Advertisement

މާލެއިން ކަރަންޓު ކެނޑުނު ސަބަބު ހޯދަން ރައީސް އަންގަވައިގެން ފުލުހުން ހިންގާ ތަހުގީގުގެ އަޕްޑޭޓެއް އަދިވެސް ނެތް!

12 ޖޫން 2025 - 12:25 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލޭގައި ހުންނަ ސްޓެލްކޯގެ ޕަވާ ހައުސް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


މާލެއިން ކަރަންޓު ކެނޑުނު ސަބަބު ހޯދަން ރައީސް އަންގަވައިގެން ފުލުހުން ހިންގާ ތަހުގީގުގެ އަޕްޑޭޓެއް އަދިވެސް ނެތް!

12 ޖޫން 2025 - 12:25 1

އެއާޕޯޓު ހިމެނޭހެން މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނުތާ 11 ދުވަސްވީއިރު ވެސް އެ މައްސަލައިގައި ފުލުހުން ކުރިއަށް ގެންދާ ޖިނާއީ ތަހުގީގުގެ އިތުރު ތަފުސީލެއް އަދި ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އިތުރު ތަފުސީލެއް އަދި ނެތް ކަަމަށް އޭނާ ވިދާޅުވި އެވެ.

"ތަހުގީގާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ދަނީ، އިތުރު ތަފުސީލެއް އަދި ނެތް،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ކަރަންޓު ކެނޑުނު މައްސަލައާ ގުޅިގެން ފުލުހުން ޖިނާއީ ތަހުގީގެއް ފެށީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ އެންގެވުމަށެވެ.

އަދަދު އަށް އެނގިފައި ވާގޮތުގައި ކަރަންޓު ކެނޑުނު ހާދިސާއާ ގުޅިގެން ފުލުހުންގެ އިތުރުން ސިފައިން ވެސް ޖޫން 1، ގައި ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ އިމާރާތުގައި ހަރަކާތްތެެރިވި އެވެ. ނަމަވެސް ސިފައިން އެތަނުގައި އެ ދުވަހު ހަރަކާތްތެެރިވީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ހާމައެއް ނުކުރެ އެވެ.

އެއާޕޯޓު ހިމެނޭހެން މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ ޖޫން 1، ވަނަ ދުވަހުގެ މެންދުރު 12:30 ހާއިރު އެވެ. އެންމެ ފުރަތަމަ ކަރަންޓު ދިނީ ހޮސްޕިޓަލްތަކަށެވެ. އޭރު ގަޑިން ގާތްގަނޑަކަށް 2:05 ވެއްޖެ އެވެ. އޭގެފަހުން 2:30 ހާއިރު އެއާޕޯޓަށް ކަރަންޓު ދިނެވެ.

އެއަށް ފަހު މާލޭގެ އެކި ސަރަހައްދުތަކަށް ކަރަންޓު ދެމުންދާ ކަމަށް ސްޓެލްކޯއިން ހާމަކުރި އެވެ. އެގޮތުން 16:30 ހާއިރު މާލެ ސިޓީގެ 60 ޕަސެންޓަށާއި ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސަށް ކަރަންޓު ދެވިފައިވާ ކަމަށް ސްޓެލްކޯއިން ހާމަކުރި އެވެ.

މާލެ އާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދެވޭވަރު ސްޓެލްކޯއަށްވީ އެ ދުވަހުގެ އިރުއޮއްސުނު ފަހުންނެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް މާލެ އާއި ހުޅުމާލެ އަދި އެއާޕޯޓު ހިމެނޭހެން ކަރަންޓު ގޮސް މިހާގިނަ ވަގުތު ހޭދަވި ފުރަތަމަ ފަހަރެވެ.

އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ރައީސް އަންގަވާފައިވާއިރު، ކަރަންޓު ކެނޑެން މެދުވެރިވި އަސްލު ސަބަބު ސްޓެލްކޯއިން ވެސް އަދި ހާމައެއް ނުކުރެ އެވެ.