Advertisement

ސުޕްރީމް ކޯޓަށް އަލަށް އައްޔަނުކުރި ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ޝަމްއާންގެ ބަންދު އަމުރު ދަމަހައްޓައިފި

18 ޖޫން 2025 - 14:29 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ސުޕްރީމް ކޯޓަށް އަލަށް އައްޔަނުކުރި ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ޝަމްއާންގެ ބަންދު އަމުރު ދަމަހައްޓައިފި

18 ޖޫން 2025 - 14:29 1

ސުޕްރީމް ކޯޓަށް އަލަށް އައްޔަނުކުރި ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު އަބްދުﷲ ހަމީދުގެ އަގުލަބިއްޔަތުން ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދުގެ ބަންދު އަމުރު ދަމަހައްޓަން ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.

އެ އަމުރު ސުޕްރީމް ކޯޓުގައި ޝަމްއާންގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލާގައި ރިޔާސަތު ބެލެހެއްޓެވީ އެ ކޯޓަށް މިފަހުން އައްޔަނުކުރި ފަނޑިޔާރު ހުސައިން ޝަހީދު އެވެ. ޝަހިދުގެ އިތުރުން ބެންޗުގައި ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫން އަދި މީގެ ހަފްތާއެއްހާ ދުވަސްކުރި އެ ކޯޓުގެ ފަނޑިޔާރަކަށް އައްޔަނުކުރި އަބްދުالله ހަމީދު އެވެ.

ޝަހީދުގެ ރައުޔުގައި ވިދާޅުވީ ވިދާޅުވީ ޝަމްއާންގެ ބަންދު އަމުރު ބާތިލުކުރަން ޖެހޭ ސަބަބެއް އޮތް ކަމަށް އޭނާއަށް ދެއްކިފައި ނުވާ ކަމަށެވެ. އަދި އޭސީސީގެ ބައިވެރިވުމެއް ނެތި ބަންދާ މެދު ގޮތެއް ނިންމުމަށް ގާނޫނީ ހުރަހެއް ވެސް ނެތް ކަމަށެވެ.

"އެންޓި ކޮރަޕްޝަންގެ ބައިވެރިވުމެއް ނެތި މި މައްސަލައިގެ ތުހުމަތު ކުރެވޭ ފަރާތުގެ (ޝަމްއާން) ގެ ބަންދާ މެދު ގޮތެއް ނިންމުމަށް ފުލުހުންނަށް ގާނޫނީ ހުރަހެއް އޮތް ކަމަށް ނުފެންނާތީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލު ކުރަން ޖެހޭ ތަނެއް ނެތް ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވާ ކަނޑައެޅުމަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތް،" ރިޔާސަތުގައި އިންނެވި ޝަހީދުގެ ރައުޔު އިއްވަމުން ވިދާޅުވި އެވެ.

ޝަހީދުގެ ރައުޔުއަށް ފަނޑިޔާރު ހަމީދު ތާއީދު ކުރައްވާފައިވާއިރު، އެ ރައުޔުއާ ހިލާފަށް ފަނޑިޔާރު ޝުޖޫން ވިދާޅުވީ ޝަމްއާންގެ ބަންދު އަމުރު ބާތިލުކުރަން ޖެހޭ ކަމަށެވެ. ޝުޖޫންގެ ރައުޔުގައި ވިދާޅުވީ ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމާފައި ވަނީ ހެއްކަށް ނުފުޒު ފޯރުވާފާނެ ކަމުގެ އިހުތިމާލު އޮތް ކަމުގައި ދައުލަތުން ބުނި ބުނުމުގެ މައްޗަށް އެކަނި ކަމަށެވެ.

"އަހަރެން ކުރިމަތީގައި މިއޮތް ބާވަތުގެ މައްސަލަތަކުގައި ގޮތް ކަނޑައަޅަން ޖެހޭނީ ކުށް ސާބިތު ނުވާހާ ހިނދަކު، އެމީހަކީ ކުށުން ބަރީއަވެގެންވާ މައުސޫމް މީހެއްކަމުގެ އަސާސާއި ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ ކޮންމެ ފަހަރަކީ މީހެއްގެ މިނިވަންކަން ހިފެހެއްޓި ބަންދު ކުރެވެން ޖެހޭ ހާލަތެއް ވުޖޫދު ނުވުމުގެ އަސާސްގެ މައްޗަށް ބިނާކޮށް،" ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ.

ތިން ފަނޑިޔާރުން ވެސް ވަނީ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅޭގޮތުން ހައި ކޯޓުން ނިންމި ނިންމުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 76 ވަނަ މާއްދާއާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅާފަ އެވެ. އަދި ފުލުހުންނަށް އެކަނި އެފަދަ މައްސަލަތައް ނުބެލޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ޝަމްއާންއަށް ފުލުހުން ކުރާ ތުހުމަތަކީ ކޮރަޕްޝަން އާއި މަނީ ލޯންޑަރިންގެ ތުހުމަތެވެ. ދަށު ކޯޓުގެ އަމުރަށް ތާއީދުކޮށް ހައި ކޯޓުން ކުރި އަމުރުގައި ބުނެފައި ވަނީ މަނީ ލޯންޑަރިންގެ ތުހުމަތެއް އޮވެއްޖަ ނަމަ އޭސީސީގެ ބައިވެރިވުމެއް ނެތި ވެސް އެ މައްސަލަ ފުލުހުންނަށް ބެލިދާނެ ކަމަށެވެ.

ޝަމްއާން ހައްޔަރު ކުރީ، ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމުން އޭނާ މާޗް 20، ގައި ވަކި ކުރުމަށްފަހު ޖެހިގެން އައި ދުވަހެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ ބިދޭސީއަކު ހިފެހެއްޓުމަށްފަހު އޭނާގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނެގުމެވެ.

އެކަމަކު، ޝަމްއާން ހައްޔަރު ކުރީ ފްރޭމްކޮށްގެން ކަމަށް އޭނާގެ އަނބިކަނބަލުން ވަނީ ވިދާޅުވެފަ އެވެ. ޝަމްއާންގެ މައްސަލައަކަށްވީ ހޯމް މިނިސްޓްރީ އާއި ހޯމް މިނިސްޓަރު އަލީ އިހުސާން ހިންގަވާ ކޮރަޕްޝަންގެ މައްސަލަތައް ރައީސް މުހައްމަދު މުއިއްޒުއާ ހިއްސާ ކުރުން ކަމަށް ޝަމްއާންގެ އާއިލާއިން ބުނެ އެވެ.