11 ޖޫން 2025 - 14:11 1
އަމަން ހަލީމް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓޫރިސްޓުންތަކެއް: އާ ޓާމިނަލް ހުޅުވުމުން ޓޫރިސްޓުން އަންނަ އަދަދު އިތުރުވާނެ -- ފޮޓޯ: އަބްދުالله އިޔާން/އަދަދު
11 ޖޫން 2025 - 14:11 1
ޓޫރިޒަމް ސިނާއަތުގެ ހަރަކާތްތެރިކަން ލަފާކުރި ވަރަށް ވުރެ ރަނގަޅުވެ، ޓޫރިސްޓުން އަންނަ އަދަދު އިތުރުވުމާ ގުޅިގެން، މި އަހަރު ރާއްޖޭގެ ޖީޑީޕީ އިތުރުވާނެަ ކަމަށް ވާލްޑް ބޭންކުން ކުރިން އަންދާޒާކުރި ވަރަށް ޕަސެންޓެއް އިތުރުކޮށްފި އެވެ.
ވާލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސްގެ އެންމެ ފަހުގެ ރިޕޯޓުގައި ވަނީ ރާއްޖޭގެ އިގުތިސޯދު މި އަހަރު 5.7 ޕަސެންޓު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މި އަހަރު ކުރީކޮޅު ނެރުނު ޕްރޮސްޕެކްޓްސް ރިޕޯޓުގައި ލަފާކުރީ އިގުތިސޯދު 4.6 ޕަސެންޓު އިތުރުވާނެ ކަމަށެވެ.
ޓޫރިޒަމް ދާއިރާގެ ހަރަކާތްތެރިކަމުގެ ފަހަތުގައި އިގުތިސޯދީ ދުވެލި ހަލުވި ވާނެ ކަމަށް ވާލްޑް ބޭންކުން ލަފާކުރާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމުގެ ސަބަބުން ޓޫރިސްޓުން ގިނަވެ، ސިނާއަތުގެ ކުރިއެރުމަށް އިތުރު ބާރެއް ލިބިގެން ދާނެ ކަމަށް ވާލްޑް ބޭންކުން ބުނެފައި ވެ އެވެ.
މި އަހަރެކޭ އެއް ފަދައިން ވާލްޑް ބޭންކުން ވަނީ އަންނަ އަހަރު އިގުތިސޯދު އިތުރުވާނެ ކަމަށް އަންޒާދާކުރި ވަރު ވެސް މަތިކޮށްފަ އެވެ. ނަމަވެސް ބައިނަލްއަގުވާމީ ވިޔަފާރީގެ ޔަގީންކަން ކުޑަވުމާއި، ޑިމާންޑު ދަށް ވާނެ ކަމަށް ލަފާކުރެވޭތީ ވާލްޑް ބޭންކުން ލަފާކުރަނީ އަންނަ އަހަރު އިގުތިސޯދު އިތުރުވާނީ މި އަހަރަށް ވުރެ ކުޑަކޮށް، 5.3 ޕަސެންޓު ކަމަށެވެ.
މި އަހަރަށް ފާސްކުރި ބަޖެޓުގައި ފިނޭންސް މިނިސްޓްރީން އަންދާޒާކޮށްފައި ވަނީ އިގުތިސޯދު 6.4 ޕަސެންޓު ކުރިއަރާނެ ކަމަށެވެ. މިއީ ވާލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ފަދަ ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އަންދާޒާތަަކަށް ވުރެ މަތި ލަފާކުރުންތަކެކެވެ. ފިނޭންސުގެ ލަފާކުރުންތައް ވެސް ތައްޔާރުކޮށްފައި ވަނީ ވީއައިއޭގެ އާ ޓާމިނަލް ބޭނުންކުރަން ފެށޭނެ ކަމަށް ބަލައިގެންނެވެ.
ސަރުކާރުން މިހާރު ރާވާފައި ވަނީ އަންނަ މަހު، މިނިވަން ދުވަހާ ދިމާކޮށް، އާ ޓާމިނަލް ހުޅުވާށެވެ. މި ތާރީހަށް އާ ޓާމިނަލް ބޭނުންކުރަން ފެށިއްޖެ ނަމަ މި އަހަރުގެ ހައި ސީޒަން ފެށެންވާއިރަށް ފްލައިޓުތައް އިތުރުކުރެވި ޓޫރިސްޓުން އަންނަ އަދަދު އިތުރުކުރުމުގެ ފުރުސަތު ބޮޑު ވާނެ އެވެ.
Comment