10 ޖުލައި 2025 - 07:35 0
10 ޖުލައި 2025 - 07:35 0
މެޑްރިޑް (ޖުލައި 10) - ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހުރި، އިޓަލީގެ ކާލޯ އަންޗެލޮޓީ، ސްޕެއިނުގެ ރެއާލް މެޑްރިޑާ ހަވާލުވެހުރިއިރު، އެއް މިލިއަން ޑޮލަރުން ޓެކްސް އަށް މަކަރު ހަދާފައިވާތީވެ، އެއް އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
އެ ގޮތުން، އަންޗެލޮޓީ، 66، އަށް ޖަލު ހުކުމެއް އިއްވީ، ރެއާލްގެ ކޯޗަކަށް 2013 އިން 2015 އަށް ހުރިއިރު، އެއް މިިލިއަން ޑޮލަރު ނުދައްކައި، ޓެކުހަށް މަކަރު ހަދާފައިވާތީ އެވެ.
ސްޕެއިނުގެ ގާނޫނުގައިވާ ގޮތުން، އަންޗެލޮޓީ، އަށް އިއްވި ޖަލު ހުކުމް ތަންފީޒްކުރާކަން ނުޖެހެ އެވެ. އެކަމަކު، 400،000 ޑޮލަރު ދައްކަން ޖެހޭނެ އެވެ. ސްޕެއިނުގެ ގާނޫނުގައިވާ ގޮތުން، ނުރައްކާތެރި ހަމަލާއެއްގެ ތުހުމަތެއްގައި ނޫން ނަމަ، ދެ އަހަރު ނޫން ގޮތަކަށް ހުކުމެއް އައިސްފިނަމަ، ތަންފީޒުކުރަން ނުޖެހެ އެވެ. އެއީ، އެ މީހެއްގެ ކުށުގެ ރެކޯޑް ސާފުނަމަ އެވެ.
ކުރިން ޗެލްސީ އާއި އޭސީ މިލާން ފަދަ ޓީމުތަކަށް އިރުޝާދުދިން އަންޗެލޮޓީ، ދެ ވަަނަ ފަހަރަށް ރެއާލާ ހަވާލުވެ އެ ޓީމު ދޫކޮށްލީ މިދިޔަ މެއި މަހު އެވެ.
އަންޗެލޮޓީ ބުނީ، އޭނާ އެނގިގެން ޓެކުހަށް މަކަރު ހަދާފައިނުވާނެ ކަމަށާއި މިއީ، އޭނާގެ ފައިނޭންޝިއަލް އެޑްވައިޒަރުން އަތުން ދޫވެފައި އޮތް ކަމަކަށްވާއިރު، މިކަން ހައްލުކުރަން އަންގާފައިވާނެ ކަމަށެވެ. އެ ގޮތުން، 2021 ވަނަ އަހަރު އަންޗެލިޓީއާ ގުޅުން ހުރި ދަރަނިތައް ދެއްކި ކަމަށް ވެސް އޭނާ ބުނެފައިވާއިރު، މި ތިލަވި ޓެކުހުގެ މައްސަލައިގައި ދައްކަން ޖެހޭ ފައިސާ ހަލާސްކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.
Comment