30 ޖޫން 2025 - 10:10 0
30 ޖޫން 2025 - 10:10 0
މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 30) - ހެރީ ކޭންގެ ދެ ގޯލާ އެކު، ފްލަމެންގޯ އަތުން 4-2 އިން މޮޅުވެ، ބަޔާން މިއުނިކުން، މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ކުއާޓާ ފައިނަލުގައި ބަޔާނުން ކުޅޭނީ ރޭ އިންޓަ މިއާމީ ކަޓުވާލުމަށް ފަހު، އަނެއް ބުރަށް ދަތުރުކުރި، ޔޫރަޕްގެ ޗެމްޕިއަން، ޕީއެސްޖީ އެވެ.
ހާޑް ރޮކް ސްޓޭޑިއަމްގައި ރޭ 60،000 އަށް ވުރެ ގިނަ މީހުން ކުރިމަތީގައި ކުޅުނު މެޗުގައި، ފްލަމެންގޯގެ އެރިކް ޕުލްގާ އަތުން ބައިކޮޅަށް ހަ ވަނަ މިނިޓްގައި، ވަން ގޯލުން ބަޔާނުން ލީޑުނެގި އެވެ. މިއީ، ބަޔާނުގެ ޖޯސުއާ ކިމިކް ނެގި ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި، ޕުލްގާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަދި، ކޭން ވަނީ ނުވަ ވަނަ މިނިޓްގައި ބަޔާންގެ ލީޑުފުޅާކޮށްދީފަ އެވެ.
މެޗުގެ 33 ވަނަ މިނިޓްގައި، ޖާސަން ވަނީ ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ ކައިރިން ގޯލު ޖަހައި، ފްލަމެންގޯ އަށް އުންމީދެއް ހޯދައިދީފަ އެވެ. އެކަމަކު، 41 ވަނަ މިނިޓްގައި، ލެއޯން ގޮރެޓްޒްކާ ވަނީ ގޯލު ޖަހައި، ބަޔާނަށް އަލުން ދެ ގޯލުގެ ލީޑެއް ނަގައިިދީފަ އެވެ.
ދެ ވަނަ ހާފުގެ ކުޅުން ފެށިގެން 10 މިިނިޓް ތެރޭ ޕެނަލްޓީ އަކުން، ޖޯޖީނިއޯ ކާމިޔާބުކުރި ޕެނަލްޓީން އަނެއްކާ ވެސް ފްލަމެންގޯ އިން ފަރަގުކުޑަކުރި އެވެ. އޭގެ ފަހުން، ކިމިކް ދިން ބޯޅައަކުން ކޭން ވަނީ ބަޔާންގެ ހަތަރު ވަނަ ގޯލު ޖަހައި، އެ ޓީމަށް ގަދަ އަށް ޓީމުގެ ތެރެއިން ޖާގަ ޔަގީންކޮށްދީފަ އެވެ.
މި މެޗުގައި ޖެހި ދެ ގޯލާ އެކު، ކޭން ވަނީ މި ސީޒަނުގައި، 42 ލަނޑު ހަމަކޮށްފަ އެވެ.
Comment