Advertisement

ކިހާދޫގައި ޓޫރިޒަމް ޒޯން ކަނޑައަޅައި ދިގު މުއްދަތަށް ބިން ކުއްޔަށް ދޫކުރަނީ

8 ޖަނަވަރީ 2024 - 12:33 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ބ. ކިހާދޫ: ގެސްޓު ހައުސް ވިޔަފާރިއާއި ވޯޓާ ސްޕޯޓްސް ވިޔަފާރިއަށް ބިން ކުއްޔަށް ދޫކުރުމަށް ކިހާދޫ ކައުންސިލުން ހުޅުވާލައިފި -- ފޮޓޯ: ފޭސްބުކް


ކިހާދޫގައި ޓޫރިޒަމް ޒޯން ކަނޑައަޅައި ދިގު މުއްދަތަށް ބިން ކުއްޔަށް ދޫކުރަނީ

8 ޖަނަވަރީ 2024 - 12:33 0

ޓޫރިޒަމް ޒޯން ކަނޑައަޅައި ބ. ކިހާދޫއިން ވިޔަފާރިއަށް ބިން ކުއްޔަށް ދޭން ހުޅުވާލައިފި އެވެ.

ކިހާދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ގެސްޓު ހައުސް އެޅުމަށާއި ވޯޓާ ސްޕޯޓްސް ވިޔަފާރި ކުރުމަށް 30 އަހަރުގެ މުއްދަތަށް ބިން ކުއްޔަށް ނެގުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

ގެސްޓު ހައުސް އެޅުމަށް ދޫކުރާ ބިންތަކުގެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް ހަ ރުފިޔާ އެވެ. ވޯޓާ ސްޕޯޓްސްއަށް ދޫކުރާ ބިމުގެ އެންމެ ކުޑަ އަގަކީ އަކަ ފޫޓަކަށް އަށް ރުފިޔާ އެވެ.

ކިހާދޫއިން ދޫކުރަނީ ގެސްޓު ހައުސް އެޅުމަށް 5000 އަކަފޫޓުގެ ތިން ބިމާއި ވޯޓާ ސްޕޯޓްސް ވިޔަފާރިއަށް 2552 އަކަފޫޓުގެ ދެ ބިމެވެ.

ގެސްޓު ހައުސް ބިން ދޫކުރަނީ ކިހާދޫ އިރުދެކުނުން ގޮނޑުދޮށްފަޅިއާ ކައިރިންނެވެ. ވޯޓާ ސްޕޯޓްސް ވިޔަފާރިއަށް ދޫކުރަނީ ބަނދަރުގެ ހުޅަނގުން އޮތް ބިމަކުންނެވެ.

ކިހާދޫގެ ލޭންޑް ޔޫސް ޕްލޭން (ގެސްޓު ހައުސް ވިޔަފާރިއާއި ވޯޓާ ސްޕޯޓްސްއަށް ބިން ދޫކުރާ ސަރަހައްދު ފާހަގަކުރެވިފައި)


މި ބިންތައް ދޫކުރުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި ސައްތައިން ސައްތަ ދިވެހި އަމިއްލަ ކުންފުނިތަކަށެވެ. ކިހާދޫ ކައުންސިލުން ބުނީ މި ބިޑުގައި އެއްވެސް ސިފައެއްގައި ބިދޭސީންނަށް ބައިވެރިވުމުގެ ފުރުސަތު ނެތް ކަމަށެވެ. ޕާޓްނާޝިޕް ވިޔަފާރިތަކަށް ވެސް ބިން ކުއްޔަށް ނެގުމަށް ހުޅުވާލެވިފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ.

ގެސްޓު ހައުސް އަދި ވޯޓާ ސްޕޯޓްސްއަށް ބިން ކުއްޔަށް ނެގުމަށް ބިޑް ހުށަހެޅުމަށް ހުޅުވާލާގައި ވަނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށެވެ. ބިޑް ފޮތުގެ އަގަކީ 5000ރ. އެވެ. އެއީ ނޮން-ރިފަންޑަބަލް ފައިސާއެކެވެ.

ކިހާދޫގައި އަދި ހިންގަނީ އެންމެ ގެސްޓު ހައުސްއެކެވެ. އެރަށަކީ ލޯކަލް ޓޫރިޒަމަށް ފައްކާ ކުރުމަށް ފަހި ހިސާބެއްގައި އޮންނަ ރަށެކެވެ. ފަސޭހައިން ދަތުރުކުރެވޭ ހިސާބުގައި އެއާޕޯޓެއް އޮތުމުގެ އިތުރުން ބ. އަތޮޅު ބަޔޮސްފިޔާ ރިޒާވް ހަނިފަރާ ވެސް ކިހާދޫއާ ކައިރި އެވެ.

ބ. އަތޮޅަކީ ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަމުގެ އެކި ފިޔަފާރިތައް ކުރަމުން އަންނަ އަތޮޅެކެވެ. އެ އަތޮޅުގައި އެކަނި ވެސް ޖުމްލަ 17 ރިސޯޓާއި 61 ގެސްޓު ހައުސް ހުރެ އެވެ.