Advertisement

އޮޅުވާލައިގެން ލިސްޓުން މީހުން އުނި ކުރުމަށް ފަހު އެ ފްލެޓުތައް ވިއްކަން މަސައްކަތްކުރާކަމުގެ ތުހުމަތު

12 ޖުލައި 2025 - 08:05 4

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފަހި ދިރިއުޅުން ކޯޕަރޭޝަންއިން ތަރައްގީކުރާ ފްލެޓުތައް


އޮޅުވާލައިގެން ލިސްޓުން މީހުން އުނި ކުރުމަށް ފަހު އެ ފްލެޓުތައް ވިއްކަން މަސައްކަތްކުރާކަމުގެ ތުހުމަތު

12 ޖުލައި 2025 - 08:05 4

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ 4000 މީހުންގެ ތެރެއިން ބައެއް މީހުންގެ ނަން، ދޮގާއި މަކަރާއި އޮޅުވާލުމުގެ ތެރެއިން އުނިކުރަމުން ދާކަމަށާއި އެއަށް ފަހު އެ ފްލެޓުތައް "ވިއްކައިގެން" ނާޖާއިޒު މަންފާ ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ބޯހިޔާވަހިކަމުގެ ހައްގު ހޯދަން މަސައްކަތްކުރާ ޖަމިއްޔާއެއް ކަމުގައިވާ ފަހި ޔޫނިއަނުން ތުހުމަތުކޮށްފި އެވެ.

އެ ޖަމިއްޔާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ސިވިލް ސާވިސްގެ އެއްވެސް ވަޒީފާއެއް ދުވަހަކު ވެސް އަދާކޮށްފައިނުވާ މީހަކު، ތ. އަތޮޅުގެ ރަށެއްގެ ސްކޫލެއްގައި އޮގަސްޓް 2012 އިން 2017 އަށް ވަޒީފާ އަދާކޮށްފައިވާ ކަމަށް ރެކޯޑްތަކުން ދައްކާ ކަމަށް ބުނެ، އޭނާގެ ނަން ފްލެޓު ލިސްޓުން މިހާރު އުނިކޮށްފައިވާ ކަމަށެވެ.

އެހެންވެ އެ މީހާ މެދުނުކެނޑި 15 އަހަރު މާލޭގައި ދިރިއުޅެފައިވާ ފަރާތެއްކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށް އިންފްރާސްޓަރަކްޗާ މިނިސްޓްރީން ކަނޑައަޅާފައިވެ އެވެ.

ނަމަވެސް ސިވިލް ސާވިސް އާއި ޕެންޝަން އޮފީހުގައި އެ މީހާގެ ރެކޯޑެއް ނެތް ކަމަށް، އެ ދެ މުއައްސަސާއަށް އަމިއްލަ އަށް ލިޔެގެން ހޯދި މައުލޫމާތުން ހާމަވާ ކަމަށް ފަހި ޔޫނިއަކުންގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"ދައުލަތުގެ މިނިސްޓްރީއަކުން މިވަރުގެ ބޮޑު އޮޅުވާލުމެއް އޮޅުވާލައި، ކަމުގެ ހަގީގަތާއި ކަނޑައެޅިގެން ހިލާފު ކަންތައްތަކެއް ފެންމަތިކޮށް، ފުލެޓް ލިބިފައިވާ ނިކަމެތި އެތައް ބައެއްގެ އަތުން ނުހައްގުން ފުލެޓް އަތުލުމަށް މަސައްކަތް ކުރަމުންދިއުމުގެ ބޭނުމެއް ކަމަށް އަޅުގަނޑުމެންނަށް ބެލެވެނީ ނިކަމެތި އެތަކެއް ރައްޔިތުންގެ އަތުން ފްލެޓްތައް އަތުލައި އެ ފުލެޓްތައް، ބޭނުންކޮށްގެން ނާޖާއިޒް މާލީ މަންފާއެއް ހޯދުމެވެ،" ފަހި ޔޫނިއަންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ފްލެޓު ދޭނެކަމަށް ބުނެ އެކި ފަރާތްތަކުގެ އަތުން ނާޖާއިޒު ގޮތުގައި ފައިސާ ހޯދުމަށް ހައުސިން މިނިސްޓްރީއަށް ނިސްބަތްވާ ބަޔަކު ކެނޑިނޭޅި މަސައްކަތް ކުރާ ކަމަށް، އެތައް ބަޔަކަށް އެ ޖަމިއްޔާއަށް މައުލޫމާތު ދީފައިވާ ކަމަށް ބުނެފައިވެ އެވެ.

"އެހެންކަމުން، ކަނޑައެޅިގެން ދޮގުހަދާ އޮޅުވާލައިގެން، ނުހައްގުން، އެތައް، ބައެއްގެ ފުލެޓް އަތުލުމަށް މަސައްކަތްކުރުމާއި އަދި ނާޖާއިޒު މަންފާތަކެއް ހޯދުމަށް ކުރަމުންގެންދާ ހިލަތްތެރި މަސައްކަތް ފަހިޔޫނިއަންގެ ފަރާތުން ކުށްވެރިކުރަމެވެ،" އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.

"ވީމާ، މަތީގައި ބަޔާންކުރެވިފައިވާ އެންމެހައި ކަންކަން މިޔޫނިއަންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެންނަމެވެ."

ފްލެޓު ލިސްޓުން ނުހައްގުން މީހުން އުނިކުރާ ކަމުގެ ތުހުމަތުކުރާއިރު، ސަރުކާރުން އެންމެ ފަހުން ބުނެފައި ވަނީ ފްލެޓުތައް ދޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިއުލާނުކުރި ލިސްޓަށް ކަމަށެވެ. އަދި ފްލެޓުތައް ނިމޭ ވަރަކުން ޖުލައި މަހު ހަވާލުކުރަން ފަށައި، އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 4،000 ފްލެޓު ހަވާލުކޮށް ނިންމާނެ ކަމަށް އިންފްރާސްޓަރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތޮލިބު، މެއި 30 ގައި ވިދާޅުވެފައިވެ އެވެ.

ނަމަވެސް މިހާތަނަށް އެއްވެސް ފްލެޓެއް މީހަކާ ހަވާލުކުރިކަން ހާމައެއް ނުކުރެ އެވެ.