Advertisement

މުސްކުޅިވަމުންދާ އާބާދީއާއެކީ ނިކުންނަ ފުރުސަތުތަކާއި ގޮންޖެހުންތަކަށް ޒުވާނުން ތައްޔާރުކޮށްދޭނަން: ރައީސް

11 ޖުލައި 2025 - 15:14 0

އަމަން ހަލީމް

އަމަން ހަލީމް

އިސްރަށްވެހިންގެ ނާދީ ހުޅުވި ދުވަހު ރައީސް މުއިއްޒު އާއީ ފަސްޓުލޭޑީ ސާޖީދާ މުހައްމަދު ފޮޓޮއަކަށް ހުއްޓިލައިގެން: ރައީސް ވިދާޅުވީ ހުރިހާ އުމުރުފުރާއެއްގެ ދުޅަހެޔޮކަން ކަށަވަރުކުރުން މުހިންމު ކަމަށް -- ފޮޓޯ: ރައީސް އޮފީސް


މުސްކުޅިވަމުންދާ އާބާދީއާއެކީ ނިކުންނަ ފުރުސަތުތަކާއި ގޮންޖެހުންތަކަށް ޒުވާނުން ތައްޔާރުކޮށްދޭނަން: ރައީސް

11 ޖުލައި 2025 - 15:14 0

އުމުރުން ދުވަސްވަމުންދާ މުޖުތަމައަކުން ކުރިމަތިވާ ގޮންޖެހުންތަކާއީ ފުރުސަތުތައް ޒުވާނުން ތައްޔާރުވެފައިވާ މުސްތަގުބަލެއް ބިނާކުރުމަށް މަސައްކަތް ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރައްވަމުން ރައީސް ސޯޝަލްމީޑީއާގައި ކުރެއްވި ޕޯސްޓުގައި، 2062 ވަނަ އަހަރު އަންނަ އިރު، ރާއްޖޭގެ ފަސްބައިކުޅަ އެއްބައި މީހުންނަކީ 65 އަހަރުން މަތީގެ މީހުން ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވި އެވެ.

"މިކަމަށް ރިއާޔަތްކޮށް، މި ސަރުކާރުން ދެމިހުންނާނީ ޒުވާނުން އުމުރުން ދުވަސްވަމުންދާ މުޖުތަމައުއަކުން ކުރިމަތިވާ ގޮންޖެހުންތަކާއި ފުރުސަތުތަކަށް ތައްޔާރުވެފައިވާ މުސްގުބަލެއް ބިނާކުރުމަށް މަސައްކަތް ކުރުމުގައި،" އެމަނިކުފާނު ލިިޔުއްވާފައި ވެ އެވެ.

ރައީސް ވަނީ މި ދުވަސް ފާހަގަކުރާއިރު، އެންމެނަށް ހަމަހަމަ ފުރުސަތުތަކާއި ދުޅެހެޔޮކަން ކަށަވަރުކުރުމުގެ މުހިންމު ކަމާ މެދު ވިސްނާލަން ޖެހޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.

އެ ގޮތުން، އެންމެންގެ އިޖުތިމާއި އަދި އިގުތިސޯދީ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމަށް، ރިޕްރޮޑަކްޓިވް ހެލްތުކެއާއަށް ވާސިލުވެވޭ މިންވަރު އިތުރުކުރަން އިންވެސްޓުކޮށް، ތައުލީމުގެ ފެންވަރު ރަނގަޅުކޮށް، އެކަށީގެންވާ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އުމުރުން ދުވަސްވީ އާބާދީ ބޮޑު މުޖުތަމައުއަކަށް ތައްޔާރުވާނެ ކަމަށް ރައީސް ވިދާޅުވިއިރު، މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އެވަރެޖު އުމުރަކީ 35 އަހަރެވެ. މީގެ 25 އަހަރު ކުރިން 2000 ވަނަ އަހަރުގައި ދިވެހިންގެ އެވަރެޖު އުމުރަކީ 19 އަހަރެވެ.

އުމުރުން ދުވަސްވީ އާބާދީ އިތުރުވާ މިންވަރު މަތިވަމުންދާ މައިގަނޑު ސަބަބަކީ ދަރިމައިވާ ރޭޓު ދަށްވަމުން ދިޔުމެވެ. އެންމެ ފަހުގެ ބޯހިމެނުމުގެ ނަތީޖާއިން ދައްކާ ގޮތުގައި ރާއްޖޭގެ ދަރިމައިވާ ރޭޓަކީ 1.7 އެވެ. މިއީ ރިޕްލޭސްމަންޓު ލެވަލް ނުވަތަ އާބާދީ އަމިއްލައަށް އާކުރެވޭ ރޭޓު ކަމުގައި ބަލައި 2.1 އަށް ވުރެ ދަށް ރޭޓެކެވެ.

ރިޕްލޭސްމަންޓު ރޭޓަށް ވުރެ ދަށުގައި ދަރިމައިވާ ރޭޓު ހުރުމަކީ މުސްތަގުބަލުގައި އާބާދީ ދަށްވެދާނެ ކަމުގެ އިޝާރާތެކެވެ. ބޯހިމެނުމުގެ ނަތީޖާތަކުން ދައްކާ ގޮތުގައި 1990 ގައި ދަރިމައިވާ ރޭޓު ހުރީ 6.4 ގަ އެވެ. ނަމަވެސް އެ ދަހަރު ނިމުނުއިރު މި ރޭޓު ވަނީ 2.8 ދަށްވެފަ އެވެ.

މާހިރުން ދެކޭ ގޮތުގައި ދަރިމައިވާ ރޭޓު ދަށް ވެފައި ވަނީ ދިރިއުުޅުމުގެ ހަރަދުތައް މައްޗަށް ދިއުމާއި، ދަރިމައިވުމުގެ މައްސަލަތައް އިތުރުވުމާ ގުޅިގެންނެވެ.