Advertisement

ފިޗު ރޭޓިންއަށް ބަދަލެއް ނައި، ރާއްޖެއަށް އަދިވެސް "ޖަންކް"

12 ޖޫން 2025 - 12:12 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އެމްއެމްއޭ ގަވަރުނަރު މުނައްވަރު، ރައީސް މުއިއްޒު، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު. ސަރުކާރުގެ ހޯމް ގްރޯން ފިސްކަލް ރިފޯމް އެޖެންޑާއަށް އަމަލު ނުކުރާތީ ދައުލަތުގެ ދަރަނި އިތުރުވާނެ ކަމަށް ވަނީ އަންދާޒާކޮށްފައި --- އާޓްވޯކް: އިސްމާއިލް އިމްދާދު/އަދަދު


ފިޗު ރޭޓިންއަށް ބަދަލެއް ނައި، ރާއްޖެއަށް އަދިވެސް "ޖަންކް"

12 ޖޫން 2025 - 12:12 1

ދަރަނި ނުދެއްކިދާނެ ކަމުގެ ހިރާސް އިންތިހާއަށް ބޮޑު ކަމަށް ބަލައި ބައިނަލްއަގުވާމީ ރޭޓިން އެޖެންސީ، ފިޗް ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓު ރޭޓިން "ސީސީ" ގައި މިފަހަރު ވެސް ދަމަހައްޓައިފި އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ދެ ފަހަރަށް ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރި އެވެ. އެގޮތުން، "ބީ ނެގެޓިވް" ގައި 2023 އަދި 2022 ގައި ހުރި ރޭޓިން "ސީސީސީ ޕްލަސް" ދަށްކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެއަށް ފަހު އަނެއްކާ ވެސް މިދިޔަ އަހަރުގެ އޮގަސްޓު މަހު ރާއްޖޭގެ ރޭޓިން "ސީސީ" އަށް ދަށްކުރި އެވެ.

މިފަހަރު ވެސް އެ "ޖަންކް" ރޭޓިން ފިޗުން ދެމެހެއްޓީ ދަަރަނި އަދާކުރަން ހުރި ހިރާސްތައް، ހާއްސަކޮށް މި އަހަރުގެ ފަހު ކުއާޓަރާއި ކުރިއަށް އޮތް ދެ އަހަރުން ދަައްކަން ހުރި ބޮޑެތި ދަރަނިތައް ފާހަގަކުރަމުންނެވެ. އެގޮތުން، މިއަހަރުގެ ދެވަނަބައިގައި 688 މިލިއަން ޑޮލަރު ދައްކަން ޖެހޭއިރު އަންނަ އަހަރު ދަރަނި ސާވިސް ކުރަން 1.1 ބިލިއަން ޑޮލަރު ހޭދަކުރަން ޖެހޭނެ ކަމަށް ފިޗުން ބުނެފައި ވެ އެވެ.

އިންޑިއާ ސަރުކާރުން ހަމަޖައްސައިދިން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ނުހިމަނައި ރާއްޖޭގެ ޔޫޒަބަލް ރިޒާވުގައި ހުރީ 28 މިލިއަން ޑޮލަރު ކަމަށް ރޭޭޓިން ކޮމެންޓްރީގައި ބުނެފައި ވެ އެވެ.

އޭގެ އިތުރުން، ރާއްޖޭގެ ދަރަނިތައް ރީފައިނޭންސް ކުރުމަށާއި ބޭރުން ފައިސާ ހޯދުމަށް ދަތިތަކެއް ހުރިކަން ފިޗުން ބުނެފައި ވެ އެވެ. ސަރުކާރުގެ ހަރަދުތައް ކުޑަކުރަން އަޅަން ނިންމި ފިޔަވަޅުތައް ބޮލާލައި ޖެހުމުގެ ސަބަބުން ބަޖެޓު ޑެފިސިޓް ބޮޑުވާނެ ކަމަށް ފިޗުން އަންދާޒާ ކުރެ އެވެ.

ދައުލަތުގެ ސީދާ ދަރަނި ހުންނާނީ ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީގެ) ނިސްބަތުން 125 ޕަސެންޓަށް އަރާނެ ކަމަށް ފިޗުން ލަފާ ކުރެ އެވެ. އެ އަދަދު މި އަހަރު ހުރީ 114.5 ޕަސެންޓުގަ އެވެ.

ފިޗުގެ އިތުރުން ދެން އެންމެ ބޮޑު ކްރެޑިޓް ރޭޓިން އޭޖެންސީގެ ގޮތުގައި ބަލައިގަންނަ މޫޑީސްއިން ރާއްޖެއަށް ދީފައިވާ "ޖަންކް" ރޭޓިން މެއި 16، ގައި ވަނީ ދަމަހައްޓާފަ އެވެ. ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންދާތަން ނުފެންނާތީ އެ އޭޖެންސީން ދިނީ "ނޮން-އިންވެސްޓްމެންޓް" ގްރޭޑެއް ކަމަށްވާ "ސީއޭއޭ-2" އެވެ.