Advertisement

ފެނަކައިގެ ރެކޯޑުތައް ބެލެހެއްޓުން ދޯހަޅިކަމުން އޮޑިޓަރުން ދޭނެ ރައުޔެއް ނެތް

2 ޖުލައި 2025 - 12:50 4

އަމަން ހަލީމް

އަމަން ހަލީމް

ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު: އޮޑިޓު ކުރި އަހަރުގެ ބޮޑު ބަޔެއްގައި ކުންފުނި ހިންގުމާ ހަވާލުވެ ހުންނެވީ ސައީދު -- ފޮޓޯ: އަދަދު


ފެނަކައިގެ ރެކޯޑުތައް ބެލެހެއްޓުން ދޯހަޅިކަމުން އޮޑިޓަރުން ދޭނެ ރައުޔެއް ނެތް

2 ޖުލައި 2025 - 12:50 4

ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތްދޭ ސަރުކާރު ކުންފުނި، ފެނަކައިގެ މާލީ ހިސާބުތައް ބަލަހައްޓާފައި ހުރި ގޮތް ދޯހަޅިކަމުން އެ ކުންފުނީގެ މާލީ ބަޔާންތަކަށް ދޭނެ ރައުޔެއް ނެތް ކަމަށް އޮޑިޓަރުން ނިންމައިފި އެވެ.

ފެނަކައިގެ 2023 ވަނަ އަހަރުގެ މާލީ ހިސާބުތައް އޮޑިޓު ކުރުމަށް ފަހު އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު އޮޑިޓު ރިޕޯޓުގައި އޮޑިޓަރުން ބުނެފައި ވަނީ، ރައުޔެއް ދެވޭނެ ވަރަށް އެކަށީގެންވާ ހެކި ލިބެން ނެތުމުން، ދޭނެ ރައުޔެއް ނެތް ކަމަށެވެ.

އެ ގޮތުން އޮޑިޓަރުންގެ "ޑިސްކްލެއިމާ އޮފް އޮޕީނިއަން" ގެ ދަށުން އޮތް 27 ނޯޓުގައި، އޮޑިޓަށް އެކަށީގެންވާ ވަރަށް މައުލޫމާތު ނުލިބޭ ކަންކަމުގެ ތެރޭގައި ގިނަ ކަންތައްތަކެއް ލިސްޓުކޮށްފައި ހުއްޓެވެ.

އޮޑިޓު ޑިސްކްލެއިމާ ފަށަމުން ވެސް އޮތީ، އޭގެ ކުރީ އަހަރު، އެއީ 2022 ގެ، މާލީ ހިސާބުތަކުގެ އޮޑިޓަށް ވެސް ރައުޔެއް ދެވޭ ވަރަށް ކަށަވަރު މައުލޫމާތު ލިބިފައި ނުވާތީ، ކުންފުނީގެ އޯޕަނިން ބެލެންސުގެ ގޮތުގައި ހުރި އަދަދު ކަށަވަރު ނުވާ ކަށަމެވެ.

ޑިސްކްލެއިމާގައި ހުރި ނޯޓުތަކުން ފާހަގަވާ އެއް ގޮތް ކަމަކީ، އެ ވަރުގެ ބޮޑު ކުންފުންޏެއްގައި ހިފަހައްޓަން ޖެހޭ އެކައުންޓިން މިންގަނޑުތައް ފެނަކައިން ގެންގުޅެފައި ނުވާ ކަމެވެ. މިއާ އެކީ އޮޑިޓުކުރި މާލީ ބަޔާންތަކުގައި ކުންފުންޏަށް ލިބުނު ކަމަށް ބުނާ އާމްދަނީ އާއި ހަރުމުދަލުގެ އަގާއި ކުންފުނީގެ ހަރަދުތަކުގެ ގޮތުގައި ހުރި އަދަދުތަކުގެ ސައްހަކަން ކަށަވަރު ނުވާ ކަމަށް އޮޑިޓުގައި ވެ އެވެ.

ފެނަކައިގެ މާލީ ހިސާބުތަކަށް ބަލާއިރު، 2023 ގައި އެ ކުންފުންޏަށް 2.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު ނަމަވެސް އެ ކުންފުނީގެ އޮޕަރޭޝަންތަކަށާއި ހިންގުމަށް ހިނގި ހަރަދު ބޮޑު ވުމާ އެކީ އެ އަހަރު 811 މިލިއަން ރުފިޔާ ގެއްލުންވި އެވެ.

ފެނަކައިގެ މާލީ ހާލަތާ މެދު ރިޕޯޓުން ފާހަގަވީ އަނެއް ކަންބޮޑުވުމަކީ، ކުންފުނީގެ ކަރަންޓު އެސެޓަށް ވުރެ ކަރަންޓު ލަޔަބިލިޓީ ބޮޑު ވުމެވެ. އެ ކުންފުނީގެ ކަރަންޓު ލަޔަބިލިޓީގެ ބޮޑު ބަޔަކީ ލޯނާއި ވިޔަފާރިތަކަށް ދައްކަން ޖެހޭ ފައިސާ އެވެ.

ފެނަކައަށް ލިބުނު ބޮޑު ގެއްލުމާ އެކީ، އެ އަހަރުގެ ނިޔަލަށް އެ ކުންފުންޏަށް ލިބުނު ޖުމްލަ ގެއްލުމުން ވަނީ 1.1 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.

ފެނަކައިން ވަނީ 2023 ގައި ގިނަ އަދަދެއްގެ ލޯނުތަކެއް ވެސް ނަގާފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދަކީ ސަބްސިޑީ އެޑްވާންސުގެ ގޮތުގައި ސަރުކާރުން ނެގި 618 މިލިއަން ރުފިޔާ އެވެ. ދެން ނެގި ލޯނުތަކަކީ:

  • 250 މިލިއަން ރުފިޔާ - ފިނޭންސް މިނިސްޓްރީން
  • 200 މިލިއަން ރުފިޔާ - މޯލްޑިވްސް އިސްލާމިކް ބޭންކު
  • 200 މިލިއަން ރުފިޔާ - މޯލްޑިވްސް އިސްލާމިކް ބޭންކު
  • 122 މިލިއަން ރުފިޔާ - ޔަންޓައި ޑޮންފަން ވިޒްޑަމް އިލެކްޓްރިކް ކޯ (ޗައިނާ)

ފެނަކައަކީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން މި ވަގުތު އެންމެ ހާލަތު ގޯސް އެއް ކުންފުންޏެވެ. މި ސަރުކާރުން ވިސްނަމުން އަންނަނީ އެ ކުންފުނި އެހެން ކުންފުންޏަކާ އެއްކޮށްލުމަށެވެ. ސަރުކާރުން ފުރަތަމަ ނިންމީ އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރުމަށެވެ.

އެކަމަކު މި މަސައްކަތް ފެށުމަށް ފަހު، ވަކި ހިސާބަކުން ފެނަކައާ އެއް ވައްތަރު މަސައްކަތެއް ކުރާ ސްޓެލްކޯ ކަހަލަ ކުންފުންޏަކާ އެއްކޮށްލަން އެ ނިންމުން ބަދަލުކޮށްފަ އެވެ.