Advertisement

ސިންގަޕޫރު ދަތުރަށްފަހު މީގެ ދެ ދުވަސްކުރިން މުއިއްޒުގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

ރައީސް މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުހައްމަދު --- ފޮޓޯ: ރައީސް އޮފީސް


ސިންގަޕޫރު ދަތުރަށްފަހު މީގެ ދެ ދުވަސްކުރިން މުއިއްޒުގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

އާ އަހަރުގެ ބަންދާ ދިމާކޮށް ރައީސް މުހައްމަދު މުއިއްޒުގެ ދެ ކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަހު މީގެ ދެ ދުވަސްކުރިން ރާއްޖެ ވަޑައިގެންފައިވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

އެކަމަކު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު މީގެ ދެ ދުވަސް ކުރިން މާާލެ ވަޑައިގެންނެވި ނަމަވެސް ރައީސް އޮފީހުން އެކަން އާންމުކޮށްފައެއް ނުވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ އަދި ނުރަސްމީ ދަތުރުތަކަށް ފުރާވަޑައިގަންނަވާ ދުވަހާއި އެނބުރި ވަޑައިގަންނަވާ ދުވަސް އަދި ދަތުރުކުރައްވާ ރަށް ނުވަތަ ގައުމުގެ ތަފުސީލަކީ ރައީސް އޮފީހުން އާންމުކޮށް އިއުލާނުކުރާ ތަފުސީލުތަކެވެ.

މުއިއްޒުގެ ދެ ކަނބަލުން ޑިސެމްބަރު 27، 2025، ގައި ނުރަސްމީ ދަތުރެއްގައި ސިންގަޕޫރަށް ވަޑައިގެންނެވި ކަން ވެސް ރައީސް އޮފީހުން އާންމުކުރި އެވެ. ނަމަވެސް، އެމަނިކުފާނު އެނބުރި ވަޑައިގެންނެވި ތާރީހެއް އަދި ވަޑައިގެންނެވި ކަމެއް ރައީސް އޮފީހުން އާންމެއް ނުކުރެ އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު އަދަދު ނޫހަށް ކަށަވަރުކޮށްދިން ގޮތުގައި މުއިއްޒުގެ ދެ ކަނބަލުން އެނބުރި ރާއްޖެއަށް ވަޑައިގެންނެވީ މީގެ ދެ ދުވަސް ކުރިންނެވެ.

އެމަނިކުފާނު މިއަދު އޮފީހަށް ނުކުންނެވި ކަމަށާއި މިރޭ ވެރިކަންކުރާ ޕީއެންސީގެ އޮފީސް ހުޅުވަން ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް އެ އޮފިޝަލު މައުލޫމާތު ދިނެވެ.

މިފަހަރު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރަކީ ވެރިކަމަށް ވަޑައިގެންނެވި ފަހުން ސިންގަޕޫރަށް ކުރެއްވި ހަ ވަނަ ދަތުރެވެ. އެއީ ނުރަސްމީ ފަސް ދަތުރާއި ރަސްމީ އެއް ދަތުރެވެ. މީގެ ތެރެއިން ފަސް ދަތުރެއްގައި އަނބިކަނބަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

މުއިއްޒު ސިންގަޕޫރަށް ވަޑައިގަންނަވަނީ ބޭސްފަރުވާ ހޯއްދަވަން ކަމަށް މީގެ ކުރިން ސޯޝަލް މީޑިއާގައި އަޑުފެތުރިފައިވެ އެވެ. ރައީސުންގެ ސިއްހީ ހާލަތު ބައެއް އެހެން ގައުމުތަކުގައި އާންމުކުރި ނަމަވެސް ރާއްޖޭގައި އެކަން ކުރަމުން ނުދާތީ މިއީ ހަގީގަތެއް ކަމެއް ޔަގީން ކުރެވިފައެއް ނުވެ އެވެ.