Advertisement

ވީއޭއެމް އެސޯސިއޭޝަން ކަޕުގެ ފައިނަލުގައި އެޗްޑީސީ އާއި ސިފައިން

1 ޖުލައި 2025 - 23:58 0

އަތޫފް އާތިފް

އަތޫފް އާތިފް

އެޗްޑީސީ އާއި ދަޑިމަގު ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


ވީއޭއެމް އެސޯސިއޭޝަން ކަޕުގެ ފައިނަލުގައި އެޗްޑީސީ އާއި ސިފައިން

1 ޖުލައި 2025 - 23:58 0

ވޮލީބޯލް އެސޯސިއޭޝަން ކަޕް ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލް މެޗުތައް ކާމިޔާބުކޮށް ކްލަބް އެޗްޑީސީ އާއި ދިވެހި ސިފައިންގެ ކްލަބް ފައިނަލަށް ދަތުރުކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިއަދު ހަވީރު ފުރަތަމަ ސެމީގައި އެޗްޑީސީ އިން ނުކުތީ ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ދެކޮޅަށެވެ. މި މެޗު އެޗްޑީސީ އިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.

މި މެޗުގެ ސެޓުތައް ދިޔައީ 26-28، 25-21، 19-25 އަދި 22-25 އިންނެވެ.

މި މެޗުގައި ފެނިގެންދިޔަ އެންމެ ވާދަވެރި ސެޓަކީ މެޗުގެ ފުރަތަމަ ސެޓެވެ. މި ސެޓުގައި ދެ ޓީމަށް ވެސް ބޮޑު ލީޑަކާއެކު ކުޅެވިފައި ނުވާއިރު، ސެޓުގެ ފަހުކޮޅު އެޗްޑީސީގެ ތަފާތަކަށްވީ ކެޕްޓަން އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ. މި ސެޓު އެޗްޑީސީ އިން ކާމިޔާބުކުރީ 28-26 އިންނެވެ.

ދެވަނަ ސެޓުގައި ދަޑިމަގުން ކުޅުން ރަނގަޅުކުރިއިރު، މި ސެޓުގެ ފަހުކޮޅު އެޗްޑީސީގެ ފަރާތުން ގިނަ ގޯސްތަކެއް ހެދުނެވެ. އޭގެ ފައިދާ ނަގައި މި ސެޓު ދަޑިމަގުން ގެންދިޔައީ 25-21 އިންނެވެ.

އެޗްޑީސީ އާއި ދަޑިމަގު ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


ތިންވަނަ ސެޓު އަދި ހަތަރުވަނަ ސެޓުގައި އެޗްޑީސީ އިން ފެނިގެންދިޔައީ ތަފާތު ކޮށެވެ. އެގޮތުން މި ދެ ސެޓުގައި ވެސް އެޗްޑީސީގެ ކުޑަކާއްޓޭ އާއި ޝަމާއިލް ހުސެއިން އަދި ބިދޭސީ ދެ ކުޅުންތެރިންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. މި ދެ ސެޓު އެޗްޑީސީ އިން ގެންދިޔައީ 25-19 އަދި 25-22 އިންނެވެ.

މީގެ އިތުރުން މިރޭ ކުޅުނު ދެވަނަ ސެމީގައި ދިވެހި ސިފައިންގެ ކްލަބް އިން ހުރާ ކޮމިއުނިޓީ ކްލަބް ބަލިކުރީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 25-20، 25-21 އަދި 25-22 އިންނެވެ.

ސިފައިންނާ ހުރާ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


ސިފައިންގެ ކްލަބްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުގެ އާދަމް ނަސީމް (އެޑަމް)، އާދަމް ފައިރޫޒް އަދި ހުސެއިން ޝާހިދު މޮޅު ކުޅުމެއް މި މެޗުގައި ދެއްކި އެވެ.

މި މުބާރާތުގައި މާދަމާ ހަވީރު ތިން ވަނަ ހޮވާ މެޗުގައި ދަޑިމަގުން ނުކުންނާނީ ހުރާއާ ދެކޮޅަށެވެ. އަދި މާދަމާ ރޭ ފައިނަލުގައި އެޗްޑީސީ އިން ނުކުންނާނީ ސިފައިންނާ ދެކޮޅަށެވެ.

މިދިޔަ އަހަރުގެ ފައިނަލުގައި ވެސް އެޗްޑީސީން ބައްދަލުކުރީ ސިފައިންނާ އެވެ. މިދިޔަ އަހަރުގެ ފައިނަލް މެޗު އެޗްޑީސީން ކާމިޔާބުކުރީ 3-2 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ، 25-20, 29-31, 20-25, 25-17 އަދި 13-15 އިންނެވެ.