Advertisement

ތިން ފިހާރައަކުން ގަތް މުދަލަށް ފޭކު ސްލިޕް ފޮނުވުމުން "ކޮން އާޓިސްޓު" ޒައިދާން ހައްޔަރުކޮށްފި

22 ޖޫން 2025 - 11:01 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ތިން ފިހާރައަކުން ގަތް މުދަލަށް ފޭކު ސްލިޕް ފޮނުވުމުން "ކޮން އާޓިސްޓު" ޒައިދާން ހައްޔަރުކޮށްފި

22 ޖޫން 2025 - 11:01 2

ތިން ފިހާރައަކަށް ފޭކު ސްލިޕް ފޮނުވައިގެން އަގުހުރި މުދާ ހޯދި މައްސަލައެއްގައި ޒައިދާން މުހައްމަދު ހާޝިމް، 28 ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ މެއި މަހު އެކި ދުވަސް މަތިން ހުޅުމާލެ އަދި މާލޭގައި ހުންނަ ފިހާރައަކަށް ޒައިދާން ފޭކް ސްލިޕް ފޮނުވި މައްސަލައެއް އެ އިދާރާއަށް މެއި 16، ގައި ހުށަހެޅުމާއެކު، އެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކުރީ ޖޫން 17، ގައި ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގުގައި ފުލުހުން ބެލި ބެލުމުން ޒައިދާން ތިން ފިހާރައަކަށް ފޭކް ސްލިޕް ފޮނުވައިގެން މުދާ ހޯދީ ހުޅުމާލެ ހިޔާ ފްލެޓުގައި އޭނާ ކުއްޔަށް ހިފާފައިވާ ދެ އެޕާޓްމަންޓަކަށެވެ. މިގޮތުން އެ އެޕާޓްމަންޓްތަކަށް އޭނާ ހޯދި މުދާތައް ވައްދާ މަންޒަރު ސީސީޓީވީން ފެންނަ ކަމަށް ފުލުހުން ބުންޏެވެ.

މީގެއިތުރުން ފުލުހުން ބުނީ ޒައިދާން ކުއްޔަށް ހިފާފައިވާ ހިޔާ ފްލެޓުގެ ދެ އެޕާޓްމަންޓުން ފޭކް ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން އޮޅުވާލައިގެން ހޯދާފައިވާ މުދާތައް ފެނިފައިވާ ކަމަށެވެ.

މާލޭގެ އެއް ފިހާރައަކަށް ޒައިދާން 31،150ރ. ގެ ފޭކްސ ސްލިޕެއް ފޮނުވާފައިވާއިރު، އަނެއް ފިހާރައަށް 5،817ރ. ގެ ފޭކް ސިލިޕެއް ފޮނުވި އެވެ. އަދި ހުޅުމާލޭގައި ހުންނަ ފިހާރައަކަށް އޭނާ ވަނީ 36،467ރ. ގެ ފޭކް ސްލިޕެއް ފޮނުވައިފަ އެވެ.

މި މައްސަލައިގައި ޒައިދާންގެ އިތުރުން ބަންގްލަދޭޝްއަށް ނިސްބަތްވާ އަފްރިން އަކްތަރު، 30 ވެސް ހައްޔަރު ކޮށްފައިވެ އެވެ. ނަމަވެސް އޭނާ އާއި މި މައްސަލައާ ގުޅެނީ ކިހިނެއް ކަމެއް ފުލުހުން ނުބުނެ އެވެ.

މައްސަލައާ ގުޅިގެން ޒައިދާންގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު، އަފްރީންގެ ބަންދަށް ޖަހާފައި ވަނީ ފަސް ދުވަހެވެ.

ސްކޭމްގެ ގިނަ މައްސަލަތަކުގެ ތުހުމަތު ކުރެވޭ ޒައިދާންގެ 11 މައްސަލައެއް ފުލުހުން ގެންދަނީ މިހާރު ވެސް ތަހުގީގު ކުރަމުންނެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ދެ މައްސަލައެއް ޝަރީއަތުގައި މިހާރު ވެސް ދަނީ ކުރިއަށެވެ.