Advertisement

އުއްތަމަ ފަނޑިޔާރާއެކު ސަރުކާރުން ޑީލު ހަދައި ރިޓަޔަމަންޓް އެލަވަންސް ބޮޑުކުރުމަކީ ކޮރަޕްޝަންގެ އަމަލެއް: ޝަމްހީދު

15 ޖޫން 2025 - 18:13 1

އަހުމަދު އާއިދު

އަހުމަދު އާއިދު

މާލިއްޔަތު ކޮމިޓީގައި އެމްޑީއަށް ނިސްބަތްވާ ޝަމްހީދު (ކ) އަދި ގަފޫރު (ވ): އުއްތަމަ ފަނޑިޔާރުގެ އެލަވަންސް ބޮޑުކުރުމާ ގުޅޭގޮތުން އެ ދެ ބޭފުޅުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


އުއްތަމަ ފަނޑިޔާރާއެކު ސަރުކާރުން ޑީލު ހަދައި ރިޓަޔަމަންޓް އެލަވަންސް ބޮޑުކުރުމަކީ ކޮރަޕްޝަންގެ އަމަލެއް: ޝަމްހީދު

15 ޖޫން 2025 - 18:13 1

ސަރުކާރުން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އާއެކު ހެދި ޑީލެއްގެ ދަށުން އެމަނިކުފާނު ރިޓަޔާކުރައްވަން ނިންވެމުމާއެކު، އުއްތަމަ ފަނޑިޔާރުންނަށް ލިބޭ ރިޓަޔަމަންޓް އެލަވަންސް ބޮޑުކުރުމަކީ ކޮރަޕްޝަންގެ އަމަލެއް ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރު ރިޓަޔާކުރައްވަން ހުށަހަޅުއްވާފައިވަނިކޮށް، އެމަނިކުފާނަށް ލިބޭ އެލަވަންސް ބޮޑުވާނެހެން ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވާއިދު އިސްލާހުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިންނެވެ.

މި ހުށަހެޅުމަށް ކޮމިޓީގައި ވާހަކަދައްކަވަމުން ޝަމްހީދު ވިދާޅުވީ މިއީ މިއޮތް ހުރިހާ ދުވަހު ކޮމިޓީގައި ސަރުކާރުގެ މެންބަރުން ހިމެނޭހެން ޕެންޝަންތައް ކުޑަކޮށް ހަރަދުކުޑަކުރަން ޖެހޭ ކަމަށް ބުނެ ދެއްކި ވާހަކަތަކާއި މުޅިން ހިލާފު ކަމެއް ކަމަށެވެ.

"ހަރަދުކުޑަކުރަން ހުރިހާ ވާހަކައެއް ދައްކާފަ. މިއަދު ސަރުކާރުން ޑީލެއް ހަދަން ވީމަ. ނޫނި އުއްތަމަ ފަނޑިޔާރު ރިޓަޔަކުރަން ވީމަ އޭނައަށް ލިބޭ އިނާޔަތްތައް ކުއްލިއަކަށް ދެގުނަ ކުރާ ގޮތަށް މިތަނަށް ގެނެސް މިކަންތައް ކުރުމަކީ ހަމަ ކޮރަޕްޝަންގެ ތެރެއިން ހިނގާ ކަންތައްތައް. މިވެސް ކޮރަޕްޝަނޭ އޭގެ ޒާތުގަ،" ޝަމްހީދު ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި މަޖިލިސް މެންބަރުންގެ މަހު މުސާރައަށް ލިބޭ ވަރު، އަދި ރާއްޖޭގެ ބޮޑެތި ހޮސްޕިޓަލުތަކުގެ ނަރުހުންނާއި ޑޮކްޓަރުން ރިޓަޔާ ކުރުމުން ލިބޭ ވަރަށްވުރެ ބޮޑު އިނާޔަތެއް އުއްތަމަ ފަނޑިޔާރަކަށް ދިނުމަކީ ކުރަން "ހެޔޮވާވަރު" ކަމެއް ނޫނެވެ.

"މި ގައުމުގަ ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންވެސް އެބައުޅޭ. އެބޭފުޅުންނަކަށް ނުލިބޭ އެކައްޗެއްވެސް. އެ ބޭފުޅުން ސައިކަލެއްގެ ފަހަތުގަ އެ ދުއްވަނީ، ސެކިއުރިޓީއެއް ނެތް،" ޝަމްހީދު ވިދާޅުވި އެވެ.

ޝަމްހީދަށްފަހު އޭނާ ވެސް ނިސްބަތްވާ އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތެރެއިން މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު މެންބަރު އަބްދުލްގަފޫރު މޫސާ ވެސް ވަނީ މިކަމާ ދެކޮޅު ހައްދަވާ ވަރަށް ބޮޑަށް ވާހަކަ ދައްކަވާފަ އެވެ.

މަތީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން، ތިމަންނާ ރިޓަޔާކުރާނީ މިވެނި ކަންކަމެއް ހަމަޖެހުނީމައޭ ބުނުމުން އެގޮތަށް ގާނޫނައި ގަވާއިދު އިސްލާހު ކުރުމަކީ ކުރުން ރަނގަޅު ކަމެއް ނޫންކަން ގަފޫރު ފާހަގަކުރެއްވި އެވެ.

ދައުލަތަށް 40 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކޮށް ޕެންޝަނުގެ ގޮތުގައި 5،000 ރުފިޔާ އެކަނި ލިބޭ ރައްޔިތުން ވެސް އެބަތިބި ކަަމަށާއި އެ މީހުންގެ ހައްގުތައް ލިބޭތޯ ގަފޫރު ވަނީ މިއަދު ސުވާލު އުފައްދަވާފަ އެވެ.