14 ޖުލައި 2025 - 08:04 3
14 ޖުލައި 2025 - 08:04 3
ބާރަށް ދުއްވި ސައިކަލަކުން މަގު ހުރަސް ކުރަން މަސައްކަތް ކުރި މީހެއްގެ ގައިގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ރޭ ނިޔާވި ޔޫސުފް އަލްސަން މުހައްމަދު، 17، އަކީ ސައިކަލު ދުއްވި ކުއްޖާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އަލްސަން ދުއްވި ސައިކަލުގެ ފަހަތުގައި ވެސް އިނީ އުމުރުން 18 އަހަރު ނުފުރޭ ކުއްޖެކެވެ. ފުލުހުން ބުނީ ސައިކަލުގެ ފަހަތުގައި އިނީ 16 އަހަރުގެ ކުއްޖެއް ކަމަށެވެ. އޭނާގެ ހާލު ވެސް ވަރަށް ސީރިއަސް ކަމަށް ފުލުހުން ބުނެ އެވެ.
ސައިކަލު ގޮސް ޖެހުނީ ބޮޑުތަކުރުފާނު މަގު މާފަންނު ބަސް ޓާމިނަލް ކުރިމަތީ ޒިބްރާ ކްރޮސް އިން މަގު ހުރަސް ކުރަން މަސައްކަތް ކުރި އުމުރުން 40 އަހަރުގެ މީހެއްގެ ގައިގަ އެވެ. އެއީ ދުވަން ނުކުމެ އުޅުނު މީހެކެވެ. ސައިކަލުން ޖެހި ވިއްސައިގެން ދިޔުމުގެ ސަބަބުން އޭނާއަށް ވެސް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އަލްސަންއަކީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ އާއި މަރިޔަމް އަޝްފާގެ ހަމައެކަނި ދަރިފުޅެވެ. އަލްސަންގެ ޖަނާޒާ ބާއްވައި ވަޅުލަން ހަމަޖެހިފައި ވަނީ މިއަދުގެ އަސުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގަ އެވެ.
އެ އެކްސިޑެންޓު ހިނގި މަންޒަރުގެ ސީސީޓީވީ ފުޓޭޖެއް ރޭ ވަނީ އާންމުވެފަ އެވެ. އޭގެން ފެންނަނީ ދުވަން ނުކުމެ އުޅުނު މީހާ ޒިބްރާ ކްރޮސްއަށް އެރި ފަހުން ސައިކަލު ބާރަށް އައިސް އޭނާގެ ގައިގައި ޖެހޭ މަންޒަރެވެ. ސައިކަލުން ނެއްޓެންވެގެން ތަންކޮޅެއް ބާރަށް ކުރިއަށްދާން އޭނާ މަސައްކަތް ކުރި އެވެ.
ދުވަން ނުކުމެ އުޅުނު މީހާގެ ގައިގައި ސައިކަލުން ޖެހުމުން އޭނާ ވިއްސައިގެން ގޮސް ޖެހުނީ ބިންމަތީގަ އެވެ. ސައިކަލު ޖެހުނީ ކުރިމަތިން އައި ޕިކަޕުގަ އެވެ. ސައިކަލު ފަހަތުގައި އިން ކުއްޖާއަށް ލިބުނު ގެއްލުމެ ތަފުސީލެއް އަދި ނުލިބެ އެވެ.
Comment