މިއުނިކް (ފެބްރުއަރީ 22) - ޖަރުމަނު ލީގުގައި ރޭ ހެރީ ކޭން ޖެހި ދެ ގޯލާ އެކު، 3-2 އިން އައިންޓްރަކްޓް ފްރޭންކްފާޓް އަތުން މޮޅުވެ ބަޔާން މިއުނިކުން ލީގުގެ އެއް ވަނައިގައި ލީޑު ބޮޑުކޮށްފި އެވެ.
ލީގުގެ ދެ ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑުން ރޭ ކުޅުނު މެޗުގައި އާރްބީ ލައިޕްޒިގާ 2-2 އިން އެއްވަރުވުމުގެ ފައިދާނަގައި، ބަޔާނުން ހޯދި މޮޅާ އެކު އެ ޓީމުން އެއް ވަނައިގައި ވަނީ އަށް ޕޮއިންޓަށް ލީޑުފުޅާކޮށްފަ އެވެ. ބަޔާނަށް 23 މެޗުން 60 ޕޮއިންޓް ލިބުނުއިރު، ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް 23 މެޗުން ހަމަކުރެވުނީ 52 ޕޮއިންޓެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ބަޔާނުން ވަނީ 16 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މިއީ ޖޯސެފް ސްޓަނިސިޗް ދިން ބޯޅައަކުން އަލެކްސަންޑަ ޕަވްލޮވިޗް ޖެހި ގޯލެކެވެ. މި ލަނޑު ޖެހިތާ ހަތަރު މިނިޓް ފަހުން ކޭން ވަނީ ބަޔާންގެ ދެ ވަނަ ލަނޑު ޖަހައި، ލީޑުފުޅާކޮށްދީފަ އެވެ. އަދި، މެޗުގެ 68 ވަނަ މިނިޓްގައި ޖޯސުއާ ކިމިކް ދިން ބޯޅައަކުން ކޭން ވަނީ ބަޔާންގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، މި ފަހަރު ލީގުގައި ކޭންގެ 28 ވަނަ ގޯލެވެ.
ފްރޭންކްފާޓުން މެޗުގެ ތެރެއަށް ވަންނަން ހިތްވަރަކަށް ވެގެންދިޔައީ މެޗުގެ 77 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އެެވެ. މިއީ، ކޭން ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. މި ޕެނަލްޓީ ވައްދާލީ، ޖޮނަތަން ބުރްކާޑް އެވެ. އަދި، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިިނިޓަށް ވެފައި ވަނިކޮށް ފްރޭންކްފާޓުގެ އާނޯ ކަލިމުއެންޑޯ ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. އެކަމަކު، އިތުރު ގޯލެއް ޖަަހައި އެއްވަރުކުރަން ފުރުސަތު ނުދީ ބަޔާނުން މި މުހިންމު ތިން ޕޮއިންޓް ކަށަވަރުކުރަން ރަނގަޅަށް ޑިފެންސްކުރި އެވެ.
ލައިޕްޒިގުން ފުރަތަމަ ހާފުގައި ކްރިސްޓޮފް ބޯމްގާޓްނާގެ ދެ ލަނޑުން ލީޑުނެގި މި މެޗުގައި ޑޯޓްމަންޑުން އެއްވަރުކުރީ ދެ ވަނަ ހާފުގައި ދެ ލަނޑު ޖަަހައިގެންނެވެ. ފުރަތަމަ ލަނޑަކީ ލައިޕްޒިގުގެ ރޮމޫލޯ އަތުން ބައިކޮޅަށް ވަން ގޯލެކެެވެ. އަދި، ޑޯޓްމަންޑުން އެއްވަރުކުރީ ފަބިއޯ ސިލްވާ ވައްދާލި ގޯލެކެވެ.
Comment