about 1 hour 0
މުހައްމަދު ޝަހްޒާން
މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާ ބައްދަލު ކުރުމަށް މުއިއްޒު ބޭއްވެވި ބައްދަލުވުންތަކުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
about 1 hour 0
ވިޔަފާރިވެރިންނަށް ސަރުކާރުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ބޮޑު އަދަދެއް އަދިވެސް ނުދައްކާ އޮތް ކަމަށް ބައެއް ވިޔަފާރިވެރިން ބުނެފި އެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް މިދިޔަ ޑިސެމްބަރު 17، ގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ބޭއްވެވި ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ވިިޔަފާރިވެރިންނަށް ނުދީ ހުރި ފައިސާ އެންމެ ފަސްވެގެން އަންނަ ރޯދަ މަހުގެ ކުރިން ދައްކައި ހަލާސް ކުރައްވާނެ ކަމަށެވެ.
ނަމަވެސް، އަދަދު އަށް މައުލޫމާތު ދިން ބައެއް ވިޔަފާރިވެރިން ބުނީ ސަރުކާރުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ބޮޑު ބައެއް މިހައިތަނަށް ދައްކާފައި ނުވާ ކަމަށެވެ.
"ސަރުކާރު ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ ހަމަ ނުލިބޭ، ބައެއް މިނިސްޓްރީތަކުން ލިބެންޖެހޭ ފައިސާ ލިބެމުން ދަނީ،" މި ނޫހަށް މައުލޫމާތު ދިން ވިޔަފާރިވެރިއަކު ބުންޏެވެ.
އެ މައުލޫގައި ވާހަކަދައްކަމުން އިތުރު އެހެން ވިޔަފާރިވެރިއަކު ބުނީ ރޯދައިގެ ކުރިން ވެސް ވިޔަފާރިވެރިންނަށް ދައްކަން ހުރި ފައިސާ އެއްކޮށް ދައްކައި ހަލާސް ކުރެވޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.
"ހިއެއް ނުވޭ ރޯދައިގެ ކުރިން ލިބޭނެ ހެނެއް، މިހާރު މި ދަނީ އިތުރަށް ގޯސްވަމުން، ލިބެންޖެހޭ ފައިސާ އިތުރުވަމުން ހަމަ،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކި އެ މީހާ ބުންޏެވެ.
މީގެ ކުރިން، އޮކްޓޯބަރު 2 ވަނަ ދުވަހު ރައީސް މުއިއްޒު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އުސޫލުތަކާ އެއްގޮތަށް ހުށަހަޅާފައިވާ ހުރިހާ ބިލެއް ފަސް ހަފުތާ ތެރޭގައި ދައްކައި ނިންމާނެ ކަމަށެވެ. ނަމަވެސް އެ މުއްދަތު ހަމަވިއިރުވެސް އެ ވައުދު ފުއްދިފައެއް ނުވެއެވެ.
އެ ފަހަރު ފައިސާ ނުދެއްކޭނެކަން ކަށަވަރުވުމުން، ރައީސް ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ފަސް ހަފުތާ ތެރޭ ފައިސާ "ދޭން ފަށާނެ" ވާހަކަ ކަމަށެވެ. އެހެންނަމަވެސް، ރައީސްގެ އަސްލު ޕޯސްޓާއި، ލ. ފޮނަދޫގައި ދެއްކެވި ވާހަކަފުޅުތަކުގެ ރެކޯޑިންތަކުން ސާފުވާ ގޮތުގައި، އެމަނިކުފާނު ވިދާޅުވެފައިވަނީ ފަސް ހަފުތާ ތެރޭގައި ފައިސާ ދައްކައި "ނިންމާނެ" ކަމަށެވެ.
ބިލްތަކަށް ފައިސާ ނުދެއްކި ލަސްވަނީ ސަރުކާރުގެ ހަރަދުތަކާއި އިސްރާފު ބޮޑުވުމުގެ ސަބަބުން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ކޮށްފައިވާ މަސައްކަތްތަކަށް ނުދެއްކި ހުރި ފައިސާގެ އަދަދު މިހާރު އެތައް ބިލިއަނަކަށް އަރާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި ފައިސާގެ ބޮޑު ބައެއް ހަލާސްކުރުމަށް ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕުކޮށްގެން ކަމަށް ތުހުމަތު ކުރެވެއެވެ. މިއީ "ފައިސާ ޗާޕުނުކޮށް އިގްތިސާދު ކޮޅަށް ޖަހާނެ" ކަމަށް ވިދާޅުވެ މުއިއްޒު ކުރިން ވެވަޑައިގެންފައިވާ ވައުދާ ސީދާ ފުށުއަރާ ކަމެކެވެ.
އަމިއްލަ ވިޔަފާރިވެރިން ލިބެންޖެހޭ ބިލްތަކަށް ސަރުކާރުން ފައިސާ ނުދައްކާތީ، ރައްޔިތުންގެ ބައްދަލުވުންތަކުގައި މުއިއްޒަށް ވަރަށް ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވެ އެވެ. އަދި އެ މަނިކުފާނު ކުރިން ދައްކަވާފައިވާ ވާހަކަތައް ސޯޝަލް މީޑިއާއަށް އަލުން ތިލަކޮށް ދައުރު ވެސްކުރެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment