Advertisement

ދިވެހި ހައްޖުވެރިން އަރަފާތުގައި، އެންމެންގެ ހާލު ރަނގަޅު

5 ޖޫން 2025 - 07:16 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ދިވެހި ހައްޖުވެރިން އަރަފާތުގައި. -- ފޮޓޯ: މޯލްޑިވްސް ހައްޖު މިޝަން


ދިވެހި ހައްޖުވެރިން އަރަފާތުގައި، އެންމެންގެ ހާލު ރަނގަޅު

5 ޖޫން 2025 - 07:16 0

ދިވެހި ހުރިހާ ހައްޖުވެރިން މިހާރު ތިބީ އަރަފާތު ބިމުގައި ކަމަށާއި އެންމެންގެ ހާލު ރަނގަޅު ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.

ހައްޖުގެ އަޅުކަމަކީ އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން އެއް ރުކުނެވެ. ކެރި ކުޅަދާނަވެގެންވާ ކޮންމެ މުސްލިމަކު އުމުރުން އެއް ފަހަރު އަދާކުރުން ވާޖިބު މި އަޅުކަމަށް މި އަހަރު އެއް މިލިއަނަށް ވުރެ ގިނަ މީހުން މައްކާ އަށް ދިޔަ އެވެ. މިއަހަރު ރާއްޖެއިން 1000 އަށް ވުރެ ގިނަ މީހުން ހައްޖަށް ދިޔަ ނެވެ.

ހައްޖުގެ އަޅުކަން ފެށުމުގެ ގޮތުން ދިވެހި ހައްޖުވެރިން މައްކާއިން ގޮސް މިނާގައި ތިބުމަށް ފަހު އަރަފާތު ބިމަށް ދިޔައީ ރޭގަ އެވެ.

"ހުރިހާ ހައްޖުވެރިން މިހާރު ތިބީ އަރަފާތުގައި. ހުރިހާ ހައްޖުވެރިންގެ ހާލުވެސް ޖުމުލަ ގޮތެއްގައި ރަނގަޅު،" ޝަކީލް ވިދާޅުވި އެވެ.

ހައްޖުގެ އަޅުކަމުގައި އެންމެ މުހިންމު ރުކުނަކީ މިއަދު އަރަފާތު ބިމުގައި ތިބުމެވެ. އަރަފާތު ބިމުގައި ވަގުތު ކޮޅެއްގެ ހޭދަ ނުކުރެވިއްޖެ ނަމަ ހައްޖުގެ އަޅުކަން ފުރިހަމައެއް ނުވާނެ އެވެ.

އަރަފާތު ބިމުގައި ހުންނަ އެންމެ މުހިއްމު ތަނަކީ އަރަފާތު ފަރުބަދަ ނުވަތަ ޖަބަލުއްރަޙްމާ އެވެ.

މީގެ 14 ގަރުނު ކުރިން މާތް ރަސޫލާ މުހައްމަދު ސައްލައްﷲ ޢަލައިހި ވަސައްލަމް އަދާކުރެއްވި ހައްޖުގެ އަޅުކަމުގައި މަޝްހޫރު ހުތުބާ، ހައްޖަތުލް ވަދާއު ދެއްވީ ޖަބަލުއްރަޙްމާގެ ތިރީގައި ހުންނަވައިގެންނެވެ.

މިހާރު ހައްޖު ހުތުބާ ދެއްވަނީ އަރަފާތު ބިމުގައި ހުންނަ މަސްޖިދުއްނަމިރާގަ އެވެ. އެ މިސްކިތަށް މަސްޖިދު އިބްރާހީމް އަލްޚަލީލްއޭ ވެސް ކިޔެއެވެ.

އަރަފާތުގައި ތިބުމަށް ފަހު ހައްޖުވެރިން މިރޭ ދާނީ މުޒްދަލިފާ އަށެވެ. ޖަމްރާތަކަށް އުކާނެ ހިލަ ހޮވާނީ މުޒުތަލިފާއިންނެވެ. އެތަނުން މިނާ އަށް ގޮސް ޖަމްރާ އަށް ހިލަ އުކުމަށް ފަހު އެނބުރި ދާނީ މައްކާ އަށެވެ.

މިއަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ހައްޖުގެ އަޅުކަމަށް ވަޑައިގެންނެވި އެވެ.