10 ޖުލައި 2025 - 09:34 0
ސާއިފް ޝިޔާދު
10 ޖުލައި 2025 - 09:34 0
އެންޓި ކޮރަޕްޝަން ކޮމިޝަންގެ މަސައްކަތްތައް ނިންމުމަށް ހުރި ދަތިތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ މަޝްވަރާ ކުރުމަށް އިއްޔެ ބޭއްވި ބައްދަލުވުމުގައި އެ ކޮމިޝަނުގެ ބަޖެޓު ބޮޑުކޮށްދޭން އެދިފައިވާކަން އެނގިއްޖެ އެވެ.
އެ ބައްދަލުވުމުގެ މައުލޫމާތު އެނގޭ މީހަކު 'އަދަދު' އަށް ބުނި ގޮތުގައި މި ބައްދަލުވުމުގައި އޭސީސީން ވަނީ މިހާރު އޮންނަ ބަޖެޓު ކުޑަ ކަމުގެ ޝަކުވާ މާލިއްޔަތު ކޮމިޓީއާ ހިއްސާކޮށްފަ އެވެ. އަދި މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ބަޖެޓު ބޮޑުކޮށްދޭން އެ ކޮމިޝަނުގެ ވެރިން އެދުނުކަން ވެސް ވަނީ ޔަގީން ކުރެވިފަ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް މިކަން ދޮގުކޮށްފައެއް ނުވެ އެވެ.
މިކަމާ ގުޅިގެން އަދަދު އިން އޭސިސީއާ ސުވާލު ކުރުމުން މިހާތަނަށް އެއްވެސް ޖަވާބެއް ދީފައި ނުވެ އެވެ.
އޭސީސީން ބަޖެޓު ބޮޑުކޮށްދިނުމަށް އެދުމުން މެންބަރުން ވަނީ ބަޖެޓު ބޮޑުކޮށްދޭން އެދޭ ސަބަބާ ގުޅޭގޮތުން ސުވާލު އުފައްދާފަ އެވެ. މިހާރު ދީފައިވާ ބަޖެޓުގެ ތެރޭގައި ވެސް އޭސީސީ އަށް ނަތީޖާ ނުދެއްކޭތީ އެ ކަންބޮޑުވުން ވެސް މެންބަރުން ފާޅުކުރެއްވި އެވެ.
އޭސީސީގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން އެނގޭ ގޮތުގައި އެ ކޮމިޝަންގެ ޕްރިލިމިނަރީ މަރުހަލާގައި 1298 މައްސަލަ އޮތްއިރު ތަހުގީގު މަރުހަލާގައި 1024 މައްސަލަ ނުނިމި އެބައޮތެވެ. މީގެ ތެރެއިން ތަހުގީގު ނިންމައި ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވުނީ އެންމެ އަށް މައްސަލަ އެވެ. 2024 ނިމުނުއިރު ޑިއުޓީ ޕްރޮސިކިއުޝަންގައި 31 މައްސަލައެއް އޮތެވެ. މިދިޔަ އަހަރުގެ ތެރޭގައި އެކަނި ވެސް އޭސީސީއަށް 1171 މައްސަލަ ހުށަހެޅި އެވެ.
އިއްޔެ ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރަން ހުށަހެޅުއްވީ ކެލާ ދާއިރާގެ ޕީއެންސީ މެންބަރު، އަބްދުالله ޝަރީފް އެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އައިފާން އެވެ.
އެ ހުށަހެޅުން ފާސްކުރީ ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. ނަމަވެސް އެ ބައްދަލުވުން ސިއްރު ކުރީ ކީއްވެގެން ކަމެއް މިހާތަނަށް އެނގިފައި ނުވެ އެވެ.
Comment