ކަމަށާއި ކޮންމެ ޓަވަރެއްގައި ފްލެޓް ލިބޭ 128 މީހުން ހިމެނޭ ކަމަށް ހަމްދާން ވިދާޅުވި އެވެ.

ނަމަވެސް ފްލެޓް ލިބޭ މީހުންގެ ލިސްޓު ހައުސިން މިނިސްޓްރީން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

އަދަދުއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަތުރާ ދިމާކޮށް ބާއްވާނެ އެވެ.

ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރަން ފަށާފައި މިވަނީ ފްލެޓު ލިބޭ މީހުންގެ ލިސްޓު އާންމު ނުކޮށެވެ.

މި ސަރުކާރަށް އެއް އަހަރު ފުރިގެން ސޯޝަލް ސެންޓަރުގައި ބޭއްވި "ރައްޔިތުންނާ އެކު ކުރިއަށް" ޖަލްސާގައި ރައީސް މުއިއްޒު ވަނީ ލިސްޓު ނެރޭއިރު ކޮންމެ މީހެއްގެ ނަން ކައިރީގައި ތަފްސީލު އޮންނާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

"އަދަދުތަކާއެކީ، އަޅުގަނޑުމެން ލިސްޓް ނެރޭއިރުގައި، ކޮންމެ މީހެއްގެ ނަން ކައިރީގައި އޮންނާނެ ތަފްސީލު. ތަފްސީލާއެކީ އަޅުގަނޑުމެން ނެރޭނީ. ވަރަށް ދެފުށް ފެންނަ ލިސްޓެއް ނެރޭނަން އަޅުގަނޑުމެން. ކޮންމެ މީހެއްގެ ތަފްސީލު. ހޮވުނުގޮތްވިޔަސް، ނުހޮވުނުގޮތްވިޔަސް އޮންނާނެ،" ކުރީ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް އަމާޒު ކުރެއްވުމަށް ފަހު ނޮވެމްބަރު 17، 2024 ގައި ރައީސް ލައިވް ޓީވީގައި ވިދާޅުވި އެވެ.

އެހެން ވިދާޅުވިތާ 246 ދުވަސް ފާއިތުވެގެންދިޔައިރު ވެސް ތަފްސީލުތައް ހިމެނޭ އެއްވެސް ލިސްޓެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް އެފްޑީސީއަށް ފޮނުވާ މީހުންނަށް "ގެދޮރުވެރިޔާ ޕޯޓަލް" މެދުވެރިކޮށް އެކަން އަންގާނެ ކަމަށާއި ޕޯޓަލްއިން ނާންގާ ފަރާތްތަކަށް މިނިސްޓްރީން ނުވަތަ އެފްޑީސީން ނުގުޅާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އިންފްރާސްޓަރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު މިދިޔަ މަހު ވިދާޅުވީ މިހާރު ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރަށް ބަލާއިރު، 4،000 ފްލެޓް ހަވާލުކޮށް ނިމޭނީ އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކަމަށެވެ.

ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން 4،000 ފްލެޓް ހިމެނެނީ ޖުމްލަ 32 ޓަވަަރުގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ 2،800 ޔުނިޓާއި ދެ ކޮޓަރީގެ 1،200 ޔުނިޓެވެ.