Advertisement

ތިން މަސް ތެރޭގައި ދެވަނަ ފަހަރަށް ރައީސް މުއިއްޒުގެ ދަތުރެއް އިނގިރޭސިވިލާތަށް

15 ޖުލައި 2025 - 20:23 3

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ފުރާވަޑައިގެންނެވުން -- ފޮޓޯ: ރައީސް އޮފީސް


ތިން މަސް ތެރޭގައި ދެވަނަ ފަހަރަށް ރައީސް މުއިއްޒުގެ ދަތުރެއް އިނގިރޭސިވިލާތަށް

15 ޖުލައި 2025 - 20:23 3

ތިން މަސް ތެރޭގައި އިނގިރޭސިވިލާތަށް ކުރައްވާ ދެވަނަ ދަތުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ފުރާވަޑައިގެންނެވީ މަތީ ފަންތީގެ ބައްދަލުކުރެއްވުންތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ. އެއީ ކިހާ މަތީ ފަންތީގެ ބައްދަލުވުންތަކެއް ކަމެއް ހާމައެއް ނުކުރެ އެވެ.

އިނގިރޭސިވިލާތަށް ރައީސް ކުރައްވާ ދަތުރުގައި ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ބައްދަލުކުރެއްވުންތަކެއްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އެ ބައްދަލުކުރެއްވުންތަކުގައި ސަރުކާރު ހިންގުމާއި، މޫސުމީ އަދި ތިމާވެއްޓާ ގުޅުންހުރި މައްސަލަތަކުގެ އިތުރުން ވިޔަފާރި އާއި ވުނަކުރުމާއި ތަޢުލީމީ ދާއިރާގައި އިތުރަށް އެއްބާރުލުންދިނުމާ މެދު މަޝްވަރާކުރެވޭނެއެވެ

މީގެ އިތުރުން ލަންޑަންގައި ބާއްވާ ބިޒްނަސް ފޯރަމެއްގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުގެ ތެރެއިން ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތެރިކަން މާކެޓު ކުރާ ސަރުކާރުގެ ބްރޭންޑެއް އިފްތިތާހުކުރާނެ އެވެ. އެއީ މި ސަރުކާރުން އުފެއްދި އައު ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން ގެ ދަށުން ހިންގާ ބްރޭންޑެކެވެ.

އެ ކުންފުނީގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ދެ ބްރޭންޑަކީ "ފްރޮމް މޯލްޑިވްސް އޯޝަންސް ފައިނެސްޓް"، އަދި "ފްރޮމް މޯލްޑިވްސް" އެވެ.

ރައީސް މުއިއްޒު އެންމެ ފަހުން އިނގިރޭސިވިލާތަށް ވަޑައިގެންނެވީ އޭޕްރިލް 1، ގައި ލިވަޕޫލް އެފްސީގެ ރަސްމީ ޓޫރިސްޓު މަންޒިލަކަށް ރާއްޖެ ހަމަޖައްސާ އެ ކްލަބާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަށް ފެށުމަށެވެ.

މީގެއިތުރުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވެސް ރައީސް ވަނީ އިނގިރޭސިވިލާތަށް ނުރަސްމީ ދަތުރެއްގައި ވަޑައިގެންފަ އެވެ.