Advertisement

ރަސްމީ ހައިސިއްޔަތެއް ނެތް ފަސްޓް ލޭޑީގެ ރަސްމީ ދަތުރުތައް ގިނަވެއްޖެ

10 ޖުލައި 2025 - 20:20 8

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައީސްގެ އަނބިކަނބަލުން ސާޖިދާ: ސަރުކާރުގެ ރަސްމީ ހަފުލާތަކުގައި ބައިވެރިވެވަޑައިގަތުމަށް މި ހަފުތާގައި ދެ ދަތުރު ވަނީ ކުރައްވާފައި -- ފޮޓޯ: ރައީސް އޮފީސް


ރަސްމީ ހައިސިއްޔަތެއް ނެތް ފަސްޓް ލޭޑީގެ ރަސްމީ ދަތުރުތައް ގިނަވެއްޖެ

10 ޖުލައި 2025 - 20:20 8

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަށް ގާނޫނުއަސާސީ އަދި ގާނޫނުން ދައުލަތުގެ ރަސްމީ ހައިސިއްޔަތެއް ދީފައިނުވި ނަމަވެސް ސަރުކާރުގެ އެކި ރަސްމިއްޔާތުތަކަށް އެކަމަނާ ކުރައްވާ ދަތުރުތައް ގިނަވެއްޖެ އެވެ.

ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މިއަދު ވަނީ ފޭދޫ ހެލްތު ސެންޓަރުގެ 43 ވަނަ އަހަރީ ޖަލްސާ ފާހަގަ ކުރުމުގެ ރަސްމިއްޔާތަށް ފޭދޫ އަށް ވަޑައިގެންފަ އެވެ. އޭގެ ކުރިން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން މިދިޔަ އާދީއްތަ ދުވަހު ހދ. ކުޅުދުއްފުއްޓަށް ވެސް އެކަމަނާ ވަޑައިގެންނެވި އެވެ.

އެ ދެ ދަތުރުގައި ވެސް ސާޖިދާ ވަޑައިގެންނެވީ ޝަރަފުވެރި މެހެމާނުގެ ހައިސިއްޔަތުންނެވެ. އެކަމަނާ ކުރައްވާ ދަތުރުތަކަށް ހަރަދު ކުރަނީ ދައުލަތުގެ ފައިސާ އެވެ. ދަތުރުތަކުގެ ހުރިހާ ހަރަދެއް ހަމަޖެއްސުމުގެ އިތުރުން އެކަމަނާއަށް ސެކިއުރިޓީ ވެސް ފޯރުކޮށްދޭންޖެހެ އެވެ.

އެކަމަކު، ރައީސްގެ އަނބިކަނބަލުން ކުރައްވާ ދަތުރުތަކަށް ހަރަދުވާ ފައިސާގެ އަދަދެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އަދި ސަރުކާރުގެ ރަސްމީ އޮފިޝަލެއްގެ ބަދަލުގައި، ބައެއް ހަފުލާތަކަށް އެކަމަނާ ވަޑައިގަންނަވާ ސަބަބެއް ވެސް ސަރުކާރުން ބުނެދީފައެއް ނުވެ އެވެ.

ސާޖިދާ މިއަދު ފޭދޫއަށް ވަޑައިގަތުމުން މަރުހަބާ ކިޔަނީ: ފަސްޓް ލޭޑީ ކުރައްވާ ދަތުރުތަކުގެ ހަރަދެއް ސަރުކާރުން ހާމައެއް ނުކުރޭ -- ފޮޓޯ: ރައީސް އޮފީސް


ދައުލަތް ނުވަތަ ސަރުކާރުގެ އެއްވެސް ހައިސިއްޔަތެއް ގާނޫނުއަސާސީގައި ފަސްޓް ލޭޑީސްއަކަށް ނޯވެ އެވެ. ފަސްޓް ލޭޑީއެއްގެ ދައުރު ގާނޫނުގައި ވެސް ބަޔާންކޮށްފައެއް ނޯވެ އެވެ. އެކަމަކު، ރައީސުލްޖުމްހޫރިއްޔާގެ އިނާޔަތްތަކާ ބެހޭ ގާނޫނުގައި، ފަސްޓް ލޭޑީއަށް ދޭންޖެހޭ އެލަވެންސެއްގެ ވާހަކަ ބަޔާންކޮށްފައި އޮވެ އެވެ.

ސާޖިދާ ކުރައްވާ ދަތުރުތަކުގެ ހުރިހާ މައުލޫމާތެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއުލާނު ކުރެ އެވެ. އަދި އެ ދަތުރުތަކުގެ ހަބަރާއި ފޮޓޯ އާއި އިސްތިހާރު ކުރަން ބޭނުންވާ މައުލޫމާތުތައް ވެސް ރައީސް އޮފީހުން އާންމު ކުރެ އެވެ.

ރައީސްގެ އަނބިކަނބަލުން ކުރައްވާ ދަތުރުތައް ގިނަކޮށްފައި މި ވަނީ، ރާއްޖޭގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެ، ދައުލަތުގެ ރިޒާވުން ފައިސާ ނަގައިގެން ނަމަވެސް ބައެއް ޕްރޮޖެކްޓުތައް ހިންގަން ރައީސް މުއިއްޒު އަންގަވާފައިވާ ދަނޑިވަޅެއްގަ އެވެ.

ދައުލަތުގެ ރިޒާވުން ފައިސާ ނަގައިގެން ނަމަވެސް ހަރަދު ކުރަން ރައީސް އެންގެވީ ފުށިދިއްގަރުފަޅު ހިއްކުމުގެ ޕްރޮޖެކްޓަށެވެ. ރަސްމާލޭގެ ނަމުގައި އެތަން ތަރައްގީ ކުރަނީ މީހުން އާބާދު ކުރާ ގޮތަށެވެ. އެކަމަކު، މީހުން އާބާދު ކުރަން ކުރިން ހިންގަން ފެށި ގުޅީފަޅު، އަދި ގިރާވަރުފަޅުގެ ޕްރޮޖެކްޓުތައް އޮތީ ހުއްޓިފަ އެވެ.