Advertisement

ޕީއެންސީ މެޖޯރިޓީ އޮންނަ ހައުސިން ކޮމިޓީން މަސައްކަތް ނުކުރެވެނީ އެންމެ ކައުންސިލަރަކާ ހެދި ކަމަށް ބުނެފި

17 ޖުލައި 2025 - 11:11 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު، މުހައްމަދު އަރީޝް --- ފޮޓޯ: ރާއްޖެ އެމްވީ


ޕީއެންސީ މެޖޯރިޓީ އޮންނަ ހައުސިން ކޮމިޓީން މަސައްކަތް ނުކުރެވެނީ އެންމެ ކައުންސިލަރަކާ ހެދި ކަމަށް ބުނެފި

17 ޖުލައި 2025 - 11:11 1

މާލެ ސިޓީ ކައުންސިލުގައި އޮންނަ ހައުސިން ކޮމިޓީން އެއްވެސް މަސައްކަތެއް ނުކުރެވެނީ މިދިޔަ އޮކްޓޫބަރު މަހު އެ ކޮމިޓީން ވަކިކުރި، ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު، މަރިޔަމް ނާޒިމާ މުހައްމަދު ފާއިޒް އާ ހެދި ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު، މުހައްމަދު އަރީޝް މިއަދު ވިދާޅުވެއްޖެ އެވެ.

އަރީޝް އެހެން ވިދާޅުވީ މިއަދު އޮތް އެ ކައުންސިލުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

"ހަގީގަތަށް ބުނަންޏާމުން، ކޮމިޓީއެއް ހެއްދެވި. ހައުސިން މިނިސްޓްރީ ތެރޭގައި އަޅުގަނޑުމެން ކޮމިޓީ މަރުހަލާފައި ވާހަކަތަކެއް ދެކެވިގެންދިޔަ، އެކަމަކު އެ ކޮމިޓީ ކުރިއަށް ދާގޮތް ނުވީ ކައުންސިލަރު މަރިޔަމް ނާޒިމާގެ ސަބަބުން، ކައުންސިލަރު މަރިޔަމް ނާޒިމާގެ ސަބަބުން އެ ކޮމިޓީ ހަމަ އެއްގޮތަކަށް ވެސް ކުރިއަށް ދާގޮތެއް ނުވި،" އަރީޝް ވިދާޅުވި އެވެ.

"ކޮމިީޓީ ތެރޭގައި މުޅީން ޝަކުވާ، ކުރިއަށް ދާން އެއްވެސް މަސައްކަތެއް ކުރާކަށް އެ ބޭފުޅާ ބޭނުމެއް ނުވި، އެކަހަލަ ގޮތްގޮތަށް ދަމުން ގޮސް އެންމެފަހުން އިސްތިއުފާ ދީފައި އެތަނުން ނުކުމެގެން ދިޔައީ،"

އަރީޝް ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމާ ނިންމުންތައް ވެސް ނާޒިމާއަށް ކަމު ނުދިޔަ ކަމަށެވެ.

އަރީޝް އެހެން ވިދާޅުވި ނަމަވެސް ހައުސިން ކޮމިޓީން ނާޒިމާ އިސްތިއުފާ ދެއްވީއެއް ނޫނެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު، ނާޒިމާގެ އެދުމުގެ މަތީން އެ ކޮމިޓީން ނާޒިމާ ވަކިކުރީ އެވެ. އޭނާގެ ބަދަލުގައި އެ ކޮމިޓީއަށް އައްޔަނު ކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު، ސައިފް ފާތިހު އެވެ.

ސައިފް އެ ކޮމިޓީއަށް އައްޔަނުކުރެއްވި ފަހުން ވެސް އެއްވެސް ބައްދަލުވުމެއް ނުބާއްވާ ކަމަށް އަރީޝްއަށް ރައްދު ދެއްވައި މިއަދުގެ ކައުންސިލް ބައްދަލުވުމުގައި ސައިފް ވިދާޅުވި އެވެ. އެއާއެކު ކޮންމެވެސް ވަރެއްގެ ދެބަސްވުންތަކެއް ބައްދަލުވުމުގައި ހިނގި އެވެ. ނަމަވެސް އެ ވަގުތު މައިކު ކަނޑާލާފައި ހުރުމުން ދެއްކި ވާހަކަ މާބޮޑަށް ސާފެއް ނުވި އެވެ.

އެކަމާ ބެހޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ސައިފްއަށް ގުޅުމުން އޭނާ ވިދާޅުވީ ހައުސިން ކޮމިޓީގެ ބައްދަލުމެއް އެންމެފަހުން ބޭއްވި ދުވަހެއް ހަނދާން ވެސް ނެތް ކަމަށެވެ.

"ނުވެސް އެނގޭ އެންމެފަހުން އެ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވި ދުވަހެއް،" ސައިފް ވިދާޅުވި އެވެ.

ސިޓީ ކައުންސިލްގެ ހައުސިން ކޮމިޓީން އެއްވެސް މަސައްކަތެއް ނުކުރެވެނީ ނާޒިމާގެ ސަބަބުން ކަމަށް އަރީޝް ވިދާޅުވިއިރު، އެ ކޮމޮޓީގައި ހިމެނޭ ހަތަރު މެންބަރުންގެ ތެރެއިން ތިން ކައުންސިލަރުން ވެސް ނިސްބަތްވެވަޑައިގަންނަވަނީ ޕީއެންސީއަށެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ:

  • ހެންވޭރު އުތުރު ދާއިރާގެ ކައުންސިލަރު، އައިޝަތު ނިޒްލީ ރަޝީދު (ނިންނި)
  • ގަލޮޅު ދެލުނު ދާއިރާގެ ކައުންސިލަރު، އިބްރާހިމް މުހައްމަދު (އިބުޓީ)
  • މާފަންނު ހުޅަނގު/އުތުރު ދާއިރާގެ ކައުންސިލަރު އަދި ޑެޕިއުޓީ މޭޔަރު، މުހައްމަދު އަރީޝް (އައްޓު)
  • ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު، މުހައްމަދު ސައިފް ފާތިހު (އައިކޮ)

މާލެ ސިޓީ ކައުންސިލުގައި ހައުސިން ކޮމިޓީއެއް އުފެއްދީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ކޮމިޓީގެ މުހިންމު ނިންމުންތަކުގައި ސިޓީ ކައުންސިލްގެ ބައިވެރިވުން ބޭއްވުން މުހިއްމު ކަމަށް ބުނެ ހައުސިން މިނިސްޓަރަކަށް އޭރު ހުންނެވި، ޑރ. އަލީ ހައިދަރު އެވެ.

ހައިދަރު އެ ކޮމިޓީ އޭރު އުފެއްދެވީ މާލެ ސިޓީ ކައުންސިލަށް ނުވެސް އެނގި އެވެ. އެއަށްފަހު ފްލެޓު ލިސްޓާ މެދު ހައުސިން މިނިސްޓްރީން އަމަލު ކުރާނެ ގޮތް ނިންމީ އެ ކޮމިޓީން އެރުވި ލަފަޔަށް ވެސް ރިއާޔަތް ނުކޮށެވެ.