Advertisement

ރެޖިސްޓްރާގެ ނިންމުން ބާތިލުކޮށް ޝަމްއާންގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

4 ޖޫން 2025 - 14:23 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އިމިގްރޭޝަނުގެ ކުރީގެ ކޮންޓްރޯލަރު، މުހައްމަދު ޝަމްއާން ވަހީދު: އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި -- ފޮޓޯ: އަދަދު ފައިލް


ރެޖިސްޓްރާގެ ނިންމުން ބާތިލުކޮށް ޝަމްއާންގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

4 ޖޫން 2025 - 14:23 0

ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފައްދާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަނު (އޭސީސީ) ގެ ބައިވެރިވުމެއް ނެތި ފުލުހުންނަށް އެކަނި ވެސް ކޮރަޕްޝަންގެ މައްސަލަތައް ބެލޭނެ ކަމަށް ކަނޑައަޅައި ހައި ކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރެވޭނެ ކަމަށް އެ ކޯޓުގެ ރެޖިސްޓްރާ ނިންމި ނިންމުން ބަދަލުކޮށް ޝަމްއާންގެ އިސްތިއުނާފު ސުޕްރީމް ކޯޓުން ބަލައިގެންފި އެވެ.

އޭސީސީގެ ބައިވެރިވުމެއް ނެތި ކޮރަޕްޝަންގެ މައްސަލަތައް ފުލުހުންނަށް ބެލޭނެ ކަމަށް ހައި ކޯޓުން ނިންމީ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު، ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދު ކުރި އަމުރު ދަމަހައްޓަން ކުރި އަމުރުގަ އެވެ. ޝަމްއާންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ ހައި ކޯޓުގެ އެ އަމުރެވެ.

މެއި 7، ގައި ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ ނިންމީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރެވޭނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ ހައިކޯޓުގެ ނިންމުން ރަނގަޅު ނޫން ކަމަށް ބަލަންޖެހޭ ޝަރުއީ ނުވަތަ ގާނޫނީ ސަބަބެއް އިސްތިއުނާފީ ނުކުތާތަކުގައި ބުނެދީފައި ނުވުމެވެ.

ނަމަވެސް ރެޖިސްޓްރާގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ޝަމްއާންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިއަދު ނިންމާފައި ވަނީ ހައިކޯޓުގެ ނިންމުން ރަނގަޅު ނޫންކަމަށް ބުނާ ގާނޫނީ ސަބަބުތަކެއް ޝަމްއާންގެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ އިސްތިއުނާފު ކުރަން ހުށަހަޅާފައި ވަނީ ގާނޫނީ ބަހުސްކުރެވޭ ނުކުތާތަކެއްގެ މައްޗަށް ކަމަށް ވާތީ އެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ޝަމްއާންއަށް ފުލުހުން ކުރާ ތުހުމަތަކީ ކޮރަޕްޝަން އާއި މަނީ ލޯންޑަރިންގެ ތުހުމަތެވެ. ދަށު ކޯޓުގެ އަމުރަށް ތާއީދުކޮށް ހައި ކޯޓުން ކުރި އަމުރުގައި ބުނެފައި ވަނީ މަނީ ލޯންޑަރިންގެ ތުހުމަތެއް އޮވެއްޖަ ނަމަ އޭސީސީގެ ބައިވެރިވުމެއް ނެތި ވެސް އެ މައްސަލަ ފުލުހުންނަށް ބެލިދާނެ ކަމަށެވެ. އެ ގޮތަށް ވިދާޅުވީ ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔުގަ އެވެ. މައްސަލަ ބެއްލެވި އެހެން ފަނޑިޔާރުން ވަނީ އެ ރައުޔަށް ތާއީދު ކުރައްވައިފަ އެވެ.

އެހެން އިދާރާތަކުގެ ބާރު ހިނގާ ތަހުގީގުތަކުގައި އެ އިދާރާއެއްގެ ބައިވެރިވުން ނެތި އެ މައްސަލައެއް ފުލުހުންނަށް ނުބެލޭނެ ކަމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް މީގެ ކުރިން ނިންމައިފައިވެ އެވެ.

ޝަމްއާން ހައްޔަރު ކުރީ، ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމުން އޭނާ މާޗް 20، ގައި ވަކި ކުރުމަށްފަހު ޖެހިގެން އައި ދުވަހެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ ބިދޭސީއަކު ހިފެހެއްޓުމަށްފަހު އޭނާގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނެގުމެވެ.

އެކަމަކު، ޝަމްއާން ހައްޔަރު ކުރީ ފްރޭމްކޮށްގެން ކަމަށް އޭނާގެ އަނބިކަނބަލުން ވަނީ ވިދާޅުވެފަ އެވެ. ޝަމްއާންގެ މައްސަލައަކަށްވީ ހޯމް މިނިސްޓްރީ އާއި ހޯމް މިނިސްޓަރު އަލީ އިހުސާން ހިންގަވާ ކޮރަޕްޝަންގެ މައްސަލަތައް ރައީސް މުހައްމަދު މުއިއްޒުއާ ހިއްސާ ކުރުން ކަމަށް ޝަމްއާންގެ އާއިލާއިން ބުނެ އެވެ.