28 ޖޫން 2025 - 11:46 3
ލީވާން އަލީ ނާސިރު
ބ. ކިހާދޫ
28 ޖޫން 2025 - 11:46 3
ބ. ކިހާދޫއަށް ކަރަންޓު ދިނުމަށް ބޭނުންކުރަމުން އައި ތިން އިންޖީނުގެ ތެރެއިން 250 ކިލޯވޮޓްގެ ދެ އިންޖީނު ހަލާކުވެ، ކޮންމެ 30 މިނެޓަކުން ރަށުން ކަރަންޓު ކަނޑަން ފަށައިފި އެވެ.
ކިހާދޫއަށް ކަރަންޓު ދެމުން އަންނަ ފެނަކައިން އެ ރަށުގެ ރައްޔިތުންނަށް އަންގާފައި ވަނީ ކަރަންޓު ފޯރުކޮށްދޭ 250 ކިލޯވޮޓްގެ އިންޖީނު ހަލާކުވުމުން މައްސަލަ ހައްލުވަންދެން ރަށުގެ ދެ ފަރާތު ފީޑަރުން ކޮންމެ 30 މިނެޓަކުން ކަރަންޓު ކަނޑަން ޖެހޭ ކަމަށެވެ.
ކިހާދޫ ކައުންސިލްގެ ރައީސް ހުސައިން ޝާފިއު އަދަދު އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ރަށުގައި ކަރަންޓުގެ ހިދުމަތް ދެމުން އަންނަ 250 ކިލޯވޮޓްގެ އިންޖީނު މީގެ ތިން މަހެއްހާ ދުވަސް ކުރިން ހަލާކުވުމުން، ކަރަންޓުގެ ހިދުމަތް ދެމުން އައީ 250 ކިލޯވޮޓްގެ އިންޖީނަކާއި 160 ކިލޯވޮޓްގެ އިންޖީނެއް ބޭނުންކޮށްގެން ކަމަށެވެ.
"ދެ އިންޖީނުގައި ނިއްވާނުލާ ކަރަންޓު ދެމުން އަންނަތާ ތިން މަސް ދުވަސްވަރު ވެދާނެ. ހަފްތާއަކު އެއްފަހަރު ކަހަލަ ގޮތަކަށް ރެސްޓު ދޭން ވެގެން ބައި ގަޑިއިރަށް ނިއްވާލިއަސް ނިއްވާލަނީ. އެހެން ހަދަނިކޮށް ދެވަނަ އިންޖީނު ހަލާކުވެ އެއް އިންޖީނު މިހާރު ހިންގަމުންދަނީ. އެ އިންޖީނަކުން މުޅި ރަށަށް ކަރަންޓު ނުދެވޭ. އެހެންވެ ބައިގަޑިއިރުން ބައިގަޑިއިރުން ކަރަންޓު ކަނޑަމުންދަނީ،" އޭނާ ވިދާޅުވި އެވެ.
ފުރަތަމަ އިންޖީނު ހަލާކުވުމުން އެ މައްސަލަ ހައްލު ކުރަން ފެނަކައިގައި އެދިފައިވާތާ ތިން މަސް ވެގެންދިޔައިރު ވެސް އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ޝާފިއު ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ ފުރަތަމަ އިންޖީނު ހަލާކުވުމާ ގުޅިގެން ކަރަންޓު ލޯޑު ބޮޑުވާތީ ފެނަކައިން އެދިގެން މިސްކިތުގެ އޭސީތައް ވެސް ކަނޑައި، ލޯޑު ކުޑަ ކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެ ރަށަށް މަދުވެގެން 300 ކިލޯވޮޓްގެ ކަރަންޓު ބޭނުންވާނެ ކަމަށެވެ.
މީގެއިތުރުން ކޮންމެ 30 މިނެޓަކުން ކަރަންޓު ކަނޑަން ޖެހުމުން އެއީ ވަރަށް ކަންބޮޑުވާ ކަމެއްކަން ފާހަގަކުރައްވަމުން ޝާފިއު ވިދާޅުވީ އޭގެ ސަބަބުން ރައްޔިތުންނަށް ތަކުލީފުތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
ބޮޑުމިނުގައި 26.4 ހެކްޓަރު ހުންނަ ކިހާދޫގައި 600 އެއްހާ މީހުން ދިރިއުޅެމުން އަންނައިރު، އެ ރަށަކީ ދެފަހަރު މަތިން މީހުން އާބާދުވި ރަށެކެވެ.
Comment