6 ޖޫން 2025 - 10:15 0
6 ޖޫން 2025 - 10:15 0
ބޮގޯޓާ، ކޮލަމްބިއާ (ޖޫން 6) - ލިވަޕޫލްގައި އޭނާ ހުރީ އުފަލުން ކަމަށާއި އެކަމަކު ކޮންމެ ޓްރާންސްފާ މާކެޓެއްގައި ވެސް ކްލަބްތަކާ މަޝްވަރާ ކުރުމަކީ "ނޯމަލް" ކަމެއް ކަމަށް ކޮލަމްބިއާގެ ފޯވާޑް، ލުއިސް ޑިއާޒް ބުނެފި އެވެ.
ޑިއާޒް، 28، ހޯދަން ސްޕެއިނުގެ ބާސެލޯނާ އިން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، އެ ހުށަހެޅުން ލިވަޕޫލުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އަނެއްކޮޅުން، ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގުގެ އަލް ނަސްރާއި އަލް ހިލާލުން ވެސް ޑިއާޒަށް ޝައުގުވެރިވެ އެވެ.
މުސްތަގުބަލާ ގުޅޭގޮތުން މީޑިއާ އިން ސުވާލުކުރުމުން، ޑިއާޒް ބުނީ، ލިވަޕޫލަށް އައި ފުރަތަމަ ދުވަހުން ފެށިގެން އެ ކްލަބުން އޭނާއާ މެދު ކަންތައް ކުރަނީ ވަރަށް ރަނގަޅުކޮށް ކަމަށެވެ. އަދި، ލިވަޕޫލާ އެކު، ހަދާފައި އޮތް ކޮންޓްރެކްޓްގައި ބާކީ ދެ އަހަރު އެބައޮތް ކަމަށާއި މުސްތަގުބަލާ މެދު ގޮތެއް ނިންމާނީ ކްލަބުން ކަމަށެވެ.
"ބާކީ ދެ އަހަރު ކްލަބްގައި މަޑުކުރަން ވެސް އަހަރެން އުފަލާ އެކު މި ހުރީ ތައްޔާރަށް. ތެދެއް، އަހަރެމެން މި ދަނީ އެހެން ކްލަބްތަކާ ވެސް ވާހަކަ ދައްކަމުން، މިއީ ޓްރާންސްފާ ވިންޑޯ، ޓީމުތަކާ ވާހަކަ ދެއްކުމަކީ، ނޯމަލް ކަމެއް، ލިވަޕޫލާ އެކު ކޮންޓްރެކްޓް އާ ކުރަން ވެސް އަހަރެން ތައްޔާރު،" ޑިއާޒް ބުންޏެވެ.
ޕޯޗުގަލްގެ ޕޯޓޯއިން ލިވަޕޫލަށް ޑިއާޒް ބަދަލުވީ 2022 ވަނަ އަހަރު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިހާތަނަށް ލިވަޕޫލަށް ކުޅެދިން 148 މެޗުން ޑިއާޒް ވަނީ އެ ޓީމަށް 41 ލަނޑު ޖަަހައި، 28 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ޑިއާޒް ވަނީ ލިވަޕޫލާ އެކު، ޕްރިމިއާ ލީގާއި ލީގު ކަޕް ދެ ފަަހަރު އަދި އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
Comment