Advertisement

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ވިސްނުން އެބަ ގެންގުޅެން: ނަޝީދު

4 ޖޫން 2025 - 11:53 17

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އެމްޑީޕީން 2023 ވަނަ އަހަރު ބޭއްވި ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ނަޝީދު ބޭއްވި އެންމެ ފަހު ޖަލްސާގައި. އެ ޕާޓީން ވަކިވެ ދަ ޑިމޮކްރެޓްސް ނަޝީދު އުފެއްދެވި ނަމަވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރައްވާފައި ނުވޭ --- ފޮޓޯ: އަދަދު ފައިލް


ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ވިސްނުން އެބަ ގެންގުޅެން: ނަޝީދު

4 ޖޫން 2025 - 11:53 17

ރާއްޖޭގައި 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު މިފަދަ ވިސްނުމެއް ގެންގުޅުއްވާކަން ހާމަކުރައްވައި އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ބައެއް އިސް މެންބަރުންނަށް މެސެޖެއް ފޮނުއްވިކަން އަދަދު އަށް ވަނީ ޔަގީން ކުރެވިފަ އެވެ. އިންތިހާބުގައި ވާދަކުރައްވަން ގަސްތުކުރައްވަނީ ކޮން ޕާޓީއެއްގެ ޓިކެޓުގައި ކަމެއް ވިދާޅެއް ނުވެ އެވެ.

"އަޅުގަނޑު ކުރިމަތިލުމުގެ ވިސްނުން އެބަ ގެންގުޅެން. ކިހިނެއްތޯ ފެންނަނީ. ކޮންމެ ގޮތަކަށް ޖަވާބު ދެއްވި ނަމަވެސް އަޅުގަނޑުމެންގެ ގުޅުމަށް ބުރޫ ނާރާނެ،" އެމްޑީޕީގެ އިސް ލީޑަރެއްގެ ގޮތުގައި އެތައް އަހަރެއް ހޭދަކުރެއްވުމަށް ފަހު ޖޫން 21، 2023 ގައި އެ ޕާޓީން ވަކިވެވަޑައިގަތް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެމްޑީޕީއިން ވަކިވެވަޑައިގަތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު މައްސަލަތަކަކަށްފަހެވެ. އެންމެ ބޮޑު މައްސަލައަކަށްވީ ދެ ވަނަ ދައުރަކަށް ސޯލިހު ވާދަ ކުރައްވަން ނިންމެވުމެވެ. އެ އަހަރު ކުރީކޮޅު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނަޝީދުއާ ވާދަކޮށް ކާމިޔާބު ކުރެއްވީ ސޯލިހެވެ. އޭގެ ފަހުން ނަޝީދު ގެންދެވީ "ފިކުރެއްގެ ދިރުން" ނަމުގައި ޕާޓީ ތެރޭގައި ފެކްޝަނެއް ހިންގަވަމުންނެވެ.

އެއަށް ފަހު އެމަނިކުފާނުގެ ވަފާތެރިން އެމްޑީޕީން ވަކިވެ އުފެއްދި ދަ ޑިމޮކްރެޓްސްއަށް ނަޝީދު ސޮއިކުރެއްވި އެވެ. ދަ ޑިމޮކްރެޓްސްއިން 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބު އެވެ. އޭރު އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސްއަށް ބަދަލުވި އިސް ގިނަ ބޭފުޅުން ވަނީ އަލުން އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.

ނަޝީދު މިވަގުތު ހުންނެވީ މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުން ލިބޭ ގައުމުތަކުން އެ ގެއްލުންތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގަ އެވެ. އަމަލީ ގޮތުން އެއްވެސް ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިއެއް ނުވެ އެވެ. އެ މަގާމުގައި ހުންނެވި ނަމަވެސް ސިޔާސީ މަސައްކަތްތަކާ މުޅިން ދުރު ނުވާ ކަމަށް އެމަނިކުފާނު ޖެނުއަރީ 13، 2025 ގައި ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި މި ވަގުތު ރާއްޖެއަށާއި އެމްޑީޕީއަށް އަދި ޑިމޮކްރެޓްސް އަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅުން،" އެޕްރީލް 5، 2025 ގައި ނަޝީދު ވިދާޅުވެފައިވެ އެވެ. އެ ހިޔާލަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މަރުހަބާ ވިދާޅުވި އެވެ. ނަމަވެސް ދެ ޕާޓީ އެއްކޮށް މިހާތަނަށް ސިޔާސީ މަސައްކަތް ކޮށްފައި ނުވެ އެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަވެރިކަން ބޮޑެވެ. އެގޮތުން، މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފަ އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެ ޕާޓީގެ ރައީސް އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރެއްވި އަބްދުالله ޝާހިދު އަދި ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވެސް ޓިކެޓު ކާމިޔާބު ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމުގެ އަޑުތައް ފެތުރިފައި ވެ އެވެ.

ރާއްޖޭގައި ބޭއްވި އެންމެ ފުރަތަމަ މިނިވަން ޑިމޮކްރަޓިކް އިންތިހާބު ކާމިޔާބު ކުރެއްވި ނަޝީދު އެމްޑީޕީން ވަކިވީ އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވައި، 18 އަހަރު ދުވަހު އެ ޕާޓީގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވުމަށް ފަހު އެވެ. އެމަނިކުފާނަކީ އެމްޑީޕީ އުފައްދަން 2003 ވަނަ އަހަރު ސަރުކާރަށް ޕެޓިޝަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެކަކެވެ. ނަޝީދަކީ އެ އެމްޑީޕީގެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ޓިކެޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންނެވި ފުރަތަމަ ބޭފުޅާ އެވެ.