8 ޖޫން 2025 - 08:14 0
އަތޫފް އާތިފް
8 ޖޫން 2025 - 08:14 0
ފަހަކަށް އައިސް ވޮލީބޯޅަ މުބާރާތްތަކާ ދިމާކޮށް އެކިއެކި އިވެންޓްތައް ބޭއްވުމަށާއި، އެކި ބޭނުންތަކަށް ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓު ބޭނުންކުރާކަން ފާހަގަވެފައިވާ ކަމަށާއި، މިއީ ވޮލީ އާއިލާ އިން އެ ކަމަށް ތެދުވާންވީ ވަގުތު ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ސީނިއާ ނައިބު ރައީސް، މުހައްމަދު ސާޖިދު (ކާއްޓޭ) ވިދާޅުވެއްޖެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އިވެންޓެއް ބާއްވަން ޖެހޭތީ، ފިރިހެން ވޮލީ ސީޒަން ފަސްކުރަން ވަނީ ޖެހިފަ އެވެ. މިއީ ފިރިހެން ވޮލީބޯޅަ ސީޒަން ފަސްކުރަން ޖެހުނު ދެ ވަނަ ފަހަރު އެވެ. މީގެ ކުރިން އެ މުބާރާތް ބޭއްވުމަށް ތާވަލުކުރީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ. އެކަމަކު، ބައިނަލްއަގްވާމީ ބާސްކެޓް ބޯޅަ މުބާރާތަކާ އެ ދުވަސްވަރާ ދިމާވާތީ އެ ފަހަރު މުބާރާތް ފަސްކުރަން ޖެހުނީ އެވެ.
އޭގެ ފަހުން، ވީއޭއެމް އިން ފިރިހެން ސީޒަން ބޭއްވުމަށް ތާވަލުކުރީ މި މަހުގެ 19 ވަނަ ދުވަހަށެވެ. އެއާއެކު، ކްލަބްތަކުން ބިދޭސީ ކުޅުންތެރިންނާއެކު މުބާރާތައް ފަރިތަކުރުންތައް ވަނީ ފަށައިފަ އެވެ. އެކަމަކު، އެޑިއުކޭޝަން މިނިސްޓްރީގެ އިވެންޓެއް ބާއްވަން ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓު ދޭން ޖެހުމާއެކު މިހާރު މުބާރާތް ތާވަލުކޮށްފައިވަނީ މި މަހުގެ 24 ވަނަ ދުވަހަށެވެ.
ސޯޝަލް މީޑިއާގައި ކާއްޓޭ ކުރި ޕޯސްޓެއްގައި ވިދާޅުވީ، މި ފަހަކަށް އައިސް، ވޮލީ މުބާރާތްތަކާ ދިމާކޮށް ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓު، އެކިއެކި ބޭނުންތަކަށް ބޭނުންކުރާކަން ވަނީ ފާހަގަވެފައި ކަމަށެވެ. އެ ގޮތުން އަންހެން ވޮލީ ސީޒަނުގެ މެދުތެރެއިން ވެސް އިންޑޯ ކޯޓުގައި އިވެންޓެއް ބޭއްވިކަމަށް ކާއްޓޭ ވިދާޅުވި އެވެ.
ކާއްޓޭ ވިދާޅުވީ، މުބާރާތް ފަސްކުރަން ޖެހުމުން އޭގެ ގެއްލުން ކްލަބްތަކުގެ އިތުރުން ކުޅުންތެރިންނަށް ވެސް ކުރާ ކަމަށެވެ. އެ ގޮތުން، ކައިރި ކައިރީގައި މެޗުތައް ކުޅެން ޖެހުމުން، ކުޅުންތެރިންގެ އެންމެ ރަނގަޅު ޕާފޯމެންސް ނުދެއްކޭ ކަމަށް ކާއްޓޭ ވިދާޅުވި އެވެ.
"ކްލަބްތައް ދަރަނިވެ، ޓޯނަމެންޓް ކުރުކޮށްލާފަ، ދުވާލަކު ތިން މެޗު ކުޅުނީމަ، ޕްލޭޔަރުން އިންޖަރީވެ، އެންމެ ރަނގަޅު ޕާފޯމެންސް ނުދެއްކޭ. އަދި ކުޅިވަރު ހިންގަން ތިބޭ ފަރާތްތަކަށް އޮޮންނަ އިތުބާރު ގެއްލި ފޫހިވޭ" ކާއްޓޭ ވިދާޅުވި އެވެ.
ކާއްޓޭގެ އިތުރުން ވޮލީ ގިނަ ކުޅުންތެރިންނާ، އިންޑޯ ކޯޓު ބޭނުންކުރާ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
އެގޮތުން ބައެއް ކުޅުންތެރިން ވަނީ ކުޅިވަރު ކޯޓުތަކުގައި ސަރުކާރުގެ އިވެންޓްތައް ނުބޭއްވުމަށް ގޮވާލައިފަ އެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓަކީ ރާއްޖޭގައި އޮތް ހަމައެކަނި އިންޑޯ ކޯޓެވެ. މި ކޯޓު ވޮލީގެ އިތުރުން ބާސްކެޓް އަދި ނެޓްބޯޅަ ކުޅުންތެރިން ވެސް ބޭނުންކުރާއިރު، ޓޭބަލް ޓެނިހުގެ އިންޓަނޭޝަނަލް މުބާރާތްތަކާއި ކެރަމް އިންޓަަނޭޝަނަލް މުބާރާތްތައް ހޯސްޓްކޮށްފައިވާއިރު، ގައުމީ ފުޓްސަލް ޓީމުގެ ޕްރެކްޓިހަށް ވެސް ބޭނުންކޮށްފައިވެ އެވެ.
މިދިޔަ ސަރުކާރުން ސޯޝަލް އިންޑޯގެ މަރާމާތުގެ ގިނަ މަސައްކަތްތަކެއްކޮށް، އެތަނަށް ދިމާވެފައި އޮތް ހޫނުގަދަވުމުގެ މައްސަަލަ އަށް ހައްލު ހޯދައިދިން ފަހުން، އެ ތަނުގައި ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ އިވެންޓްތައް ބޭއްވޭ ނިސްބަތް ވަނީ އިތުރުވެފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment