10 ޖޫން 2025 - 11:26 0
ލީވާން އަލީ ނާސިރު
ކޮވިޑް-19 އަށް މީހުން ސްކްރީން ކުރުމުގެ ތެރެއިން: މި އަހަރު މިހާތަނަށް ކޮވިޑުގެ 107 ކޭސްއެއް ވަނީ ފެނިފައި -- ފޮޓޯ: އަދަދު ފައިލް
10 ޖޫން 2025 - 11:26 0
ރާއްޖެއިން މި އަހަރު ޖޫން 1، ގެ ނިޔަލަށް ކޮވިޑް-19 ގެ 107 ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.
އެޗްޕީއޭއިން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޭޕްރިލް 21، އިން ފެށިގެން ޖޫން 1، ގެ ނިިޔަލަށް ކޮވިޑުގެ 62 ކޭސްފެނިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ފެނުނީ 27 ކޭސް އެވެ.
މިދިޔަ އޭޕްރިލް 21، އިން ފެށިގެން ޖޫން 1، ގެ ނިޔަލަށް އަރިދަފުސް ރޯގާގެ 46،032 ކޭސްއެއް ފެނުނުއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ފެނުނީ 33،948 ކޭސް އެވެ.
އެޗްޕީއޭއިން ބުނީ މިދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރާ އަދަދު އިތުރުވެފައިވާއިރު، ކޮވިޑް އަދި އިންފްލުއެންޒާ ޖެހިގެން އެންމެ ގިނައިން ރިޕޯޓުކުރަނީ މާލެ ސަރަހައްދުން ކަމަށެވެ.
މިދިޔަ އޭޕްރިލް 21، އިން ފެށިގެން ޖޫން 1، ގެ ނިޔަލަށް ފެނުނު އިންފްލުއެންޒާ ކޭސްތައް ވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ އިތުރުވެފަ އެވެ.
މިގޮތުން މި އަހަރުގެ އެ މުއްދަތުގައި 364 ކޭސް ފެނުނުއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ފެނުނީ 45 ކޭސް އެވެ. ނަމަވެސް މިދިޔަ އަހަރަށްވުރެ މި އަހަރު ޖުމްލަ ފެނުނު އިންފްލުއެންޒާ ކޭސްތައް ވަނީ ބޮޑުތަނުން ދަށްވެފަ އެވެ.
މިދިޔަ މެއި މަހު ޑެންގީގެ 116 ކޭސް ފެނިފައިވާއިރު، މިދިޔަ އަހަރުގެ މެއި މަހު 675 ކޭސް ފެނިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރަށްވުރެ މި އަހަރު ޖުމްލަ ފެނުނު ޑެންގީ ކޭސްތައް ވަނީ ބޮޑުތަނުން ދަށްވެފަ އެވެ.
Comment