25 ޖޫން 2025 - 15:13 2
މޭޔަރު ސައުދު އަލީ:
25 ޖޫން 2025 - 15:13 2
ތިނަދޫ ސިޓީ ކައުންސިލުން ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލު ކުރަމުންދާ ކަމަށް ބުނެ އެ ކައުންސިލުގެ މޭޔަރު ސައުދު އަލީ އާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ މިއަދު ސަސްޕެންޑުކޮށްފި އެވެ.
މޭޔަރު ސައުދު ސަސްޕެންޑު ކުރީ ތިން މަސް ދުވަހަށް ކަމަށް އެލްޖީއޭއިން ބުންޏެވެ. އަދި ޑެޕިއުޓީ މޭޔަރު ނަސްރުﷲ ސަސްޕެންޑު ކުރީ އެއް މަސް ދުވަހަށެވެ.
އޭގެ އިތުރުން ސިޓީ ކައުންސިލުގައި ދެން ތިބި ކައުންސިލަރުންނަށް ނަސޭހަތް ދީ، މުސާރައިގެ އިތުރުން ގާނޫނާ ހިލާފަށް ކައުންސިލަރުން ނަގާފައިވާ ކަމަށް ބުނާ ފައިސާ އަނބުރާ ދިނުމަށް ވެސް އެލްޖީއޭއިން ވަނީ މިއަދު އަންގައިފަ އެވެ.
އެލްޖީއޭ އިން މިއަދު ބޭއްވި ނޫސްބެރިންގެ ބައްދަލުވުމެއްގައި އެ އޮތޯރިޓީގެ ޑިރެކްޓަރު އަލީ އަބްދުﷲ ރަޝީދު ވިދާޅުވީ މިގޮތަށް ފިޔަވަޅު އަޅަން ނިންމީ ދައުލަތުގެ އިދާރާތަކުންނާއި އާންމުންގެ ފަރާތުން ލިބިފައިވާ 19 މައްސަލައެއް ބެލުމަށް އެލްޖީއޭ އިން ކުރިއަށް ގެންދިޔަ އިންކުއަރީއަކަށްފަހު ކަމަށެވެ.
މި އިންކުއަރީގެ ދަށުން ކައުންސިލްގެ މެންބަރުންނާއި އިދާރީ މުވައްޒަފުންގެ ބަޔާންތައް ނަގާފަވާނެ ކަމަށާއި މައްސަލައާއި ގުޅޭ ލިޔެކިޔުންތައް ވެސް ހޯދާފައިވާނެ ކަމަށް ރަޝީދު ވިދާޅުވި އެވެ. ޖަވާބު ދާރީ ވުމަށް އެ ކައުންސިލަށް ފުރުސަތު ދިން ކަމަށާއި އެ ފުރުސަތުގެ ބޭނުން ކައުންސިލަރުން ހިފި ކަމަށް ވެސް އޭނާ ބުންޏެވެ.
އެލްޖީއޭ އިން ބެލި 19 މައްސަލައިގެ ތެރޭގައި ސަރުކާރުގެ އިދާރާތަކަށް ޖަވާބު ނުދިނުމާއި އެންގުންތަކަށް ބޯނުލެނބުން އަދި މަގާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފުމުގެ ގިނަ މައްސަލަތަކެއް ހިމެނެ އެވެ. ބައެއް ކައުންސިލަރުން ނުހައްގު މުސާރައާއި އިނާޔަތްތައް ނެގިކަމަށާއި މޭޔަރުގެ އަމިއްލަ އެކައުންޓަށް ފައިސާތަކެއް ޖަމާކުރި ކަމަށް ވެސް އެލްޖީއޭ އިން ތުހުމަތުކުރެ އެވެ.
މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑުކުރުމުގެ އިތުރުން ނަސޭހަތް ދީފައިވަނީ ކައުންސިލް މެންބަރު އަހުމަދު ވަހީދާއި މެމްބަރު އައިމިނަތު ނަސީމާ އާއި އަހްމީމާ އަހުމަދުގެ އިތުރުން މެމްބަރު މުހައްމަދު ޒަލީފް އަބްދުﷲ އަށެވެ.
ކައުންސިލްގެ އިތުރުން އެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ޖީޒާ ހަސަންގެ މައްސަލަ ބެލުމަށް ފަހު، އޭނާ އަށް ވެސް ނަސޭހަތްތެރިވުމަށާއި ގަވާއިދާ ހިލާފަށް ނަގާފައިވާ އެލަވަންސް އާއި ފައިސާ އަނބުރާ ކޮމިޓީއަށް ދެއްކުމަށް އެންގުމަށް ވެސް އެލްޖީއޭ އިން ވަނީ ނިންމައިފަ އެވެ.
Comment