Advertisement

އިޒްރޭލުން އިރާނަށް ދިން ހަމަލާތައް ރައީސް މުއިއްޒު ކުށްވެރި ކުރައްވައިފި

13 ޖޫން 2025 - 14:58 2

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


އިޒްރޭލުން އިރާނަށް ދިން ހަމަލާތައް ރައީސް މުއިއްޒު ކުށްވެރި ކުރައްވައިފި

13 ޖޫން 2025 - 14:58 2

އިރާނުގެ އަސްކަރީ މަރުކަޒުތަކާއި ނިއުކްލިއާ ފެސިލިޓީތައް ހިމެނޭހެން އަށް ސަރަހައްދަކަށް އިޒްރޭލުގެ ހައްދުފަހަނައެޅި އަސްކަރިއްޔާއިން ދިން ހަމަލާތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުށްވެރި ކުރައްވައިފި އެވެ.

އިޒްރޭލުން ހަމަލާދިން ތަންތަނުގެ ތެރޭގައި އިރާނުގެ ވެރިރަށް، ތެހެރާނާއި އެ ގައުމުގެ އެންމެ ބޮޑު ޔުރޭނިއަމް ފައްކާކުރާ މަރުކަޒާއި ތަބްރީޒްގައި ހުންނަ ނިއުކްލިއާ ރިސާޗު ސެންޓަރު ހިމެނެ އެވެ.

"އިޒްރޭލުން އިރާނާ ދެކޮޅަށް ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަން. މިފަދަ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ވަރަށް ބޮޑަށް ހިލާފު އަދި ސަރަހައްދީ ސުލްހަ އާއި ހަމަޖެހުމަށް ނުރައްކާވާ ފަދަ އަމަލުތަކެއް. ނުތަނަވަސްކަން އިތުރުވިޔަ ނުދިނުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ،" ރައީސް މުއިއްޒު އެކްސްގައި ވިދާޅުވި އެވެ.

އޭގެ ރައްދެއްގެ ގޮތުން އިރާނުން ވެސް އިޒްރޭލަށް ހަމަލާތަކެއް ފޮނުވާލި އެވެ. ނަމަވެސް، އެ ހަމާލަތަކާ ގުޅޭ އިތުރު މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވެ އެވެ.

ދިވެހި ސަރުކާރުން ބައިނަލްއަގުވާމީ މުޖުތަމައުއަށް އިޒްރޭލުން ކުރަމުންދާ ޣައިރު ގާނޫނީ އަމަލުތައް ވަގުތުން ހުއްޓާލުމަށް އިޒްރޭލަށް މަޖުބޫރު ކުރުވުމަށް ވަގުތުން އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް ބާރު އެޅުމަށާއި، ސަރަހައްދުގެ މަސްލަހަތު އިތުރަށް ގޯސްވިޔަނުދިނުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ގޮވާލަން،" ދިވެހި ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެ އެވެ.

އިރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި އިޒްރޭލުގެ ހަމަލާތަކުގައި އިރާނުގެ އާންމުންނާއި ސިފައިން ހިމެނޭހެން އެތައް ބަޔަކު ވަނީ މަރުވެފަ އެވެ. މިހައިތަނަށް މަރު ކަށަވަރުވެފައިވާ މީހުންގެ ތެރޭގައި އިރާން ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ކޮމާންޑާ އިން ޗީފް، ހޮސެއިން ސަލާމީ އާއި އިރާން އާމްޑް ފޯސެސްގެ ޗީފް އޮފް ސްޓާފް، މުހައްމަދު ބަޣޭރީގެ އިތުުރުން އެ ގައުމުގެ ނިއުކްލިއާ ސައިންޓިސްޓުން، މުހައްމަދު މެހްދީ ތެހްރާންޗީ އަދި ފެރޭދޫން އައްބާސީ ހިމެނެ އެވެ.

ހަމަލާތަކާ ގުޅިގެން އިރާނުގެ ރޫހާނީ ލީޑަރު، އާޔަތުއްالله އަލީ ހަމަނާއީ ނެރުއްވި ސްޓޭޓްމެންޓެއްގައި ވިދާޅުވީ އިޒްރޭލުގެ ހަމަލާތަކުގައި އިރާނުގެ އަސްކަރީ ކޮމާންޑަރުންނާއި ނިއުކްލިއާ ސައިންޓިސްޓުން ޝަހީދު ކޮށްލާފައިވާ ކަމަށެވެ. އެ ހަމަލާގެ ބަދަލު ވަރަށް ހިތިކޮށް ލިބިގަންނާން ތައްޔާރުވުމަށް ހަމަނާއީ ވަނީ އިޒްރޭލަށް އިންޒާރު ކުރައްވައިފަ އެވެ.

މިއަދުގެ ފަތިހު އިޒްރޭލުން ދިން ހަމަލާތަކާ ގުޅޭގޮތުން އިޒްރޭލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ބުނެފައި ވަނީ މި ހަމަލާތަައް ދީފައި ވަނީ އިރާނުގެ ނިއުކްލިއާ މަސައްކަތްތައް ކުރަމުންދާ ތަންތަނާއި ބެލިސްޓިކް މިސައިލް އުފައްދާ ކާރުހާނާތަކަށް ކަމަށެވެ.