5 އޮކްޓޯބަރު 2025 - 11:38 0
ލީވާން އަލީ ނާސިރު
ތިނަދޫ ސިޓީގައި ހިނގި އެކްސިޑެންޓްގެ ތެރެއިން: އެ އެކްސިޑެންޓުގައި އަނިޔާވި ހަ އަހަރުގެ ކުއްޖާއަށް ދަނީ ފަރުވާ ދެމުން
5 އޮކްޓޯބަރު 2025 - 11:38 0
ގދ. ތިނަދޫގައި ސްކޫޕް އެންޑް ސްމައިލް ކުރިމަތީ މަގު ހުރަސްކުރި ކުއްޖާގެ ގައިގައި ސައިކަލުން ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ހަ އަހަރުގެ ކުއްޖަކަށް ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން ބުނީ އިއްޔެ އިރުއޮއްސުނުއިރު ހިނގި އެ އެކްސިޑެންޓުގައި އަނިޔާވި ކުއްޖާއަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ. ނަމަވެސް އެ ކުއްޖާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވި 21 އަހަރުގެ ޒުވާނާ އަތުގައި ލައިސަންސް ނެތެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ދުއްވި ސައިކަލު ވަނީ ޓޯކޮށްފަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން އެކްސިޑެންޓުގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލު ކޮންޓްރޯލްނުވެ ގޮސް ކުއްޖާ ގައިގައި ޖެހޭތަން ފެނެ އެވެ.
އެ އެކްސިޑެންޓާ ގުޅިގެން ތިނަދޫ ސިޓީގެ މޭޔަރު، ސައުދު އަލީ ވިދާޅުވީ ވަގުތު ފާއިތު ނުވަނީސް ގާނުނުތަކާއި، އެންމެގެ ސަލާމަތާއި ރައްކާތެރިކަމަށް ކޮށްފަހުރި ކަންކަމަށް އިހުތިރާމްކޮށް ބޭނުންކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ދުރާލައި ވިސްނައިގެން ކޮށްފަހުންނަ ކަންކަމަށް ބެލުމެއް ނެތި މަގު ހުރަސްތައް ބޭނުން ނުކޮށް ޖެހުނު ކޮންމެ ދިމާލަކުން މަގު ހުރަސް ކުރަން އުޅެގެން ހީނުކުރާވަރުގެ ހިތާމަވެރި ހާދިސާތައް ހިނގާފާނެ ކަމަށެވެ.
މި އަހަރު މިހާތަނަށް ތިނަދޫގައި 50 އާ ގާތްކުރާ އަދަދަށް އެކި އެކްސިޑެންޓްތައް ހިނގާފައިވާ ކަމަށް ސައުދު ވިދާޅުވި އެވެ.
Comment