ބ. ކެންދުއަށް ރައީސް ސޯލިހު ވަޑައިގަތް ވަގުތު މަރުހަބާ ކިޔަން ގިނަ އަދަދެއްގެ މީހުން ބަނދަރު ސަރަހައްދުގައި - ފޮޓޯ: އެމްޑީޕީ
މީގެ ހަތް އަހަރު ކުރިން، 2016 ގައި ބ. އަތޮޅު ކިހާދޫއަށް ކުރި ދަތުރެއްގައި ފެނުނީ ބޭނުން ނުކުރެވޭ ވަރަށް ރަށުގެ ބަނދަރު ހަލާކު ވެފައި އޮތް މަންޒަރެވެ. ބަނދަރުގެ ބައެއް ހިސާބުތަކުން ވާޓަރު ތޮށިގަނޑު ވެއްޓި، މަރާމާތުކުރަން ޖެހޭ ހާލުގަ އެވެ. ބަނދަރުގެ ބައެއް ހިސާބުތަކުގައި ދޯނިފަހަރު ބަނދަރު ނުކުރެވެ އެވެ.
އޭގެ ހަތް އަހަރު ފަހުން، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރެއް ހޯއްދެވުމުގެ ރިޔާސީ ކެމްޕެއިނަށް ކިހާދުއަށް ވަޑައިގެންނެވި އިރު ފެނުނީ ރަނގަޅަށް ހަދައި މަރާމާތުކޮށްފައިވާ ބަނދަރެކެވެ.
ކިހާދޫ އެކަންޏެއް ނޫނެވެ. ބ. އަތޮޅުގެ މީހުން ދިރިއުޅޭ ގިނަ ރަށްރަށުން އެ ހެޔޮ ބަދަލު ފެނިފައިވެ އެވެ. ގުދުރަތީ ގޮތުން ވަކިން އަތޮޅުގެ ދެކުނު ބިތުގައި އޮންނަ، ގޮއިފުޅަފެހެންދު އަތޮޅުގައި ހިމެނޭ ފުޅަދޫއާއި ފެހެންދުއަށް ކުރިން ދަތުރުކުރި ބަނދަރެއް ވެސް ނެތެވެ. މިހާރު އެ ދެ ރަށް ވެސް ބަދަލުވެއްޖެ އެވެ.
ރަށުގެ ފަޅުގައި ވަކި ބިމެއް ހިއްކައި ވާޓަރު ޖަހައިގެން ބަނދަރު ހަދާފައިވެ އެވެ. ބަނދަރު ރަށާއި، މީހުން ދިރިއުޅޭ ރަށާ ގުޅުވައިލީ ކޮންކްރީޓް ބްރިޖެކެވެ. މީގެ ސަބަބުން ބަނދަރު ކައިރީ މުދާ ބާލަން ވެސް ފަސޭހަވެ، ރަށުގެ ގޮނޑުދޮށް އެއްވެސް ވަރަކަށް ހަލާކެއް ނުވެ އެވެ.
ސެޕްޓެމްބަރު 9، ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރައީސް ސޯލިހު މި ވަނީ ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންފަ އެވެ. ދުވާލަކު ހަ ރަށުގެ މަގުން ޖުމުލަ 12 ރަށަށް އިއްޔެ އާއި ހޯމަ ދުވަހު ވަޑައިގެންފަ އެވެ. އެންމެ އުތުރުން އޮންނަ ރަށް، ކުޑަރިކިއްޔަށް ވަޑައިގަތީ މިއަދު ހެނދުނެވެ.
މިއިން ކޮންމެ ރަށެއްގައި ސަރުކާރުން ހިންގާފައިވާ އުމްރާނީ ތަރައްގީގެ ބައެއް މަޝްރޫއުތައް ނިންމުން ފާހަގަ ކުރެއްވި އެވެ. ބައެއް އާ މަޝްރޫއުތައް އިފުތިތާހު ވެސް ކުރެއްވި އެވެ. އަދި އިތުރު ދައުރެއް އެމަނިކުފާނަށް ދެއްވައިފިނަމަ އެ ރަށެއްގައި ހިންގަވާނެ ބައެއް މަޝްރޫއުތައް އިއުލާން ވެސް ކުރެއްވި އެވެ.
ފުޅަދުއަކީ 393 މީހުންގެ އާބާދީއެއް އޮތް ރަށެކެވެ. ރަށުގައި ދިރިއުޅޭ އާބާދީއަކީ 240 މީހުނެވެ.
ފެހެންދުއަކީ 318 މީހުންގެ އާބާދީއެއް އޮތް ރަށެކެވެ. ރަށުގައި ދިރިއުޅޭ އާބާދީއަކީ 168 މީހުނެވެ.
ގޮއިދުއަކީ 841 މީހުންގެ އާބާދީއެއް އޮތް ރަށެކެވެ. ރަށުގައި ދިރިއުޅޭ އާބާދީއަކީ 508 މީހުނެވެ.
