19 ޖުލައި 2025 - 10:05 6
ލީވާން އަލީ ނާސިރު
19 ޖުލައި 2025 - 10:05 6
ކުޅިވަރާ ބެހޭ ގާނޫނު ވުޖޫދުވުމުން އުވުނު ސްޕޯޓްސް ކޯޕަރޭޝަންގެ މުވައްޒަފުންނަށް "ރަނގަޅު ގޮތްތަކެއް" ހަދައިދޭނެ ކަމަށް ބުނެ އެ މުވައްޒަފުންނަށް ސްޕޯޓްސް މިނިސްޓްރީން ކުޑަ މުސާރައެއް ހުށަހަޅައިފި އެވެ.
ސްޕޯޓްސް ކޯޕަރޭޝަންގެ ބައެއް މުވައްޒަފުން އަދަދު އާ ވާހަކަ ދައްކަމުން ބުނީ އެ ކޯޕަރޭޝަން އުވާލާފައިވާތީ، އެތަނުގައި ތިބި މުވައްޒަފުންނަށް ޔޫތު މިނިސްޓްރީ އިން ހުށަހެޅީ މިހާރު ސްޕޯޓްސް ކޯޕަރޭޝަނުން ދޭ މުސާރައަށްވުރެ ދެބައިކުޅަ އެއްބައި ކުޑަ މުސާރައެއް ކަމަށެވެ.
އެ ކޯޕަރޭޝަނުގެ މުވައްޒަފަކު ބުނީ ސްޕޯޓްސް ކޯޕަރޭޝަނުގެ ހުރިހާ މުވައްޒަފުންހެން ލިބޭ އުޖޫރައަށް ބަރޯސާވެގެން ލޯނުތައް ނަގައިގެން ތިބިއިރު، ކުއްލިއަކަށް ކުޑަ މުސާރައަކަށް މިނިސްޓްރީއަށް ބަދަލުވާން ޖެހުމަކީ އެ މުވައްޒަފުންނަށް ވެސް ލިބޭނެ ބޮޑު ގެއްލުމަކަށް ވާނެ ކަމަށެވެ.
ސްޕޯޓްސް ކޯޕަރޭޝަން އުވައިލި އިރު، ކުޅިވަރާ ބެހޭ ގާނޫނުގައި ބުނެފައި ވަނީ ކޯޕަރޭޝަނުން ހަދާފައިވާ އެއްބަސްވުންތައް ސްޕޯޓްސް މިނިސްޓްރީއަށް ބަދަލުވާނެ ކަމަށެވެ. އެހެންކަމުން، މުވައްޒަފުންނާއެކު ހަދާފައި ހުރި ވަޒީފާގެ އެއްބަސްވުންތައް ވެސް އެގޮތުގައި ދެމި އޮވެ، މިނިސްޓްރީގެ ދަށަށް ބަދަލުވާނެ ކަމަށް ކޯޕަރޭޝަނުގެ މުވައްޒަފުން ދެކެ އެވެ.
މިކަމާ ގުޅޭ ގޮތުން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަންގައި ތިބި މުވައްޒަފުން މިނިސްޓްރީއަށް ބަދަލުކޮށް، އެ މުވައްޒަފުންނާ މެދު އަމަލުކުރާނެ ގޮތެއް މިނިސްޓްރީން ބަލަމުންދާ ކަމަށެވެ.
"މިހާރު އެތަނުގެ މުވައްޒަފުން އެތިބީ މިނިސްޓްރީގެ މުވައްޒަފުންގެ ގޮތުގައި. އެމީހުންގެ ޓްރާންސިޝަން ކުރިއަށް އެދަނީ. ޓްރާންސިޝަން ޕީރިއަޑަކަށް މި އޮތީ ތިން މަސް އަޅުގަނޑުމެން ހަމަޖައްސާފައި. ތިން މަސް ތެރޭގައި އެމީހުންނަށް ލިބެމުންދާ މުސާރަ ލިބޭ ގޮތަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ރާފިއު އިތުރަށް ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަންގައި ތިބި މުވައްޒަފުންގެ ތެރޭގައި ބޮޑެތި މުސާރަ ލިބޭ މުވައްޒަފުން ތިބިއިރު، އެ މުވައްޒަފުންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދެވޭތޯ އެކި ކުންފުނިތަކާ ވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ.
"އެ މުވައްޒަފުން ސިވިލް ސާވިސްގެ އޮނިގަނޑަށް ފެތިގެންދާއިރުގައި މުސާރައިގެ ވޭރިއޭޝަންތަކެއް ހުންނާނެ. ފުދޭވަރަކަށް ބޮޑެތި މުސާރަ ލިބޭ ގޮތަށް ވެސް އެބަހުރި އެތަނުގެ މަގާމުތައް. ދެން އެކަންކަމަށް އަޅުގަނޑުމެން ވާހަކަ ދައްކައިގެން އިތުރު ސޮލިއުޝަންތައް ހޯދޭތޯ ވާހަކަ ދައްކަމުން މިދަނީ ކުންފުނިތަކާ ދޭތެރޭގައި ވެސް،" މިނިސްޓަރު ވިދާޅުވި އެވެ.
މި އަހަރުގެ މެއި 5، ގައި ކުޅިވަރު ގާނޫނު އިސްލާހު ކުރުމާއެކު ސްޕޯޓްސް ކޯޕަރޭޝަން ވަނީ އުވިގެން ގޮސްފަ އެވެ. މިގޮތުން އެތަނުގައި ތިބި މުވައްޒަފުންގެ ޓްރާންސިޝަން މުއްދަތު އަންނަ އޯގަސްޓް 5، ގައި ހަމަވާނެ އެވެ.
ސްޕޯޓްސް ކޯޕަރޭޝަނުގެ ބެލުމުގެ ދަށުގައި ބައެއް ބިންތަކާއި އަދި ގިނަ އަދަދެއްގެ އެސެޓްތައް ހުރިއިރު އެ އެސެޓްތައް ބަދަލުކުރާނީ ސްޕޯޓްސް މިނިސްޓްރީ ދަށަށެވެ.
Comment