Advertisement

ހަނގުރާމައާ ގުޅިގެން ކުރިއާލައި ފިޔަވަޅު އަޅަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކުއްލި މައްސަލައެއް

24 ޖޫން 2025 - 09:35 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ހަނގުރާމައާ ގުޅިގެން ކުރިއާލައި ފިޔަވަޅު އަޅަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކުއްލި މައްސަލައެއް

24 ޖޫން 2025 - 09:35 0

އިޒްރޭލާއި އިރާންއާ ދެމެދު މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ކުރިއާލައި ފިޔަވަޅުތައް އެޅުމަށް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

އިދިކޮޅު އެމްޑީޕީގެ ފަރާތުން މި މައްސަލަ މަޖިލީހަށް ވެއްދީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް އެވެ. އޭނާ ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ 45 މެންބަރުންނެވެ. އެ މައްސަލަ ބަލައިނުގަތުމަށް އެއް މެންބަރަކު ވޯޓު ދެއްވި އެވެ.

"މިކަމުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖެއަށް، ޓޫރިސްޓުން އައުން، މަދުވެ، އެކަމުގެ ނަތީޖާއެއްގެ ގޮތުން، ދައުލަތުގެ އާމްދަނީ ދަށްވުމާއި، ބޭރު ފައިސާ ލިބުން ނުހަނު ބޮޑަށް ދަށްވުން ފަދަ ދަތި ހާލަތެއް ދިވެހިރާއްޖެއަށް ކުރިމަތިވުމަކީ، ނުހަނު އެކަށީގެންވާ ކަމެއް،" އެ މައްސަލާގައި ބުނެފައި ވެ އެވެ.

ހަނގުރާމަ ފެށުނީ ޖޫން 13، ގައި އިޒްރޭލުން އިރާނުގެ އަސްކަރީ މަރުކަޒުތަކަކަށް ހަމަލާ ދިނުމުންނެވެ. އޭގެ ފަހުން އެމެރިކާއިން ވެސް އިރާނަށް ހަމަލާ ދިނެވެ. އޭގެ ބަދަލުގައި އިރާނުން އަންނަނީ އިޒްރޭލަށް ހަމަލާ ދެމުންނެވެ. އަދި ރޭގެ ވަގުތެއްގައި ގަތަރުގައި ގާއިމްކޮށްފައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ވެސް އިރާނުން ހަމަލާ ދިނެވެ.

"އަސާސީ ހިދުމަތްތަކަށް ބޭނުންވާ ތެލާއި، ގޭސް ފަދަ ތަކެތި މެދުނުކެނޑި، އެތެރެކުރެވޭނެކަން ކަށަވަރުކުރުމާއެކު، ބޭހާއި ކާޑުގެ ބާވަތްތަކާއި އަދި ތުއްތު ކުދިންގެ ކާނާ ފަދަ، ކޮންމެހެން ބޭނުންވާ ތަކެތި ހުސްނުވެ ރައްޔިތުންނަށް ލިބެންހުންނާނެކަން ކަށަވަރުކުރުމަށްޓަކައި، ފިޔަވަޅުތައް އެޅުމަކީ ސަރުކާރުގެ މައްޗަށް ލާޒިމުކަމެއް،" އެ މައްސަލާގައި ބުނެފައި ވެ އެވެ.

އެގޮތުން، އެ ތަކެތީގެ ސްޓޮކް އެކަށީގެންވާ މިންވަރަށް، ހުރިތޯ ނުވަތަ ނޫންތޯ ސަރުކާރުން ރައްޔިތުންނަށް އަންގަވައިދެއްވާން ވާނެ ކަމަށް މީކާއިލްގެ މައްސަލާގައި ބަޔާންކޮށްފައި ވެ އެވެ.

މި މައްސަލައިގެ ބަހުސް މިހާރު ވަނީ މަޖިލީހުގައި ފަށާފަ އެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅެން ހުރި ފިޔަވަޅުތައް ބަލަމުންދާ ކަމަށެވެ.

ރޭގެ ހަމަލާއަށްފަހު ގަތަރާއި ޔޫއޭއީގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދު ކުރި އެވެ. ގަތަރުގެ ދޯހާ އާއި ޔޫއޭއީގެ އަބޫ ދާބީ އަދި ޑުބާއީގެ ކަނެކްޓިން ފްލައިޓުތަކުން ރާއްޖެއަށް ވަރަށް ގިނަ ފަތުރުވެރިން އާދެ އެވެ. ނަމަވެސް ގަޑިއިރުތަކަކަށްފަހު އެ ދެ ގައުމުގެ ވައިގެ ސަރަހައްދު ވަނީ އަލުން ހުޅުވާލައިފަ އެވެ. އަދި ޔޫއޭއީއަކީ ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކުރާ އެއް ގައުމެވެ.