15 ޖުލައި 2025 - 12:43 2
ސާއިފް ޝިޔާދު
15 ޖުލައި 2025 - 12:43 2
ޑޮލަރު ތާށިކަން އިންތިހާއަށް ބޮޑުވެ، އާންމުންނާއި ވިޔަފާރިތަކަށް ޑޮލަރެއް ގަންނަން ލިބޭ އަގު 20ރ. އަށް އަރާފައިވާތީ ކަންބޮޑުވުން ފާޅުކުރެއްވި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނަށް މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ރައްދު ދެއްވައިފި އެވެ.
ޑޮލަރުގެ އަގު މަތިވަމުންދާތީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން އެކަމަށް ފާޑުކިޔާފައި ވަނީ މިއަދު މަޖިލީހުގައި ކުރިއަށްދިޔަ "މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ގާނޫނު" ގެ ބިލުގެ ބަހުސްގެ ތެރެއިންނެވެ.
"މިއަދު މިއޮތް އިގުތިސާދީ ހާލަތު މިހާ ހިސާބަށް ގެނެސްދިން ކަމަށްޓަކައި މިއަދުގެ ސަރުކާރަށް، އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް އަޅުގަނޑުމެން ފަށްފަށުން ޝުކުރު އަދާކުރަން ޖެހޭ. އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ދައުލަތާ ހަވާލުވިއިރު މި ދައުލަތް އޮތް ހާލަތު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ އިދިކޮޅު ފަރާތްތަކަށް، އެމްޑީޕީއަށް،" އެމްޑީޕީގެ މެންބަރުންނަށް ރައްދު ދެއްވައި އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު ވިދާޅުވި އެވެ.
އިގުތިސާދު މި ހާލަތަށް ވައްޓާލީ އެމްޑީޕީއިން ކަމަށް ފަލާހު ތުހުމަތު ކުރެއްވި އެވެ.
"ޑޮލަރު ރޭޓަށް އައިސްގެން މި އުޅޭ ބަދަލު، މިއަދު އައިސްފައި މިއޮތީ ކިހިނެއް ކަމެއް އެނގިވަޑައިގަންނަވާނީ އެ ބޭފުޅުންނަށް. އެ ބޭފުޅުން ކުރެއްވި ވައްކަންތަކާއި، އެ ބޭފުޅުން ވައްކަމުން ނެގި ފައިސާ ވެސް އެނގިވަޑައިގަންނަވާނީ އެ ބޭފުޅުންނަށް،" ފަލާހު ވިދާޅުވި އެވެ.
ރާއްޖޭގައި ގާނޫނުތައް ލިޔެވިފައި ހުރީ އެންމެ ފުރިހަމައަކަށް ނޫން ކަމަށާއި އެމްޑީޕީއަކީ "ވައްކަން ކުރަން މޮޅު" ބައެއް ކަމަށް ފަލާހު ވިދާޅުވި އެވެ.
"އެމްޑީޕީން ކޮށްފައި ހުންނަ ވައްކަމެއް ހޯދަން ފަސޭހައެއް ނުވާނެ. އެ ވަރު ރައްކާތެރިކަމާ އެކު، ފުރަތަމަ ގާނޫނަށް ބަދަލު ގެނެސްގެން ވައްކަން ކުރެވޭނެ ގޮތަށް ނިޒާމު ބައްޓަން ކޮށްގެން އެމްޑީޕީއިން ވެރިކަމަށް އައިސް ވައްކަން ކުރަނީ. އެއީ އުނދަގޫ ކަމެއް އެކަމު އެކަން ކުރެވޭނެ،" ފަލާހު ވިދާޅުވި އެވެ.
އާންމުންނާއި ވިޔަފާރިތަކަށް ޑޮލަރެއް ގަންނަން ލިބޭ އަގު 20ރ. އަށް އަރާފައިވާއިރު، މި އަހަރުގެ ފުރަތަމަ ބައި ނިމުނުއިރު ދައުލަތަށް ލިބުނު ޑޮލަރު އާމްދަނީ އޭގެ ކުރީ އަހަރަށް ވުރެ 37 ޕަސެންޓު އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން އެނގެ އެވެ.
Comment