Advertisement

މަސްތުވާތަކެތި ބަންދުކޮށްފައި ހުރި މުދާ ކްލިއާ ކުރަންދިޔަ ބިދޭސީ މީހާ ދޫކޮށްލައިފި

12 ޖޫން 2025 - 13:27 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މިދިޔަ އަންގާރަ ދުވަހުގެރޭ އެއާޕޯޓުން އަތުލައިގަތް މަސްތުވާތަކެތި -- ފޮޓޯ: ކަސްޓަމްސް


މަސްތުވާތަކެތި ބަންދުކޮށްފައި ހުރި މުދާ ކްލިއާ ކުރަންދިޔަ ބިދޭސީ މީހާ ދޫކޮށްލައިފި

12 ޖޫން 2025 - 13:27 2

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަންގާރަ ދުވަހުގެ ރޭ އަތުލައިގަތް 18 ކިލޯގެ މަސްތުވާތަކެތި ބަންދުކޮށްފައި ހުރި މުދާ ކްލިއާ ކުރަން އެއާޕޯޓަށް ދިޔަ ބަންގްލަދޭޝް މީހާ ފުލުހުން ދޫކޮށްލައިފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މީހާ ފުލުހުންގެ ބަންދުން ދޫކޮށްލީ އޭނާ އާއި މަސްތުވާތަކެތި އެތެރެކުރި މީހުންނާ ގުޅުމެއް އޮތް ކަމަށް ފުލުހުންގެ ތަހުގީގަށް ނުފެންނާތީ ކަމަށެވެ. އެ މައްސަލައިގައި ރޭ ހައްޔަރު ކުރީ ބަންގްލަދޭޝްއަށް ނިސްބަތްވާ 35 އަހަރުގެ ފިރިހެނެކެވެ.

"ފުލުހުންގެ ތަހުގީގަށް ބެލިބެލުމުން މަސްތުވާތަކެތި އެތެރެކުރި ބަޔަކާއި މުދާ ކްލިއާ ކުރަންދިޔަ މީހާ އާއި ގުޅުމެއް އޮތް ކަމަށް ނުފެންނާތީ މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހާ ވަނީ ދޫކޮށްލާފައި،" ފުލުހުން ބުންޏެވެ.

އަންގާރަ ދުވަހުގެރޭ ކަސްޓަމްސްއިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތީ ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ފޮރުވާފައި ހުރި 18.62 ކިލޯގެ ކެނަބިނޮއިޑްސް އެވެ. އެތަކެތީގެ މަގުމަތީގެ އަގަކީ 26 މިލިއަން ރުފިޔާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އެ ތަކެތި ރާއްޖެއަށް ގެނައީ ކާކު ކަމެއް ކަސްޓަމްސްއިން އަދިވެސް ހާމައެއް ނުކުރެ އެވެ. ނަމަވެސް އެ މައުލޫމާތަކީ ކަސްޓަމްސްއަށް އެނގޭނެ މައުލޫމާތެކެވެ

އެ އޮޕަރޭޝަނާ ގުޅިގެން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދާ އެއްގޮތަށް ކަސްޓަމްސްގެ މުވައްޒަފުން ބޯޑަރު ބެލެހެއްޓުމަށް ކުރައްވާ މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

"މަސްތުވާތަކެތީގެ ވިޔަފާރިކުރާފަރާތްތަކަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި އެފަރާތްތަކާ ގާނޫނު ދަނީ އަރާހަމަކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.