Advertisement

އޭސީސީން ތިބީ ސުވާލެއް ކޮށްނުލައި މައްސަލަ ބާއްވައިގެން: މަހާޒު

17 ޖޫން 2025 - 21:56 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް: އޭސީސީން ތިބީ ސުވާލެއް ކޮށްނުލާ މައްސަލަ ބާއްވައިގެން ކަމަށް ވިދާޅުވި


އޭސީސީން ތިބީ ސުވާލެއް ކޮށްނުލައި މައްސަލަ ބާއްވައިގެން: މަހާޒު

17 ޖޫން 2025 - 21:56 0

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު އަދި ހުސްނުއްސުއޫދުގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސުވާލެއް ނުކޮށް ތިބީ މައްސަލަ ބާއްވައިގެން ކަމަށް މަހާޒު މިއަދު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުންގެ މައްސަލަ އޭސީސީން އަދިވެސް ތަހުގީގު ކުރަމުންދާ ކަމަށް އަދަދު އިން ގެނެސްދިން ހަބަރު ޝެއާކުރައްވައި ފޭސްބުކް ގައި މަހާޒް ވިދާޅުވީ މައްސަލައިގައި އޭސީސީން ސުވާލެއް ނުކޮށް، ބާއްވައިގެން ތިބުމަކީ ތަހުގީގު ކުރުން ނޫން ކަމަށެވެ.

"ތިން މަސްދުވަހަށްވުރެ ގިނަ ދުވަސް ހޭދަވެފައިވާއިރު ސުވާލުކޮށް ނުލާ މައްސަލަ ބާއްވައިގެން ތިބުމަކީ ތަހުގީގު ކުރުމެއް ނޫން،" މަހާޒް ވިދާޅުވި އެވެ.

ގާނޫނުގައި ބުނާ ހިމާޔަތް އޭސިސީގެ މެންބަރުންނަށް ލިބޭނީ ހެޔޮ ނިޔަތުގައި ގާނޫނާ އެއްގޮތަށް އަމަލުކޮށްގެން ކަމަށް މަހާޒް ވިދާޅުވި އެވެ.

ނަމަވެސް އޭސީސީގެ މެންބަރުން ގާނޫނާ އެއްގޮތަށް އަމަލު ނުކުރާނަމަ، އެ މެންބަރުން އަމިއްލައަށް ފަރުދީ ގޮތުން ދައްކަން ޖެހޭ އަގު މާ ބޮޑުވާނެ ކަމަށް މަހާޒް ވިދާޅުވި އެވެ. ކުރީގެ ފަނޑިޔާރު ވިދާޅުވީ އޮޔާއި ވައި ބަދަލުވާ ވަގުތާއި އެކަންކަމުން ނުކުންނަ ނަތީޖާ އެންމެނަށް ވެސް އެނގޭ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުންގެ މައްސަލައިގައި ކުރިއެރުމެއް ލިބުނުތޯ މި ނޫހުން ސުވާލު ކުރުމުން ސަމާ ވިދާޅުވީ މިވަގުތު ހާމަކުރެވެން އޮތީ މައްސަލަ ތަހުގީގު ކުރަމުންދާ ވާހަކަ އެކަނި ކަމަށް އޭސީސީން ބުންޏެވެ.

ކުރީގެ ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒް އަދި ސުއޫދުގެ މައްޗަށް އޭސީސީން ހިންގަމުންދަނީ ޖިނާއީ ތަހުގީގެކެވެ. އެކަމާ ގުޅިގެން މިހާތަނަށް އެ ކޮމިޝަނުން އެއްވެސް ތަފްސީލެއް އާރްޓީއައި ހުށަހަޅައިގެން ވެސް ހާމައެއް ނުކުރެ އެވެ.

އޭސީސީން ތިން ފަނޑިޔާރުންގެ މައްސަލަ ބަލަން ފެށުމާއެކު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އެ ފަނޑިޔާރުންތައް ސަސްޕެންޑުކޮށް ސުލޫކީ މައްސަލައެއްގެ ގޮތުގައި ވަކި މައްސަލައެއް ބަލަން ފެށި އެވެ.

ތިން ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނުފުޒު ފަނޑިޔާރުގެއަށް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެ، މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ޖޭއެސްސީން އަޒްމިރާލްދާ އާއި މަހާޒްއަށް ދިފާއުވުމުގެ ފުރުސަތު ވެސް ނުދެއްވައި، އެ ތިން ފަނޑިޔާރުން ވަކިކުރަން ވަނީ ނިންމައިފަ އެވެ. މިއާއެކު، އެ ނިންމުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން ކޮމިޓީ މަރުހަލާގައި ވެސް ދިފާއުވާން އެ ފަނޑިޔާރުންނަށް ފުރުސަތު ނުދީ، ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ވަކިކުރަން ވަނީ ފާސްކޮށްފަ އެވެ.