Advertisement

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓާ ގުޅޭ ބިލު މަޖިލީހުން ބަލައިގެންފި

9 ޖުލައި 2025 - 10:43 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް މި އަހަރުގެ ރިޔާސީ ބަޔާން އިއްވި ދުވަހު މަޖިލިސް ދޮށުގައި --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓާ ގުޅޭ ބިލު މަޖިލީހުން ބަލައިގެންފި

9 ޖުލައި 2025 - 10:43 0

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ހަމަތައް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި އެވެ.

މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި އެ ބިލު ބަލައިގަންނަން ފާސްކުރީ ވޯޓުގައި ބައިވެރިވި 62 މެންބަރުންގެ އިއްތިފާގުންނެވެ. އެ ބިލު އިތުރަށް ދިރާސާކުރުމަށް ފޮނުވީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށެވެ.

ގާނޫނުއަސާސީ އާއި ވަކިން ހާއްސަކޮށް އިންތިހާބީ ހަމަތައް ބަޔާންކުރާ ބާބަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހުށަހަޅުއްވައިފަ އެވެ. ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހަށް މި ބިލު ހުށަހެޅުއްވީ އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު އެވެ.

އެއް މައްސަލައަށް ވުރެ ގިނަ މައްސަލައަށް ވޯޓަށް އެހުމަށް މި ގަރާރުތަކުން ކަނޑައެޅިދާނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ. މިފަދަ ގަރާރެއް އަނބުރާ ގެންދެވޭނީ ވޯޓު ނެގުމުގެ ތާރީހު އީސީއިން އިއުލާން ކުރުމުގެ ކުރިންނެވެ.

އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް މި ސިއްރު ވޯޓުގައި ބައިވެރިވެވޭނެ އެވެ. އަދި އެފަދަ ވޯޓެއް ނަގަން ހުށަހަޅާތާ މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ ތެރޭގައި އީސީއިން އިންތިހާބު ބާއްވަން ޖެހެ އެވެ. މި ބިލަށް ބަހުސް ކުރަމުން އިދިކޮޅު މެންބަރުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވީ މި މުއްދަތަށެވެ.

އެގޮތުން ރައްޔިތުންގެ ހިޔާލު ހޯދަން ހުޅުވައިލާ އާންމު ވޯޓުތަކަށް ކެމްޕެއިނު ކުރަން 90 ދުވަހަކީ މާ މަދު މުއްދަތެއް ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު ޝަމްހީދު ވަނީ ވިދާޅުވެފަ އެވެ.

"ދެ އިންތިހާބު އެއްކޮށްލުމާއި އަދި ބައެއް ބޭފުޅުން އެބަ ވިދާޅުވޭ ރައީސުލްޖުމްހޫރިއްޔާއަށް އިތުރު ދައުރެއް ދިނުމާއި މިކަހަލަ ކަންތައްތަކެއްގެ ވާހަކަ، މި ކަންތައްތަކުގައި ރައްޔިތުންނަށް ކެމްޕޭނު ކުރުމުގެ ފުރުސަތު ދީފައި މިއޮތީ 45 ދުވަހާއި 90 ދުވަހާ ދޭތެރޭގައި، މިއީ މުޅި ރާއްޖެ ކަހަލަ މިކަހަލަ ގައުމެއްގައި އަޅުގަނޑު ގަބޫލު ކުރަނީ ތިން މަސްދުވަހަކީ މާ މަދު ދުވަސްތަކެއް ކަމަށް،" ޝަމްހީދު ވިދާޅުވި އެވެ.

ހިޔާލު ހޯދުމުގެ ވޯޓު ނެގޭ ކަންކަން

  • ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި
  • ގައުމީ މުހިންމު މައްސަލަތަކުގައި
  • ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ހިމެނޭ އެއްވެސް މާއްދާއެއް
  • ރައްޔިތުންގެ މަޖިލީހުގެ އުމުރު ކަނޑައެޅުމުގެ މާއްދާ
  • ރިޔާސީ ދައުރު ކަނޑައެޅުމުގެ މާއްދާ
  • ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތް ބަޔާންކުރާ މާއްދާ
  • ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރުމުގެ މާއްދާ
  • ރާއްޖޭގެ ސަރަހައްދު ކަމަށް ގާނޫނުއަސާސީގައި ބަޔާންކުރާ މާއްދާ
  • ގާނޫނުއަސާސީއަށް ބަދަލެއް ގެނައުމަށް މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުނުކޮށް އެކަން މަޖިލީހަށް އަންގާ ހާލަތުގައި، އެ ބިލަކަށް ރުހުން އޮތްތޯ ބެލުމަށް

ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ވޯޓަކަށް ދިޔުމަށް މަޖިލީހުގެ އަގުލަބިއްޔަތުން ގަރާރެއް ފާސްކުރަން ޖެހެ އެވެ. އޭގެ އިތުރުން، ގައުމީ މުހިންމު މައްސަލަތަކުގައި ވޯޓަށް ދިޔުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިންމޭނެ ކަމަށް ވެސް އިނގުރައިދޫ ދާއިރާގެ މެންބަރު ހުށަހަޅުއްވާ ބިލުގައި ބަޔާންކޮށްފައި ވެ އެވެ.