Advertisement

ގއ. އަތޮޅުގެ ޑްރަގް ނެޓްވޯކްގައި ހިމެނޭ ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު ހައްޔަރުކޮށްފި

ގއ. އަތޮޅަށް އަމާޒުކޮށް ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ހަތަރު މީހުން: އެ އެންމެނަކީ ވެސް ގއ. ވިލިނގިއްޔަށް ނިސްބަތްވާ މީހުން -- ފޮޓޯ: ފުލުހުން


ގއ. އަތޮޅުގެ ޑްރަގް ނެޓްވޯކްގައި ހިމެނޭ ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު ހައްޔަރުކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާ ކުރާ ނެޓްވޯކްތައް ހުއްޓުވައި، ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފަށާފައިވާ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އޮޕަރޭޝަންގައި 10 ތަނެއް ބަލައިފާސްކޮށް ހައްޔަރުކުރީ ގއ. ވިލިނގިލި، ޝެވޯނާ، ޝައްފާހް ލަތީފް، 28 އާއި ގއ. ވިލިނގިލި، މިއުޒިކީއާގެ، އަހްމަދު މަދީހު، 33 އާއި ގއ. ވިލިނގިލި، އައިޒަން، އަހްމަދު އަނާމް އިބްރާހިމް، 30 އަދި ގއ. ވިލިނގިލި، އަރާއިރުގެ، ނޫރުއްނިޒާމް، 35 އެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން ޝައްފާހް ލަތީފާއި އަހްމަދު މަދީހާއި އަހްމަދު އަނާމް އިބްރާހިމް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އޭގެއިތުރުން ނޫރުއްނިޒާމްގެ ބަންދަށް ޖެހީ 15 ދުވަހެވެ.

ސައުތު ޕޮލިސްގެ ހާއްސަ ޓީމްތަކާއި އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ވިންގު ގުޅިގެން ހިންގި އޮޕަރޭޝަންގައި އެ ހަތަރު މީހުން ހައްޔަރުކުރީ ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކޮށް، މަނީލޯންޑަރިންގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގަ އެވެ.

ފުލުހުން އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ މާލޭގެ އިތުރުން ގއ. އަތޮޅުގަ އެވެ. ހައްޔަރުކުރި މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުގެ މައްސަލަ ދަނީ ތަހުގީގުކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

އޮޕަރޭޝަން އަލިމަގުގެ ދަށުން މިދިޔަ މަހު އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޑްރަގް ބޮޑުން ކަމަށް ތުހުމަތުކޮށް ފަސް މީހުން ހައްޔަރުކުރި އެވެ. އެ އެންމެންގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، އެމީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.