Advertisement

ފީފާގެ ރައީސް އިންފަންޓީނޯ އަށް ލެބަނަންގެ ރައްޔިތުކަން ދެނީ

26 ނޮވެންބަރު 2025 - 08:34 0


ފީފާގެ ރައީސް އިންފަންޓީނޯ އަށް ލެބަނަންގެ ރައްޔިތުކަން ދެނީ

26 ނޮވެންބަރު 2025 - 08:34 0

ބެއިރޫތު، ލެބަނަން (ނޮވެމްބަރު 26) - ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ލެބަނަންގެ ސަރުކާރުން އެ ގައުމުގެ ރައްޔިތުކަން ދޭން ނިންމާފައިވާ ކަމަށް ލެބަނަންގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިއުލާނުކޮށްފި އެވެ.

ލެބަނަން އަށް ރަސްމީ ދަތުރުފުޅެއްގައި މި ވަގުތު އިންފަންޓީނޯ އެ ގައުމުގައި ހުންނެވިއިރު، ދާދި ފަހުން، ލެބަަނަންގެ ރައީސް، ޖޯސެފް އައޫންއާ އެކުގައި، ރަައީސްގެ ގެކޮޅުގައި ވަނީ ބައްދަލުކުރައްވައިފަ އެވެ. އަދި، މި ބައްދަލުކުރެއްވުމުގައި، އިންފަންޓީނޯގެ އަރިހުން، އައޫން، އެދިވަޑައިގެންނެވީ، ލެބަނަންގެ ރައްޔިތުކަން ހޯއްދެވުމަށް ފުރިހަމަކުރަން ޖެހޭ ލިޔެކިޔުންތައް ނިންމެވުމަށެވެ.

އަދި، މިއާ އެކު، އިންފަންޓީނޯ ވެސް އެކަމަަށް އެއްބަސްވެވަޑައިގެންނެވިއިރު، ކައިރި މުސްތަގުބަލެއްގައި، ލެބަނަންގެ ރައްޔިތުކަން އިންފަންޓީނޯ އަށް ލިބިވަޑައިގަންނަވާނެ ކަމަށް ލެބަނަން އެފްއޭ އިން ވަނީ އިއުލާނުކޮށްފަ އެވެ.

އިންފަންޓީނޯގެ އަނބިކަނބަލުން، ލީނާ އަލް-އަޝްގަރު އަކީ ލެބަނަންގެ ރައްޔިތެކެވެ. އެހެންކަމުން، އިންފަންޓީނޯ އަށް އަންހެނުން މެދުވެރިކޮށް، ލެބަނަންގެ ރައްޔިތުކަން ލިބުމުގެ ފުރުސަތު އޮންނާނީ ސަރުކާރުން ހާއްސަ ހުއްދައެއް ދޭނަމަ އެވެ.

ލެބަނަން އެފްއޭ އިން ބުނީ، ދެ ވަނަ ދައުރަކަށް ފީފާގެ ރައީސްގެ މަގާމު ފުރުއްވަމުން އަންނަ އިންފަންޓީނޯގެ ލީޑަޝިޕާ އެކު، ލެބަނަން ފުޓްބޯޅަ އަށް ގިނަ ކުރިއެރުންތަކެއް ލިބިގެންގޮސްފައިވާ ކަމަށެވެ. އަދި، އުންމީދަކީ މިހާރަށް ވުރެން ވެސް ވަރުގަދަ ގުޅުމެއް ލެބަނަންއާ އެކުގައި ދެމެހެއްޓުން ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.