Advertisement

އިރާނުން އިރާގު، ކުވެއިތު، ގަތަރު އަދި ބަހްރެއިނުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދޭން ފަށައިފި

23 ޖޫން 2025 - 22:01 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ގަތަރުގެ ވެރިރަށް ދޯހާގެ ސްކައިލައިން ---


އިރާނުން އިރާގު، ކުވެއިތު، ގަތަރު އަދި ބަހްރެއިނުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދޭން ފަށައިފި

23 ޖޫން 2025 - 22:01 0

އިޒްރޭލް-އިރާން ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން ވަދެ ވައިގެ ހަމަލާތަކުގެ ބަދަލުގައި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ މެދު އިރުމަތީގެ ގައުމުތަކަށް އިރާނުން ހަމަލާ ދޭން ފަށައިފި އެވެ.

އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ގަތަރުގައި އިރާނުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ގަތަރުގައި ހުންނަ އެމެރިކާގެ އަލް އުދެއިދު އެއާ ބޭސް އަށެވެ. ގަތަރުގެ ވެރިރަށް ދޯހާގެ އުޑުމަތިން މިސައިލް އަދި އެއާ ޑިފެންސް ސިސްޓަމް ރޮކެޓުތައް ފެންނަމުންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

އިރާން ދައުލަތުގެ މީޑިއާއިން ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ މަރުކަޒަށް އަމާޒުކޮށް ހަމަލާ ދެމުންދާކަން ކަށަވަރުކޮށްދީފަ އެވެ.

ގަތަރުގެ އިތުރުން އިރާގާއި ބަހްރެއިންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކުން އެއާ ރެއިޑް ސައިރެންތަކުގެ އަޑު އިވެމުންދާ ކަމަށް ވެސް ބައެއް މީޑިއާ ރިޕޯޓުތަކުން ދަނީ ބުނަމުންނެވެ.

އިރާނުގެ ފޯޑޯ، ނަޓަންޒު އަދި އިސްފަހާނުގައި ހުރި ނިއުކްލިއާ ފެލިސިޓީތަކަށް އެމެރިކާއިން ހަމަލާ ދިނީ އިއްޔެ އެވެ. އެ ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން މެދު އިރުމަތީގެ ގިނަ ގައުމުތަކުގެ ތެލާއި ގޭސް ބޭރުކުރާ މައި ކަނޑުއޮޅި ކަމުގައިވާ ހޮރުމޫޒު ކަނޑުއޮޅި ބަންދުކުރަން އިރާނުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އަދި އިޒްރޭލަށް އިއްޔެ އާއި ރޭ ވަރުގަދަ ހަމަލާތަކެއް ވަނީ ދީފަ އެވެ.

އިޒްރޭލުގެ އެންމެ ބޮޑު ވާގިވެރިޔާ، އެމެރިކާއަށް ބޯނުލަނބައި އޮތް އިރާނުގެ ބާރު ކަނޑުވާލަން އިޒްރޭލުން ހަމަލާތައް ދޭން ފެށީ މި މަހުގެ 13 ވަނަ ދުވަހު އެވެ. އިޒްރޭލުން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ އަސްކަރީ މަރުކަޒުތަކާއި ނިއުކްލިއާ ސައިޓުތަކަށެވެ. ނަމަވެސް އާންމުން އުޅޭ ސަރަހައްދުތަކަށާއި، ދައުލަތުގެ ޓީވީ ސްޓޭޝަނަށް ވެސް އިޒްރޭލުން ހަމަލާދީފައިވެ އެވެ