Advertisement

ފީފާ ކްލަބް ވޯލްޑް ކަޕްގެ އާމްދަނީ ދެ ބިލިއަން ޑޮލަރަށް ވުރެން މަތި: އިންފަންޓީނޯ

14 ޖުލައި 2025 - 07:33 0


ފީފާ ކްލަބް ވޯލްޑް ކަޕްގެ އާމްދަނީ ދެ ބިލިއަން ޑޮލަރަށް ވުރެން މަތި: އިންފަންޓީނޯ

14 ޖުލައި 2025 - 07:33 0

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 14) - އެމެެރިކާގައި މި ފަހަރު ކުރިއަށްގެންދިޔަ ފީފާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޖުމްލަ އާމްދަނީ ދެ ބިލިއަން ޑޮލަރަށް ވުރެން އިތުރު ކަމަށާއި މިއީ ކާމިޔާބު މުބާރާތެއް ކަމަށް ބުނެ، ފާޑުކިޔުންތަކަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ޖަވާބު ދެއްވައިފި އެވެ.

ކުރިން ކޮންފަޑެރޭޝަން ކަޕް ބާއްވަމުން އައި އަހަރުގައި، 32 ޓީމު ވާދަކުރާ ގޮތަށް ކްލަބް ވޯލްޑް ކަޕެއް ތާވަލުކުރުމުން ކުޅުންތެރިންނަށް އަނެއްކާ ވެސް ގިނަ .މެޗުތަކެއް ކުޅެން ޖެހި އުނދަގުލާ ކުރިމަތިވާ ކަމަށް ބުނެ، ކްލަބް ވޯލްޑް ކަޕްގެ މި ފޯމެޓަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވި އެވެ.

އެ ގޮތުން، ސްޕެނިޝް ލަލީގާގެ ރައީސް، ހަވިއޭ ޓެބާސް އާއި ލިވަޕޫލްގެ ކުރީގެ ކޯޗު، ޔާގަން ކްލޮޕް ވަނީ، ކްލަބް ވޯލްޑް ކަޕް މި ގޮތަށް ބޭއްވުމާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ. ކްލަބް ވޯލްޑް ކަޕް މި ގޮތަށް ބޭއްވުމަށް، ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާގެ ގްލޯބަލް ޑިވެލޮޕްމަންޓް މަގާމުގައި މިހާރު ހުރި އާސެނަލްގެ ކުރީގެ ކޯޗު، އާސެން ވެންގާ ތާއީދުކުރިއިރު، މި ކަމަށް ބާރު އަޅައި، މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ވާހަަކަ ދެއްކި އެވެ.

ޕީއެސްޖީ އަތުން 3-0 އިން މޮޅުވެ، ޗެލްސީން ކްލަބް ވޯލްޑް ކަޕް ހޯދި މެޗުގެ ކުރިން، މީޑިއާ އަށް ދިން އިންޓަވިއުއެއްގައި، އިންފަންޓީނޯ ވިދާޅުވީ، ފާޑުކިޔުންތަކާ މެދު ބުނާނެ އެއްޗަކަށް ވުރެ އޭނާ އަށް މުބާރާތުން ފެނިގެންދިޔަ ކާމިޔާބީގެ ކަންކަން މާ ބޮޑު ކަމަށެވެ.

"އަހަރެމެންނަށް ފެނުނު ވާދަކުރި ޓީމުތައް ވަރަށް އުފަލުން ތިބީ. ތަފާތު ހިޔާލުތަކަށް އަހަރެމެން މަރުހަބާ ކިޔަން، ގަބޫލު ވެސް ކުރަން، އެކަމަކު، ރައީސެއްގެ ހައިސިއްޔަތުން ފީފާގެ މެމްބަރުން ނިންމާ ގޮތަށް ވެސް އަހަރެން އިހުތިރާމްކުރަން،" އިންފަންޓީނޯ ވިދާޅުވި އެވެ.

"އާމްދަނީ އަށް ބަލާއިރު މި މުބާރާތުން އަހަރެމެން ދެ ބިލިއަން ޑޮލަރަށް ވުރެން އިތުރަށް ލިބުނު، އެވްރެޖްކޮށް މެޗެއްގައި މަދުވެގެން 31 މިލިއަން ޑޮލަރު ލިބިފައިވޭ. މި ލެވަލާ ގާތަށް ވެސް އެހެން މުބާރާތެއް ނާދޭ. މިއީ ވަރަށް، ވަރަށް ބޮޑު ކާމިޔާބެއް،"

ކްލަބް ވޯލްޑް ކަޕްގައި ވާދަކުރި ޓީމުތަކަށް އިނާމް ފައިސާ އާއި އެެހެނިހެން ކަންކަމުގައި ފީފާ އިން އެއް ބިލިއަން ޑޮލަރަށް ވުރެ ގިނައިން ހަރަދުކުރި އެވެ.

ފީފާ ކްލަބް ވޯލްޑް ކަޕުން މެޗަކުން މޮޅުވި ކޮންމެ ޓީމަކަށް ދެ މިލިއަން ޑޮލަރު ލިބުނެވެ. އަދި އެއްވަރުވެގެން ނިމޭ، ކޮންމެ މެޗެއްގައި، ކޮންމެ ޓީމަކަށް އެއް މިިލިއަން ޑޮލަރު ދީފައިވެ އެވެ.

މީގެ އިތުރުން، މުބާރާތުގެ ގަދަ 16 ބުރަށް ދަތުރުކުރި ކޮންމެ ޓީމަކަށް 7.5 މިލިއަން ޑޮލަރު ދިންއިރު، ކުއާޓާ ފައިނަލުގެ ޖާގަ ހޯދާ ކޮންމެ ޓީމަކަށް 13.1 މިލިއަން ޑޮލަރު ދީފައިވެ އެވެ. ސެމީ ފައިނަލުން ޖާގަ ހޯދި ކޮންމެ ޓީމަކަށް، 21 މިލިއަން ޑޮލަރު އަދި ފައިނަލަށް ދަތުރުކުރި ދެ ޓީމަށް، 30 މިލިއަން ޑޮލަރު ދީފައިވެ އެވެ. އަދި، ޗެމްޕިއަންކަން ހޯދި ޗެލްސީ އަށް، ފައިނަލުން މޮޅުވެގެން، 40 މިލިއަން ޑޮލަރު ދިންއިރު، މުޅި ޖުމްލަ އެކު، މުބާރާތުން، 125 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ހޯދި އެވެ.