about 1 hour 0
ލީވާން އަލީ ނާސިރު
about 1 hour 0
މި ސަރުކާރުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަން ބޭނުންވަނީ ހުވާކުރާ މުއްދަތަކީ ބޭކާރު އެއްޗަކަށް ހެދުމުގެ ނިޔަތުގައި ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
އަދަދު ނޫހުން ގެނެސްދޭ ކުޅިކޮށް ޕްރޮގްރާމްގައި ޝަމްހީދު ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލައިފިނަމަ، ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުވާނެ ކަމަށާއި އޭރުން ރާއްޖޭގައި އިންތިހާބުކޮށްގެން ހުވާކުރާ މުއްދަތަކީ ބޭކާރު އެއްޗަކަށް ވެގެންދާނެ ކަމަށެވެ.
"އަޅުގަނޑު އިންތިހާބުކުރީ ހުޅުމާލެ ދެކުނު ދާއިރާގެ ރައްޔިތުން ވޯޓުލައިގެން ފަސް އަހަރަށް. މިހާރު ގާނޫނުއަސާސީއަށް ގެންނަ އިސްލާހުގައި މިބުނަނީ ދައުރު 1 ޑިސެމްބަރަށްފަހު އާ އިންތިހާބެއް އޮންނައިރު މިހާރު ތިބި ބައެއްގެ ދައުރު ނިމުނީއޭ. އެހިސާބުން ފިކްސްޑް ޓާމް އުވުނީ ދިވެހިރާއްޖޭގައި. ވޯޓުލައިގެން ހޮވާ އެއްޗަކީ އިރެލަވަންޓް އެއްޗެއް. ހުވާކުރާ މުއްދަތަކީ އިރެލެވެންޓް އެއްޗެއް،" ޝަމްހީދު ވިދާޅުވި އެވެ.
ޝަމްހީދު ވިދާޅުވީ މަޖިލިސް ދައުރު ކުރުކޮށްފިނަމަ ކުރިއަށް އޮތްތަނުގައި ގާނޫނުއަސާސީ އިސްލާހުކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ ދައުރު ދިގުކޮށްލުމުގެ މަގުވެސް ތަނަވަސްވެގެންދާނެ ކަމަށެވެ.
"އެހިސާބުން ގާނޫނުއަސާސީގެ 107 ވަނަ މާއްދާ، އެއީ ރައީސުލްޖުމްހޫރިއްޔާ ދައުރު ބަޔާންކުރާ، ފަސް އަހަރުގެ ދައުރެކޭ ޖަހާފައި އިންނަ މާއްދާވެސް ބަދަލުކޮށްލަންވީ ދެން އަންނަ އިސްލާހެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރު ނިމޭނީ ޑިސެމްބަރު މަހުގެ ނޫނީ ނޮވެމްބަރު، 11، 2040 ގައޭ. ފެންނަ ނުފެންނަ ވޯޓަކަށް ދާނީ،" ޝަމްހީދު ވިދާޅުވި އެވެ.
މީގެއިތުރުން މި ސަރުކާރުން 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ ޝަމްހީދު ވިދާޅުވީ އެ ޕްލޭންގެ ދަށުން ވެރިކަމުގެ ދައުރު ދިގުކުރުމަށް ލަފާދިނުމުން ދައުރު ދިގުވެސް ކޮށްފާނެ ކަމަށެވެ.
ޝަމްހީދު ވިދާޅުވީ ކައުންސިލް އިންތިހާބުގައި ޕީއެންސީން ބޭނުންވާ ނަތީޖާ ނުނިކުމެއްޖެނަމަ ކައުންސިލަރުންގެ ދައުރަކީ އެއް ދުވަސް ކަމަށްވެސް މަޖިލީހުގެ ސުޕަމެޖޯރިޓީ ބޭނުންކޮށްގެން އެ ޕާޓީން ކަނޑައަޅާފާނެ ކަމަށާއި އޭރުން ފެންނަ ނުފެންނަ ވޯޓަކަށްވެސް ނުދާނެ ކަމަށެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ހިޔާލު ހޯދުމަށް ފެންނަ ނުފެންނަ ވޯޓު (ރެފެރެންޑަމް) އެއް އެޕްރީލް 4، ގައި ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. ހަމަ އެ ދުވަހު ލޯކަލް ކައުންސިލް އިންތިހާބުވެސް ބޭއްވުމަށް މާކުރިން އޮތީ ތާވަލުކޮށްފަ އެވެ.
ސަރުކާރުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭ އިސްލާހު މަޖިލީހުން ފާސްކޮށް، ރެފެރެންޑަމެއް ނެގުމަށް ނިންމީ މިދިޔަ ދެ ތިން މަސް ތެރޭގަ އެވެ.
ރެފެރެންޑަމް އޮންނަ ތާރީހު އިއުލާންކުރީ 40 ވަރަކަށް ދުވަހަށް ވެފައި އޮއްވާ ކަމަށްވާއިރު، އިލެކްޝަންސް ކޮމިޝަނުން ރައްޔިތުން އެކަށީގެންވާ ގޮތެއްގައި އެ ވޯޓަށް ހޭލުންތެރިކުރުވާފައިނުވާ ކަމުގެ ކަންބޮޑުވުން އިދިކޮޅު ފަރާތްތަކުން ދަނީ ފާޅުކުރަމުންނެވެ.
ކައުންސިލް އިންތިހާބާއި ރެފެރެންޑަމްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ ޖުމްލަ 294،937 މީހުންނަށެވެ.
Comment