Advertisement

ޓީއެމްއޭ ހަޅުތާލު: މައްސަލަ ހައްލު ކުރަން މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދޭން ޓީއެމްއޭ އިން ނިންމައިފި

20 ޖުލައި 2025 - 16:10 4

ޓީއެމްއޭގެ މަތިންދާބޯޓެއް: އެމްއޭސީއެލަށް ދައްކަންޖެހޭ ފައިސާ އެ ކުންފުނިން ދައްކަނީ ޑޮލަރުން -- ފޮޓޯ: އަދަދު ފައިލް


ޓީއެމްއޭ ހަޅުތާލު: މައްސަލަ ހައްލު ކުރަން މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދޭން ޓީއެމްއޭ އިން ނިންމައިފި

20 ޖުލައި 2025 - 16:10 4

ޓްރާންސް މޯލްޑިވިއަން އެއާލައިންސްގެ މުވައްޒަފުންގެ މުސާރައިގެ ބައެއް ދިވެހި ރުފިޔާއިން ދޭން ނިންމުން، މަސައްކަތް ހުއްޓާލައި ހަޅުތާލު ކުރަން ނިންމާފައި ވަނިކޮށް، މުސާރަ އެއްކޮށް ޑޮލަރުން ދޭން ޓީއެމްއޭ އިން ނިންމައިފި އެވެ.

ޕައިލެޓުން ހިމެނޭ ގޮތަށް ޓީއެމްއޭގެ ހުރިހާ މުވައްޒަފުން މަސައްކަތް ހުއްޓާލައި ހަޅުތާލު ކުރަން ރޭވީ ޖުލައި 29، ވަނަ ދުވަހަށެވެ. އެއީ، ސަރުކާރަށް ޑޮލަރު މާރު ކުރަން މަޖުބޫރު ކުރާ ސިޔާސަތާ ހެދި ކުންފުންޏަށް ދަތިތަކެއް ކުރިމަތިވެ، މުވައްޒަފުންނަށް ރުފިޔާއިން މުސާރަ ދޭން ނިންމުމުންނެވެ.

އެކަމަކު، ޓީއެމްއޭގެ ސީއީއޯ އުސާމާ ފައުޒީ މުވައްޒަފުންނަށް ފޮނުވި މެސެޖެއްގައި ބުނީ، ކުރިން އެ ކުންފުނިން ނިންމި ނިންމުމަށް އަމަލު ނުކުރަން މިހާރު ނިންމާފައިވާ ކަމަށެވެ. ޓީއެމްއޭ އިން ކުރިން ނިންމީ މުސާރައިގެ 80 ޕަސެންޓު ޑޮލަރުން ދިނުމަށްފަހު ބާކީ 20 ޕަސެންޓު ރުފިޔާއިން ދިނުމަށެވެ.

މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުމުގައިވާ ގޮތަށް ޑޮލަރުން މުސާރަ ދޭން ނިންމުމުން، މުވައްޒަފުންގެ ހަޅުތާލު ދެން ކުރިއަށްދާނެ ކަމަކަށް ނުބެލެވެ އެވެ. ނަމަވެސް ހަޅުތާލު އޯގަނައިޒް ކުރި މުވައްޒަފުންގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.

މަޖުބޫރުން މާރު ކުރުވާ އާމްދަނީގެ 20 ޕަސެންޓުގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް ދައްކަންޖެހޭ ފައިސާ އާއި ތެޔޮ ބިލު ވެސް ޓީއެމްއޭ އިން ދައްކަނީ ޑޮލަރުންނެވެ. ޑޮލަރު މާރު ކުރުމުގެ ސިޔާސަތާއެކު އެއާޕޯޓަށް ދައްކަންޖެހޭ ފައިސާ ރުފިޔާއިން ދައްކަން ޓީއެމްއޭ އިން ހުށަހެޅި އެވެ. އެކަމަކު އެމްއޭސީއެލް އިން އެކަމާ ދެކޮޅު ހެދި އެވެ. މުވައްޒަފުންގެ މުސާރައިގެ ބައެއް ރުފިޔާއިން ދިނުމަށް ޓީއެމްއޭ އިން ނިންމީ އެ ހިސާބުންނެވެ.

ފަސްދޮޅުހަށް ވުރެ ގިނަ ސީޕްލޭން އޮޕަރޭޓުކުރާ ޓީއެމްއޭގައި 1500 އަށް ވުރެ ގިނަ މުވައްޒަފުން އެބަ ތިއްބެވެ. އެއީ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި އޮޕަރޭޓް ކުރާ ސީޕްލޭން ފްލީޓެވެ.