Advertisement

"ބޮޑެތި ދަތިތަކެއް ހުރުމުން" އާރުޑީސީއަށް 13 މިލިއަން ރުފިޔާ ދެއްކޭނެ ގޮތެއް ނެތް

25 ޖޫން 2025 - 11:04 0

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މައި އޮފީސް އިމާރާތުގެ ނަން ބޯޑު: އާރުޑީސީއަކީ މަގު ހެދުމުގެ މަސައްކަތަށް ހާއްސަކޮށްގެން އުފެއްދި ކުންފުންޏެއް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


"ބޮޑެތި ދަތިތަކެއް ހުރުމުން" އާރުޑީސީއަށް 13 މިލިއަން ރުފިޔާ ދެއްކޭނެ ގޮތެއް ނެތް

25 ޖޫން 2025 - 11:04 0

ސަރުކާރު ކުންފުނި، ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ހުކުމަކާ އެއް ގޮތަށް ފައިސާ ނުދައްކައިގެން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން، އެ ކުންފުންޏާ ދެކޮޅަށް މައްސަލަ ތަންފީޒުކުރަން "ބޮޑެތި ދަތިތަކެއް ހުރުމުން،" އެ ފައިސާ ދެއްކޭނެ ގޮތެއް ނެތް ކަން ހާމަވެއްޖެ އެވެ.

އާރުޑީސީއާ ދެކޮޅަށް މި މައްސަލަ ކޯޓަށް ހުށަހެޅީ އަމިއްލަ ކުންފުންޏަކުންނެވެ. އެ މައްސަލަ ހުށަހެޅީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 26، ގައި އިއްވި ހުކުމަކާ އެއްގޮތަށް އާރުޑީސީން ފައިސާ ނުދައްކައިގެންނެވެ.

ހުކުމުގައި އޮތީ ހުކުމް ކުރި ތާރީހުން ފެށިގެން ދެ މަސް ދުވަހުގެ ތެރޭގައި އެ ކުންފުންޏަށް 16 މިލިއަން ރުފިޔާ ދެއްކުމަށެވެ. އެކުންފުނިން ކޯޓަށް މައްސަލަ ހުށަހެޅީ މި ހުކުމުގެ ދަށުން ދައްކަން ޖެހޭ އެއްވެސް ފައިސާއެއް އާރުޑީސީން ނުދެއްކުމުންނެވެ.

ނަމަވެސް ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ކޯޓުގައި ކުރިއަށް ދަނިކޮށް، އާރުޑީސީން ވަނީ އެ ކުންފުންޏަށް ތިން މިލިއަން ރުފިޔާ ދައްކާފަ އެވެ.

ކޯޓުން މި މައްސަލައިގައި ހުކުމް ކުރީ މައްސަލަ އަލުން ހުށަހެޅޭ ގޮތަށެވެ. މި ގޮތަށް މައްސަލަ ބާތިލުކުރީ، އާރުޑީސީގެ މާލީ ހާލަތު ގޯސްކަމުން ފައިސާ ދެއްކުމުގައި ލުޔެއް ހޯދަން އެ ކުންފުނީގައި އެދުމުން އެ ކުންފުނިން އެ ފުރުސަތު ފަހިކޮށްދިނުމުން ކަން ވެސް ހުކުމުން އެނގެ އެވެ.

"ހުކުމް ތަންފީޒުކުރުމުގެ މަރުހަލާ ކުރިއަށް ދަނިކޮށް ދައުވާލިބޭ ފަރާތުން -/3،000،000ރ. (ތިން މިލިއަން ރުފިޔާ) ދައްކާފައިވާއިރު، ބާކީ ދައްކަންޖެހޭ 13،104،573/04ރ. (ތޭރަ މިލިއަން އެއްލައްކަ ހަތަރު ހާސް ފައްސަތޭކަ ހަތްދިހަ ތިން ރުފިޔާ ހަތަރު ލާރި) ވާކަމަށާއި، ނަމަވެސް ދަރަނިވެރިޔާއާ ދެކޮޅަށް މި މައްސަލަ މި ވަގުތު ތަންފީޒުކުރުމަށް ބޮޑެތި ދަތިތަކެއް ހުރުމުން މި ވަގުތަށް ތަންފީޒު މައްސަލަ ހުއްޓާލުމަށް އެދޭތީ." ހުކުމުގައި ވެ އެވެ.

އާންމުންގެ މީހަކަށް ދައްކަން ޖެހޭ ފައިސާތަކެެއް ނުދެއްކިގެން ސަރުކާރު ކުންފުންޏަކުން ލުޔެއް ހޯދިއިރު، މި ފަހުން ވެސް އެ ކުންފުންޏާ ވަނީ ގިނަ މަޝްރޫއުތަކެއް ހަވާލުކޮށްފަ އެވެ. އޭގެ ތެރޭގައި ގިނައީ އެ ކުންފުނި އުފެއްދި މަގުސަދު ކަމުގައިވާ މަގު ހެދުމުގެ މަސައްކަތް ނޫން މަސައްކަތްތަކެވެ.

އާރުޑީސީ އުފައްދައިގެން މިވީ މުއްދަތުގެ ތެރޭގައި ސަރުކާރުން ޕްރޮޖެކްޓުތަކަށް ދޭ ފައިސާ ނޫން އެހެން އާމްދަނީއެއް ނުލިބެ އެވެ. މިހެން ނަމަވެސް، އެ ކުންފުނީގެ ތެރެއިން ޕްރޮޖެކްޓުތަށް ހިންގުމަށް ދިން ފައިސާއިން ބޮޑެތި ހިޔާނާތްތަކެއް ހިންގި ކަމަށް ތުހުމަތުކުރެ ވެ އެވެ.

ހިޔާނާތުގެ މައްސަލަތަކުގައި އެ ކުންފުނީގެ ކުރީގެ މެނޭޖުމަންޓަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ ތަހުގީގުކުރަމުންނެވެ. ނަމަވެސް މިއިން އެއްވެސް މައްސަލައެއްގައި އަދި މީހަކަށް ދައުވާއެއް ނުކުރެ އެވެ.