އޭދަފުއްޓަކީ އަތޮޅުގެ ވެރިކަންކުރާ ރަށެވެ. 3،467 މީހުންގެ އާބާދީއެއް ރަޖިސްޓްރީވެފައިވެ އެވެ. ރަށުގައި ދިރިއުޅެނީ 1،249 މީހެކެވެ.
ހިތާދޫއަށް ރަށްވެހިފައިވާ މީހުންގެ އާބާދީއަކީ 1425 މީހުނެވެ. ރަށުގައި ދިރިއުޅޭ އާބާދީއަކީ 667 މީހުނެވެ.
މިއީ އޭދަފުއްޓަށް ފަހު މި އަތޮޅުގައި އެންމެ މީހުން ގިނަ ރަށެވެ. ރަޖިސްޓްރީގައި 3087 މީހުން ހިމެނެ އެވެ. ރަށުގައި ދިރިއުޅޭ އާބާދީއަކީ 1478 އެވެ. އެއާޕޯޓުގެ ބޮޑު ވައުދެއްވީއިރު، އެ ކަން ހަގީގަތަކަށް ނުވުމުގެ ހިތްހަމަނުޖެހުމެއް ވެސް ރަށުގައި އެބަ އޮތެވެ.
މާޅޮހަކީ 766 މީހުންގެ އާބާދީއެއް ރަޖިސްޓްރީގައި އޮންނަ ރަށެކެވެ. ރަށުގައި ދިރިއުޅޭ އާބާދީއަކީ 486 މީހުުނެވެ. މާޅޮހު ބަނދަރު ވެސް ހަލާކުވެފައި އޮންނަތާ އަހަރުތަކެއްވީއިރު އަދި އެ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތެއް ނުހިނގަ އެވެ.
މިއީ ރަޖިސްޓްރީގައި 601 މީހުންގެ އާބާދީއެއް އޮތް ރަށެކެވެ. ރަށުގައި ދިރިއުޅޭ އާބާދީއަކީ 361 މީހުނެވެ.
ކިހާދުއަކީ ރަޖިސްޓްރީގައި 555 މީހުންގެ އާބާދީއެއް އޮތް ރަށެކެވެ. ރަށުގައި ދިރިއުޅޭ އާބާދީއަކީ 432 މީހުންނެވެ.
ކަމަދުއަކީ ރަޖިސްޓްރީގައި 563 މީހުން ހިމެނޭ ރަށެކެވެ. ރަށުގައި ދިރިއުޅޭ އާބާދީއަކީ 345 މީހުނެވެ.
ކެންދުއަކީ ރަޖިސްޓްރީގައި 1393 މީހުން ހިމެނޭ ރަށެކެވެ. ރަށުގައި ދިރިއުޅޭ އާބާދީއަކީ 869 މީހުނެވެ.
ރައީސް ސޯލިހު ބ. އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރުފުޅުގެ ތެރެއިން --- ފޮޓޯ: އެމްޑީޕީ
ބ. އަތޮޅުގައި އެއާޕޯޓު އޮންނަ ދަރަވަންދުއަކީ 1208 މީހުންގެ އާބާދީއެއް ރަޖިސްޓްރީގައި އޮންނަ ރަށެކެވެ. އެންމެ ފައިދާގައި ހިންގާ ޑޮމެސްޓިކް އެއާޕޯޓް އޮންނަ އެ ރަށުގައި ދިރިއުޅޭ އާބާދީއަކީ 822 މީހުނެވެ. ރައީސް ސޯލިހުގެ މެނިފެސްޓޯގައި ހިމެނޭ "ހެޔޮ ވެރިކަން" ސިޔާސަތުތައް ލޯންޗުކުރީ މި ރަށުގަ އެވެ.
އަތޮޅުގެ އެންމެ އުތުރުން އޮންނަ ކުޑަރިކިއްޔަކީ ރަޖިސްޓްރީގައި 674 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. ރަށުގައި ދިރިއުޅޭ އާބާދީއަކީ 451 މީހުނެވެ.
ރިޔާސީ ކެމްޕެއިނުގެ މިސްރާބު ދެން އޮތީ ބ. އަތޮޅުގެ އުތުރަށް އޮންނަ ރ. އަތޮޅަށެވެ. ރ. އަތޮޅުގެ ނުވަ ރަށަކަށް، މި ދަތުރުގެ ތެރޭގައި ރައީސް ވަޑައިގަންނަވާނެ އެވެ. އެއީ ކިނޮޅަސް، ފައިނު، މީދޫ، މަޑުއްވަރީ، ދުވާފަރު، އިނގުރައިދޫ، އިންނަމާދޫ، ރަސްމާދޫ، އަދި ހުޅުދުއްފާރެވެ. އެ އަތޮޅުގައި ވެސް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ފަށައިގެން ދަނީ ހިންގަމުންނެވެ.
Comment