Advertisement

މާލޭގައި ނޫޅުނަސް ސަރުކާރަށް ބޭނުން ބަޔަކަށް ގޯތި ދެވޭ

17 ނޮވެންބަރު 2025 - 11:18 3

އަމަން ހަލީމް

އަމަން ހަލީމް

ހައުސިން މިނިސްޓަރު އަބްދުﷲ މުއްތޮލިބު "އާއިލީ ބޯހިޔާވަހިކަން" އިފްތިތާހުކުރި ރަސްމިއްޔާތުގައި: ސަރުކާރުން ބުނާ ގޮތުގައި މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުން ގެދޮރުވެރިކަން ކަށަވަރުކުރެވޭނެ --- ފޮޓޯ: ހައުސިން މިނިސްޓްރީ


މާލޭގައި ނޫޅުނަސް ސަރުކާރަށް ބޭނުން ބަޔަކަށް ގޯތި ދެވޭ

17 ނޮވެންބަރު 2025 - 11:18 3

މާލޭ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭތާ ގިނަ އަހަރު ވެފައިވާ މީހުންނަށް ބިން ދިނުމަށް ސަރުކާރުން އެކުލަވާލި އުސޫލުގައި، މާލޭގައި ދުވަހަކު ދިރިނޫޅޭ މީހުންނަށް ވެސް ސަރުކާރުން ބޭނުންވެއްޖެ ނަމަ ބިން ދެވޭ ގޮތަށް މާއްދާއެއް ހިމަނައިފި އެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ގެޒެޓުކޮށްފައިވާ "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު" ގައި އޮތް ގޮތުން ބިމަށް އެދި ހުށަހެޅެނީ ދެ ކެޓެގަރީއެއްގެ މީހުންނަށެވެ. އެއީ މާލޭ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނެވެ.

ނަމަވެސް އޭގެ ތިރިއަށް މާއްދާއެއް އިތުރުކޮށް، ސަރުކާރުން ބޭނުންވާ އިތުރު ކެޓެގަރީތަކަށް ބިން ދޫކުރެވޭނެ ކަމަށް އޮތީ ބަޔާންކޮށްފަ އެވެ. އަދި، މި ގޮތަށް ކަނޑައަޅާ ކެޓެގަރީތަކުގެ ޝަރުތުތަކާއި އުސޫލު މިނިސްޓްރީން ކަނޑައަޅައި އާންމުކުރަން ވާނެ ކަމަށް ވެސް އުސޫލުގައި ވެ އެވެ.

މި ބުނާ ކެޓަގަރީތަކަކީ ކޮބައި ކަމެއް އުސޫލުގެ އިތުރު އެއްވެސް ހިސާބެއްގައި ލިޔެފައި ނެތެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އިފްތިތާހުކޮށް، މައުލޫމާތު ދޭން ބޭއްވި ބައްދަލުވުމުގައި ވެސް މާލޭގައި ދިރިނޫޅޭ ބަޔަކަށް ބިން ދިނުމާ ގުޅޭ އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުސޫލު


8. ހާއްސަ ކެޓެގަރީތައް ކަނޑައެޅުން މި އުސޫލުގެ ހަ ވަނަ މާއްދާ އާއި ހަތް ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކެޓަގަރީތަކުގެ އިތުރުން، މިނިސްޓްރީން ކަނޑައަޅާ ހާއްސަ ކެޓަގަރީތަކަށް ގޯތި ދޫކުރުމަށް އިއުލާނު ކުރެވިދާނެ އެވެ. އަދި އެކަމާ ގުޅޭ ޝަރުތުތަކާއި އުސޫލު މިނިސްޓްރީން ކަނޑައަޅައި އާންމުކުރަންވާނެ އެވެ.

މާލޭގައި ދިރިއުޅޭ މީހުންނަށް ގޯތި ދޭން ގެޒެޓުކުރި އުސޫލެއްގައި، ސަރުކާރުން ހާއްސަ ކެޓެގަރީތަކެެއް ކަނޑައަޅައިގެން ބިން ދެވޭ ގޮތަށް މާއްދާއެއް ހިމެނި ސަބަބެއް ނޭނގެ އެވެ.

މާލޭ ސަރަހަައްދުން ބިން ދިނުމުގެ އުސޫލާއި ފްލެޓު ދިނުމުގެ އުސޫލަކީ، ބޯހިޔާވަހިކަން ބޭނުންވާ އެންމެނަށް މި ދައުރުގެ ތެރޭގައި ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުން ގެންގުޅޭ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ހިންގާ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ އުސޫލުތަކެވެ.

މިއީ ތަނަވަސްކަން ހުރި އާއިލާތަކާއި ތަނަވަސްކަން ނެތް އާއިލާތަކަށް ވެސް ގެދޮރު ކަށަވަރުކޮށްދިނުމުގެ އަމާޒުގައި އެކުލަވާލި ސިޔާސަތެއް ކަމަށް ސަރުކާރުން ބުންޏެވެ.

ސަރުކާރުގެ ހައުސިން ސިޔާސަތުގެ ދަށުން ސޯޝަލް ހައުސިންއަށް ޝަރުތު ހަމަވަނީ 60،000ރ. އިން ދަށުގެ އާމްދަނީއެއް ލިބޭ މީހުންނަށެވެ. އެ އަށް ވުރެ މަތިން އާމްދަނީ ލިބޭ މީހުންނަށް ހިންގަނީ އެފޯޑަބަލް ހައުސިން ސްކީމެކެވެ. ބިން ދިނުމުގައި އާމްދަނީގެ ބަދަލުގައި ބަލަނީ ގެދޮރުވެރިކަމުގެ ހާލަތަށެވެ.