23 ޖުލައި 2025 - 12:58 0
އަތޫފް އާތިފް
ސިފައިންގެ ޓީމުގެ ކޯޗު ޖުނައިދު: އޭނާ ވަނީ ކައިރިކައިރީގައި ތިން މުބާރާތް ކުޅެފައި އިންޓަނޭޝަނަލް މުބާރާތެއްގައި ވާދަކުރަން ޖެހުމުން އެ ޓީމަށް އަނިޔާގެ މައްސަލަ ކުރިމަތިވި ކަމަށް ބުނެފައި.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
23 ޖުލައި 2025 - 12:58 0
ރާއްޖޭގައި ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ)، މެންސް ޗެމްޕިއަންސް ލީގުގައި ދިވެހި ސިފައިންގެ ކްލަބަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ މައްސަލަ ކަމަށް އެ ޓީމުގެ ކޯޗު އަބްދުالله ޖުނައިދު (މާމަ) ބުނެފި އެވެ.
ފައިނަލުގައި ކުޅުމަށް އަމާޒު ހިފައި، މި މުބާރާތައް ނުކުތް ސިފައިންނަށް މުބާރާތް ނިންމާލަން ޖެހުނީ ފަސް ވަނަ ޓީމުގެ ގޮތުގަ އެވެ. މުބާރާތުގައި ކުޅުނު ފަސް މެޗުގެ ތެރެއިން އެ ޓިމަށް މޮޅެއް ލިބުނީ ހަމައެކަނި ކްލަބް އެޗްޑީސީ އަތުންނެވެ. އެޗްޑީސީގެ މައްޗަށް ސިފައިން ކުރިހޯދީ 3-2 ސެޓުންނެވެ.
"އަދަދު ސްޕޯޓްސް" އާ ވާހަކަ ދައްކަމުން ޖުނައިދު ބުނީ އަސްލު މުބާރާތުގައި ސިފައިންގެ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އަނިޔާގެ މައްސަލަ ކަމަށެވެ.
އެ ގޮތުން، އެ ޓީމުން މުބާރާތާ ދިމާކޮށް ގެނައި ބިދޭސީ ތިން ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިން މި މުބާރާތް ކުޅުނީ ފުރަތަމަ މެޗުގައި ލިބުނު އަނިޔާއަކާ އެކުގައި ކަމަށް ޖުނައިދު ފާހަގަކުރި އެވެ. އަދި، ބައެއް ދިވެހި ކުޅުންތެރިން ވެސް ތިބީ އެއްކޮށް ފިޓް ނޫން ކޮށް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
"ދިމާވި އެންމެ ބޮޑު މައްސަލައަކީ ފުރަތަމަ މެޗުގައި ކުޅުންތެރިން އިންޖަރީވުން. އެއީ ދިމާވި އެންމެ ބޮޑު މައްސަލައަކީ. މުހިންމު ދެ ކުޅުންތެރިން އަނެއްކާ ބޭރު ކުޅުންތެރިންނާ، އަނެއްކާ އަޅުގަނޑުމެންގެ ދިވެހި ކުޅުންތެރިން ވެސް ހަމަ އިންޖަރީވެގެން ދިޔުމުގެ ސަބަބުން ޓާގެޓަށް ވާސިލް ނުވެވުނީ." ރާއްޖޭގެ ވޮލީ ސީޒަނުގެ ތިން މުބާރާތް ސިފައިންނަށް ކާމިޔާބުކޮށްދިން ކޯޗު، ޖުނައިދު ބުންޏެވެ.
ޖުނައިދު ބުނީ މި މުބާރާތައް ރާއްޖޭން ބޭރުގެ ޓީމުތަކުން އައިސްފައިވަނީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށެވެ. އެކަމަކު ރާއްޖޭގެ ދެ ޓީމު މި މުބާރާތް ކުޅެން ޖެހުނީ ކައިރި ކައިރީގައި ތިން މުބާރާތް ކުޅެފައި ކަމަށް ޖުނައިދު ވަނީ ބުނެފަ އެވެ.
އަދި، މި މުބާރާތައް ރަނގަޅަށް ތައްޔާރުވެގެން ކުޅުނުނަމަ މި އަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް ޖުނައިދު ފާހަގަކުރި އެވެ.
Comment