Advertisement

ރުފިޔާއިން ސާވިސް ޗާޖު ދިނުމަކީ ގާނޫނީ ކުށެއް އަދި މުވައްޒަފުންނަށް ދެވޭ ބޮޑު ގެއްލުމެއް: ގާސިމް

18 ޖޫން 2025 - 22:21 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ވިލާ ގްރޫޕުގެ އޯނަރު ގާސިމް އިބްރާހިމް: އޭނާ ވިދާޅުވީ ރުފިޔާއިން ސާވިސް ޗާޖު ދިނުމަކީ ގާނޫނީ ކުށެއް ކަމަށް ---- ފޮޓޯ: އަދަދު


ރުފިޔާއިން ސާވިސް ޗާޖު ދިނުމަކީ ގާނޫނީ ކުށެއް އަދި މުވައްޒަފުންނަށް ދެވޭ ބޮޑު ގެއްލުމެއް: ގާސިމް

18 ޖޫން 2025 - 22:21 1

ރިސޯޓުތަކަށް އަންނަ ޓޫރިސްޓުން އަތުން ޑޮލަރުން ނަގާ ސާވިސް ޗާޖު މުވައްޒަފުންނަށް ރުފިޔާއިން ދިނުމަކީ ގާނޫނީ ކުށެއް ކަމަށާއި އެއީ މުވައްޒަފުންނަށް ދެވޭ ބޮޑު ގެއްލުމެއް ކަމަށް ވިލާ ގްރޫޕުގެ އޯނަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގޮތުގައި ވެސް ހުންނެވި ގާސިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރުން މަޖުބޫރުކުރުވުމާ ގުޅިގެން ޑޮލަރުގެ ތާށިކަމެއް އޮތް ކަމަށް ބުނެ ރުފިޔާއިން ސާވިސް ޗާޖު ދޭން ނިންމުން އެއީ ހައްގު ނިންމުމެއް ނޫން ކަމަށެވެ.

"ފަތުރުވެރީން އަތުން ސާވިސްޗާޖު ނަގަނީ ޑޮލަރުން. އެހެންކަމުގައިވާ ނަމަ އެ ހައްޤު ހަމަ އެގޮތަށް މުއައްޒަފު މީހާއަށް ލިބިދޭން ޖެހޭނީ ޑޮލަރުން،" ގާސިމް ލިޔުއްވާފައިވެ އެވެ.

ރުފިޔާއިން ސާވިސް ޗާޖު ދިނުމަކީ މަކަރާއި ހީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުން، ކަމަށް ބެލުމުގެ މައްސަލައަކަށްވުމުގެ ފުރުސަތު އެބައޮތް ކަމަށް މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ގާސިމް ވިދާޅުވެފައިވެ އެވެ.

"ޑޮލަރުން ލިބޭ ސާވިސްޗާޖެއް މުއައްޒަފެއްގެ ނުރުހުމުގައި ދިވެހި ރުފިޔާއިން ލިބިގަތުމަށް ދެކޮޅުހެދުމަށް ފަހު އެ މައްސަލަ ގާނޫނުގައިވާ ގޮތުގެ މަތީން ޝަރީއަތުގެ މަޖިލީހަށް ހުށަހެޅުމުން ނަތީޖާ ސާފުވެގެން ދާނެކަމަށް އަޅުގަނޑު ދެކެން،" އޭނާ އިތުރަށް ލިޔުއްވާފައިވެ އެވެ.

އޭނާ އަކީ އެތައް ހާސް މުވައްޒަފުންނެއް ގެންގުޅޭ ގިނަ ރިސޯޓެއް ހިންގާ މީހެއް ކަމަށާއި މިކަމުގައި ދަތި ހުރި ނަމަވެސް މިއީ މުވައްޒަފުންގެ ވަރަށް ބޮޑު ހައްގެއް ކަމުން ސާވިސް ޗާޖު ރުފިޔާއިން ދިނުމަކީ މުވައްޒަފުންނަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ގާސިމް ވިދާޅުވެފައިވެ އެވެ.

ސާވިސް ޗާޖުގެ އިތުރުން ބައެއް ކުންފުނިތަކުން ޑޮލަރުން ދެމުން އައި މުސާރަ ރުފިޔާއިން ދޭން ނިންމަމުން ދާކަން ފާހަގަކުރައްވާ އެކަމަށް ވެސް ގާސިމް ވަނީ ފާޑުވިދާޅުވެފަ އެވެ.

ގާސިމް މިފަދަ ޕޯސްޓެއް ކުރައްވާފައި މިވަނީ ރިސޯޓު ހިންގާ ބައެއް ކުންފުނިތަކުން ރުފިޔާއިން ސާވިސް ޗާޖު ދޭން ނިންމުމާމެދު މަޝްވަރާކުރަމުން ދަނިކޮށެވެ.